ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރަށް ވާން ބޭނުންވާކަން ނަޝީދު، ރައީސަށް ދަންނަވައިފި

ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކޮށް، ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެއްޖެ އެވެ. މިއަދު ހަވީރު ރައީސް ސޯލިހަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، ވެރިކަން ހިންގުމުގެ ނިޒާމު ބަދަލު ކުރުމާ މެދު މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ. އެ މެސެޖު އެމަނިކުފާނު ވަނީ ކެބިނެޓުގެ ބައެއް ވަޒީރުންނަށާއި މަޖިލިސް މެމްބަރުންނަށްވެސް ފޮނުއްވާފަ އެވެ. އެ މެސެޖު "ސަން"އަށް ލިބިފައިވާއިރު، އެއީ ސައްހަ މެސެޖެއްކަން ވަނީ ކަށަވަރު ކުރެވިފަ އެވެ. ރައީސް ނަޝީދުގެ މެސެޖުގައި ހުށަހެޅުއްވީ، 2023ގައި ރިޔާސީ އިންތިހާބު ނުބާއްވައި، އަންނަ އަހަރު ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރާށެވެ. އަދި ސަރުކާރު އުވާލާށެވެ. އެމަނިކުފާނު ހުށަހެޅުއްވީ، މަޖިލީހުގެ މިހާރުގެ ދައުރު ނިމި މަޖިލިސް އިންތިހާބު ބާއްވަންދެން މަޖިލީހުން ގައުމު ހިންގާ ގޮތަށެވެ. އަދި އަލަށް އިންތިހާބު ކުރާ މަަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތަށްވެސް ހަމަޖެއްސުމަށް ހުށަހެޅުއްވި އެވެ. ވެރިކަން ހިންގުމުގެ އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ރައީސް ނަޝީދު އަބަދުވެސް ވިދާޅުވެ އެވެ. އަދި ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ނަމަވެސް ނިޒާމު ބަދަލު ކުރައްވާނީ ރައީސް ސޯލިހާ މަޝްވަރާ ކުރައްވާފައި ކަމަށް ވިދާޅުވެފައިވެ އެވެ. ރައީސް ނަޝީދު މަޖިލިސް ހިންގަވަނީ ގާނޫނުއަސާސީއާ ހިލާފަށް މަޖިލީހަށް ލިބިގެންވާ ބާރުގެ ބޭރުން، ބަރުލަމާނީ ނިޒާމެއްގައި މަޖިލިސް ހިންގާ ގޮތަށް ކަމަށް ބުނެ އިދިކޮޅުން ފާޑުކިޔަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ