ޝިކާރަ

(ފަސްވަނަ ބައި)
"ޓިޝޫއާ ޓެކްސްޓާ ގުޅުވާނީ ކިހިނެއް؟" ހައިލަމް ސުވާލުގެ ނަޒަރުން ބަލައިލީ ސީދާ ނައީމުގެ މޫނަށެވެ. "ކިހިނެއް ޓިޝޫއަކުން މާޑަރ ދެނެގަންނާނީ؟"
ނައީމު ހިނިތުންވެލިއެވެ. އޭނާ ފުން ނަޒަރަކުން ބަލައިލީ ސީދާ ހައިލަމްގެ މޫނަށެވެ. އެއަށްފަހު ފުން ނޭވާއެއް ދޫކޮށްލަމުން ގޮނޑީގައި ހަމަޖެހިލައި އަތުގައި އޮތް ގަލަމަށް ފިތައިލިއެވެ.
"އެންމެ ފުރަތަމަ ބަލަންވީ އެ ޓިޝޫ ބޭނުންކުރާ ތަނެއް. ޓިޝޫ ގެންގުޅޭ ތަނެއް. ރާއްޖެއަށް އެތެރެކުރާ ބަޔަކު. ދެން އަހަރުމެން ޖެހޭނީ ކުޑަކޮށް ފާރައަށް ތިބެން. ޝައްކުގެ ދެ ލޯ ބޮލަށް މަހައިލައިގެން. ފާރުގައި ކަންފަތް ހަރުކޮށްގެން. މީސްމީޑިއަށް ފީނައިގެން. އޭރުން އަހަރުމެންގެ އަތަށް ލިސްޓެއް އަރާނެ. ތުހުމަތު ކުރެވޭ މީހުން ފެންނަން ފަށާނެ." ލަސްލަހުން ނައީމު އޮޅުންފިލުވައިދިނެވެ.
ހައިލަމްގެ ދެ ތުންފަތަށް ބާރުކޮށްލެވުނެވެ. އޭނާއަށް ބޭއިހުތިޔާރުގައި ބޯ ޖަހައިލެވުނެވެ. އެ ހަރަކާތް ތަކުރާރުކުރެވުނެވެ. ނައީމު އިނީ ހައިލަމްގެ މޫނުގައި ކަޅި ތަތްކޮށްލައިގެންނެވެ.
"މިހާރު ޓިޝޫކޮޅާއި ޓެކްސްޓާ ގުޅުވާނެ ގޮތް އެނގިއްޖެދޯ،" ނައީމު ފުން ނަޒަރަކުން ހައިލަމްގެ މޫނަށް ބަލައިލިއެވެ. "ފޮރިންސިކް ލިންގުއިސްޓިކްސް 1949ގައި އިނގިރޭސި ވިލާތުގައި މަޝްހޫރުވެ، މަގުބޫލުވެގެން ދިޔައީ ވެސް މަރެއްގެ ތަހުގީގަށް ހޯދުނު މުހިއްމު ހޯދުންތަކެއްގެ ސަބަބުން. އިވާން ކިޔާ އިނގިރޭސި ރައްޔިތަކު އޭނާގެ އަންހެނުންނާއި ދަރިފުޅު މަރައިލި ހާދިސާގެ ތަހުގީގުގައި ހެކި ހޯދާ މާޑަރއަކީ އިވާންކަމަށް ނިންމީ ފޮރިންސިކް ލިންގުއިސްޓިކްސްގެ އަލީގައި ކުރި ތަހުގީގުތަކުން. އެހެންވެ އިތުރަށް މިކަން ވައިގަ ހިފައިފަ މިވަނީ."
"ދަރިފުޅާއި އަނބިމީހާ؟" ހައިލަމްގެ ޝައުޤުވެރިކަން ނައީމުގެ ވާހަކައިގެ ތެރެއަށް ދަމައިގަތް ކަހަލައެވެ.
"އާނ! ވަގުންގެ ފޮށި ބަންނަލެއް ބާރުވެފައި ހުޝިޔާރު ވެސް ވާނެ." ނައީމު ފުންމާނައެއް އެކުލެވޭ ގޮތަށް ވާހަކަ ބައްޓަންކުރިއެވެ.
"މާނައަކީ؟"
"އެކަމަކު އަހަރުމެން ހީނުކުރާ ގޮތަށް ވެސް ކަންކަން ބަދަލުވެ ނިމިފައި ހުރެދާނެ. ހަގީގަތުގައި މީހަކު ކުށުގެ ވެށްޓަށް ހުށަހެޅިގެންދަނީ ވަރަށް ގިނަ ހާލަތްތައް އެމީހަކަށް ކުރިމަތިވުމުން. ވަރަށް ގިނަ ކަންކަން ތަހައްމަލު ކުރާން ޖެހުމުން،" ނައީމު ފުން ނޭވާއެއް ބޭރުކޮށްލިއެވެ. "ބައެއް މީހުންނަކީ ބަލިމީހުން، ނަފުސާނީ ގޮތުން ބަލިކަށި މީހުން، އެފަދަ މީހުންނަށް ދިމާވާ ކަންކަމުން ސިކުނޑިއަށް ތަހައްމަލު ކުރާން ދަތިވުމުން އަތްފައިން ގޯސް ހެދެނީ. އަނެއްބައި މީހުންނަކީ ދިރިއުޅުމުގެ މުހުތާދުތައް ފުއްދުމަށް ޓަކައި ފައިސާއަށް ހެއްލޭ މީހުން."
ނައީމުގެ ކޮންމެ ވާހަކައަކަށް ހައިލަމް ބޯޖަހައިލަމުން ދިޔައެވެ. އޭނާ ޝައުޤުވެރިކަމާއެކު އަޑުއަހަން އިނުމުން ނައީމު އޭނާގެ ތަޖުރިބާގެ އަލީގައި ވާހަކަ ބައްޓަން ކުރަމުން ދިޔައެވެ.
"ބައެއް ފަހަރު އެބަހުރި، މީހުންގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ސީދާ ކުށުގެ ވެށްޓަށް މީހުން ނެރެފައި ވެސް. އިންސާނީވަގުފާރީގެ ޝިކާރައަކަށް ހަދައިގެން ޖަނަވާރުންގެ ހާލަތަށް ވައްޓައިލައިފަ ވެސް. ދެން ބާރުގަދަ ބޭސްތަކާއި މަސްތުވާތަކެތި ދިނުމަށް ފަހު ޕްރޮޖެކްޓުތަކުގެ ގޮތުގައި ރޭވިގެން ހިންގައިފާ ހަރަކާތްތަކެއް ގޮތުގައި ވެސް މިފަދަ ކަންކަން ކޮށްފަ. މި ހައްތަހާ ވެސް އަހަރުމެން ތަޖުރިބާކުރި ކަންކަން،" ނައީމުގެ އަތުގައި އޮތް ގަލަން މޭޒުމަތީގައި ބާއްވާލަމުން އޭނާގެ ދެ އަތް މޭޒުގައި ޖައްސައިލިއެވެ. "ދެހާހުގެ ކުރީކޮޅުން ފެށިގެން ރާއްޖޭގެ މާހައުލަށް އައި ސިޔާސީ ހަލަބޮލި ކަމުގެ ސަބަބުން އުފެދުނު އޮއިވަރާއެކު ކުށުގެ ވެށި ފުޅާވެ އިތުރުވެގެން ދިޔަ. ކޮވިޑަށްފަހު ދެން އައީ ވަރަށް ތަފާތު ދުވަސްކޮޅެއް. އެ ދުވަސްކޮޅު ޤާނޫނުތަކަށް ގެނެވުނު ބަދަލުތަކާއެކު ކުށުގެ ވެށި ތަންކޮޅެއް އަމާންވެ ކުށްކުރާ މިންވަރު ދަށްވެގެން ދިޔަ."
ނައީމުގެ ވާހަކަ މެދު ކަނޑައިލީ މޭޒުމަތީގައި ހުރި ފޯނު ރަނގަބީލުވާން ފެށުމުންނެވެ. ހައިލަމް ވެސް ބަލައިލީ ސީދާ ފޯނާ ދިމާއަށެވެ.
"އައްސަލާމް އަލައިކުމް." ނައީމު ފޯނަށް ޖަވާބުދާރީވަމުން ދިޔައެވެ.
ހައިލަމް އިނީ ސީދާ ނައީމުގެ މޫނަށް އަރައިފައިބަމުން ދިޔަ ކުލަވަރު ބަލާށެވެ. ނައީމުގެ ނިތާއި ބުމައަށް އަރަމުން ދިޔަ ރޫތަކުން ކަމެއް ގޯސްވި ޚަބަރު ލިބުނު ކަމުގެ އިހުސާސެއް ހައިލަމަށް ކުރެވެމުން ދިޔައެވެ.
"ޔޭސް ސަރ. އާދެ." ނައީމު ފޯނު ބޭއްވުމަށް ފަހު ނިތްކުރީގައި ކަނާއަތުން ފިރުމައިލިއެވެ.
"ކަމެއް ގޯސްވީތޯ؟" ހައިލަމަށް ކެތެއް ނުކުރެވުނެވެ.
ޖަވާބުދިނުމުގެ ބަދަލުގައި ނައީމު ބޮލުން ހަރަކާތް ކޮށްލީއެވެ.
"ކިނިހެއްތޯވީ؟" ހައިލަމް އަނެއްކާ ވެސް ސުވާލުކޮށްލިއެވެ.
"ސޭމްތިން ރިޕީޓިން. ފޭސް ޓޫގައި ހުރި ޓަވަރުތައް ކައިރީ އަންހެން ކުއްޖަކު މަރައިލައިފަ އޮތް ކަމަށް ރިޕޯޓުކޮށްގެން، އެ ސީންއަށް ދާން އެ ގުޅީ." ނައީމު ކޮޅަށް ތެދުވިއެވެ.
ޖެހިގެން އައި ދުވަހުގެ ހަވީރެެވެ. އަލޫކު އުޅުނީ ޑިއުޓީގައެވެ. އެއް މޭޒުން އޯޑަރ ނަގައި އަނެއް މޭޒުން އޯޑަރ ނެގުމުގައި އަވަދި ނެތިއެވެ. އަލޫކު މަޑުކޮށްލީ ރަހީމާއާއި ސިޔާދާ ތިބި މޭޒު ކައިރިއަށެވެ. ރަހީމާ ބަލައިލީ ސީދާ އަލޫކުގެ މޫނަށެވެ. އޭނާގެ ބެލުމުގައި އިތުރު މާނަތަކެއް އެކުލެވޭ ކަމަށް އަލޫކަށް ވިސްނުނެވެ. ސިޔާދާ ވެސް ކަޅި ޖަހައި ނުލައި ބަލަން އިނީ އަލޫކުގެ މޫނަށެވެ. އޭނާގެ ތަނަވަސް ހަށިގަނޑަށެވެ.
"އަލޫކު، ލޯބި ނަމެއް." ރަހީމާ ތުއިވެލަމުން ރާގު އަޅުވާލިއެވެ.
"ވާވް، ޔޫއަރ ޓޫ ހޮޓް." ސިޔާދާ ވެސް ރަހީމާގެ ވަޒަނަށް ވާހަކަ ބައްޓަން ކުރިއެވެ.
އަލޫކުގެ ވިންދު އަވަސްވިއެވެ. މޫނުމަތިން ފޫހިކަމުގެ އަސަރުތައް ފާޅުކޮށްލިއެވެ. އޭނާ އުޅުނީ އޯޑަރ ވެސް ނުނަގާ އެ މޭޒު ކައިރިން ދުރަށްދާށެވެ.
"އަޅެ ބޭބީ ދަނީތަ؟" ރަހީމާ ކުރިއަށްވުރެ ބޮޑަށް ތުއިވެލިއެވެ.
ހަމަ އެވަގުތެވެ. ނައީމާއި ހައިލަމް އެ ތަނަށް ވަދެގެން އައެވެ. އަލޫކުގެ ލޮލުގައި އެ ދެމީހުން އަޅައި ވެސް ގަތެވެ. ކުލަހެދުމުގައި ތިބި ނަމަވެސް ބަލައިލި ކޮންމެ މީހަކަށް ވެސް އެއީ ފުލުހުންކަން ކަށަވަރު ވާނެއެވެ. އެމީހުން ތިބި ގޮތުންނެވެ. ހިނގައިލުމުގައި ހުރި ތަރުތީބުކަމުންނެވެ.
ނައީމާއި ހައިލަމް އިށީނީ ރަހީމާމެން ތިބި މޭޒުގެ ކުރިމަތިން އެއް މޭޒު ދޫކޮށްލައިފައެވެ. ސީދާ އެމީހުންނަށް ފެންނަ ހިސާބުގައެވެ. ގޮނޑީގައި ހަމަޖެހިލަމުން ނައީމު އެއް ލޮލަށް ގޮތެއް ހަދައިލިއެވެ. ރަހީމާ ވެސް ހަމަ އެ ސިގުނަލް ނައީމަށް ފޮނުވާލިއެވެ. އެމަންޒަރު އަލޫކަށް ހަމަ ރަނގަޅަށް ވެސް ފެނުނެވެ. އެހެންވެ އޭނާއަށް ކުރެވުނު ޝައްކު ޔަގީންކުރިއެވެ. އަލޫކު މިސްރާބު ޖެހީ ބަދިގެބަޔާ ދިމާއަށެވެ.
ނަމަވެސް، ރަހީމާ އެކަން ހުއްޓުވިއެވެ. އަލޫކުގެ އަތުގައި ހިފައި ދަމައިގަތް ގޮތުން އޭނާ އަރިއަޅައިލިއެވެ. ސީދާ ރަހީމާ ބޭނުންވި ގޮތަށް އޭނާގެ އުނގުތެރެއަށް އަލޫކު ޖެހުނެވެ. ޖެހުނުހެން ހީނުވެ އަލޫކު ތެދުވިއެވެ. އަވަސްއަވަހަށް މައާފަށް އެދުނެވެ.
ސިޔާދާ އިނީ އެތެރެއިން ހޭށެވެ. މަންޒަރުބަލަން އިން ހައިލަމް ވެސް އެތެރެއިން ހީނހީނ އަވަދިވަނީއެވެ. ނައީމު އިޝާރާތްކޮށްލީ އޭނާގެ ބޮޑުވައިއިނގިލީގެ ހަރަކާތުން ރަހީމާ އަށެވެ.
އަލޫކު އެނބުރިލިއެވެ. އޭނާ ދިޔަގޮތަށް ދިޔައީއެވެ. އޭނާ ގޮސް އެތެރެއަށްވަދެ ނަޒަރު ހިންގައިލީ ކުރިމަތީގައި ހުރި ސްކުރީނަށެވެ. ރަހީމާއާއި ނައީމުގެ މާނަފުން ހަރަކާތްތަކަށް ސަމާލުކަން ހުއްޓައިލައިގެން އިރުކޮޅެއް ވަންދެން އޭނާ ހުއްޓެވެ.
ތަބަކަށް ފެންފުޅިއަކާއި ތަށްޓެއް ލައިގެން ނިކުމެ ނިކުމެހުރި ސިޔާދަށް އަލޫކު ގޮވައިލިއެވެ.
"ކިތައްވަނަ ޓޭބަލްއަށް؟" އަލޫކު އެނބުރިލިއެވެ.
"އިލެވަން." ސިޔާދު ހުއްޓުނެވެ.
"މަ ނަގާނަން. ސިޔާ ނަގައިބަލަ ޓޭބަލް ޓުވެންޓީ. ތިބޭނެ ވަރަށް ފަތަރާސީ ދެ އަންހެނުން. ރަނގަޅަށް ސަމާލުވާތި އެއީ ދެ ފުލުހުން. މާ ނޫން ކަމަށް ހެދިގެން ތުއިވެގެން އުޅޭ ދެ މީހުން. ނަމަނަމަ ވައި ނޭޅޭތި؟ ކަމެއްގަ އެތިބީ އައިސް." ސިޔާދުގެ ކަންފަތް ބުޑުގައި އަލޫކު ބުނެލިއެވެ.
"ވަޓް؟" ސިޔާދުގެ މޫނުމަތިން ސުވާލުގެ އަސަރުތައް ފާޅުކޮށްލިއެވެ.
"އާނ! އެނގެއެއްނު، ޝައްކުވަނީ. ޝައްކުކުރަނީ. އިލެވަންގަ އެ ތިބީ އޭގެ ފިރިހެން ވަރޝަން." އަލޫކު ބަލައިލީ ކުރިމަތިން ފެންނަމުން ދިޔަ ސްކުރީނަށެވެ.
"އޯހް. ސޯ ކިހިނެއް ވާންވީ؟" ސިޔާދު ބޯ ޖަހައިލިއެވެ.
"ވަރަށް ސާފެއްނު. ކުރިން ވެސް ކަންކުރި ގޮތަށް. މި ބުނީ އެއްކަލަ ފަހަރުވެސް ކަން ނިންމި ގޮތަށް. އެމީހުން ހިތަށް އަރަނީ އެމީހުންނޭ މޮޅުވާނީ. ނުވާނެ އެހެންނެއް. އަމުދުން މިކަމުގައި." އަލޫކު މުށްކަވާލަމުން ދަތްޕިލަ ޖައްސާ ބާރުކޮށްލިއެވެ.
"އޯކޭ ބެސްޓް އޮފް ލަކް." ސިޔާދު ވެސް އަލޫކާ އެއްބައިވެލިއެވެ.
ތަބަކުގައި ތަށިތައް އަތުރައިލާ ފެންފުޅި ވެސް ހިފައިގެން ދެމީހުން ދެ ދިމާއަށް ނުކުތެވެ. އަލޫކު ދިޔައީ އެމީހުން ރޭވި ގޮތަށް ނައީމުމެން ތިބި މޭޒު ކައިރިއަށެވެ. ސިޔާދު ދިޔައީ ރަހީމާމެންގެ މޭޒު ކައިރިއަށެވެ. ސިޔާދު ދިޔަ ބާރުމިނުގައި މޭޒުގައި ފައި އަޅައިގަތްކަމަށް ހަދައި ސީދާ ރަހީމާއާ ދިމާއަށް ވެއްޓިގަތެވެ. ރަހީމާ ނުވިސްނާ އިންދާ ހިނގި ހާދިސާއިން އޭނާއަށް ހަޅޭއްލަވާ ގަނެވުނެވެ. ނަމަވެސް އޭނާގެ އަނގައިން އެންމެ އަޑެއް ވެސް ބޭރެއް ނުވިއެވެ. ސިޔާދުގެ ނިތް ޖެހުނީ އޭނާގެ އަނގަމަތީގައެވެ. އޭރު ސިޔާދު ތިރިއަށް ސޮހެމުން ސޮހެމުން ގޮސް ރަހީމާގެ ތުންފަތުގައި އޭނާގެ ކޯތާފަތް ޖެހުނެވެ.
ނައީމުއިނީ ސީދާ ރަހީމާއަށް ބަލާށެވެ. ސިޔާދު ވެއްޓުނު ގޮތް ފެނިފައި އޭނާ ގާތަށް ހިނި ވެސް އައެވެ. ނަމަވެސް އެކަން ކޮންޓްރޯލްކޮށްލައިގެން އިނީއެވެ.
"ވަރަށް ވެއްޓޭ ކުދިން އުޅޭ ތަނެއް މީ ދޯ އަލޫކް." ނައީމު ހިނިތުންވެލަމުން ބަލައިލީ ސީދާ އަލޫކުގެ މޫނަށެވެ.
ބަދަލުގައި އަލޫކު އަނގައިން ނުބުނެ މޭޒުމަތީގައި ތަށިތައް އަތުރައިލާ ފެންފުޅި ބެހެއްޓީއެވެ.
"އޯޑަރ ޕްލީސް." އަލޫކު ރަސްމީ ރާގުގައި ބުނެލިއެވެ.
"ކީއްވެތަ އެވަރަކަށް އެ ވެއްޓެނީ؟ މި ސޮރު ވެސް އެމަންޖެ އުނގަށް ވެއްޓުނު. ދެން ދިޔަ ސޮރު ވެސް އެ ވެއްޓުނީ." ހައިލަމް ބަލައިލީ ސީދާ ނައީމުގެ މޫނަށެވެ.
"އެކްސިޑެންޓް ދޯ އަލޫ." ނައީމު އުޅުނީ އަލޫކުގެ ހިތް އަތުލައި އޭނާ ލައްވާ ވާހަކަދައްކުވަން ކަން އަލޫކަށް ދެނެގަނެވުނެވެ.
(ނުނިމޭ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ