އިންޑިއާގެ ރިލަޔަންސް ކޮމިއުނިކޭޝަން ރާއްޖެ ގެންނަން އުޅޭކަމަށް އިދިކޮޅުން ތުހުމަތު ކޮށްފި!

ރާއްޖޭގައި މުއާސަލާތީ ހިދުމަތްދޭ ރަނގަޅު ކުންފުންޏެއް ނެތް ކަމަށް ބުނެ، ވާދަވެރިކަން އުފެއްދުމުގެ ނަމުގައި އިންޑިއާގެ މުއާސަލާތީ ހިދުމަތްދޭ ކުންފުނި ރިލަޔަންސް ކޮމިއުނިކޭޝަން ރާއްޖެ ގެންނަން އުޅޭކަމަށް އިދިކޮޅުން ތުހުމަތު ކޮށްފިއެވެ.
އިދިކޮޅު ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ވާހަކަަފުޅު ދައްކަވަމުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ވިޔަފާރި ދާއިރާގެ ވާދަވެރިކަން އުފެއްދުމުގެ ނަމުގައި މަޖިލީހަށް ބިލެއް ހުށައެޅީ އިންޑިއާގެ "ރިލަޔަންސް ކޮމިއުނިކޭޝަން" ރާއްޖެ ގެނައުމަށް ކަމަށާ އެކަމަށްޓަކައި ނިންމަންޖެހޭ ހުރިހާ ނިންމުންތަކެއް ސިއްރުން ނިންމާފައިވާ ކަމަށެވެ.
ޝިޔާމް ވިދާޅުވީ ރާއްޖެ މިއަދު ދަތުރު ކުރަމުންދަނީ ވަރަށް ބޮޑު އަނދިރިކަމެއްގެ ތެރެއަށް ކަމަށާ ރާއްޖެ އޮތީ އިންޑިއާގެ ފުލްކޮންޓްރޯޯލްގެ ދަށުގައި ކަމަށާއި އަދި ވިދާޅުވީ ރާއްޖެ އިންޑިއާގެ ދަށަށް ގެންގޮސްފައި ވަނީ ކަންބޮޑުވާން ޖެހޭ މިންވަރަށް ކަމަށާ ދިވެހި ގައުމުގައި މިއަދު އިންޑިއާއަށް ނޭންގޭ އެއްވެސް ކަމެއް ހިނގަމުން ނުދާ ކަމަށެވެ.
ވިޔަފާރި ދާއިރާގެ ވާދަވެރިކަން އުފެއްދުމުގެ ބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީއެވެ.
މިބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ރާއްޖޭގައި މުއާސަލާތީ ހިދުމަތް ދޭ ދެ ކުންފުނިން އެކަށީގެންވާ ރަނގަޅު ހިދުމަތެއް ނުދެވޭ ކަމަށާއި އެ ދާއިރާއަށް އިތުރު ކުންފުންޏެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ