ކޯވިޑް-19 : މިދިޔަ ހަފްތާގައި އެންމެ ބޮޑު ހޭދައެއްކުރީ ހެލްތު މިނިސްޓްރީއަށް

ކޯވިޑް19 އަށް ކުރި ޙަރަދުތަކުގެ ތެރެއިން މިދިޔަ ހަފްތާގައި އެންމެ ބޮޑު ހަރަދެއްކޮށްފައި ވަނީ ހެލްތް މިނިސްޓްރީއަށްކަމަށް ފިނޭންސް މިނިސްޓްރީގެ ރިޕޯޓުން ދައްކައިފިއެވެ.
ކޮންމެ ހަފްތާއަކުވެސް ފިނޭންސް މިނިސްޓްރީން އަންނަނީ "ވީކްލީ ކޯވިޑް19 ސްޕެންޑިންގ ރިޕޯޓު" އާންމުކުރަމުންނެވެ. މި ރިޕޯޓުން ދައްކާގޮތުން އޭގެކުރީ ހަފްތާއާއި އަޅާބަލާއިރު މިދިޔަ ހަފްތާގައި ކޯވިޑް19ގެ ސިއްހީ އަދި އިޖްތިމާއީ ކަންކަމަށް ކުރި ހޭދަ ވަނީ %0.4 އިތުރުވެފައެވެ. މީގެތެރެއިން ބޮޑުބައެއް ހޭދަކޮށްފައިވަނީ ހެލްތް މިނިސްޓްރީއަށެވެ. އެގޮތުން މިދިޔަ ހަފްތާގައި ހެލްތް މިނިސްޓްރީއަށް ވަނީ 4 މިލިއަން ރުފިޔާ ޙަރަދުކޮށްފައެވެ. އޭގެތެރެއިން ބޮޑުބައެއް ހަރަދުކޮށްފައިވަނީ މުވައްޒަފުންނަށް އެލަވަންސް ދިނުމަށެވެ.
ކޯވިޑް19ގެ ސިއްހީ އަދި އިޖްތިމާއީ ކަންކަމަށް މިހާތަނަށް ސަރުކާރުން ވަނީ 1.5 ބިލިއަން ރުފިޔާ ޙަރަދުކޮށްފައެވެ. ސިއްޙީ އަދި އިޖްތިމާޢީ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭގެ މަސައްކަތްތަކަށެވެ. އެ ސެންޓަރުގެ މަސައްކަތްތަކަށް 867.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ދެން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ހެލްތު މިނިސްޓްރީއަށެވެ. އެ މިނިސްޓްރީއަށް 376.8 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
ކޯވިޑްއަށް ސަރުކާރުން ކުރާ ހޭދައިން އެންމެ ބޮޑު ޙަރަދެއް ހިނގާފައިވަނީ މިބައްޔަށް ފަރުވާ ކުރަން ބޭނުންވާ ތަކެއްޗާއި، ޓެސްޓު ކިޓާއި ޕީޕީއީ ހޯދުމަށްކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ހާމަވެއެވެ. އެގޮތުން މި ތަކެތި ހޯދަން މިހާތަނަށް 652.6 މިލިއަން ރުފިޔާ ވަނީ ހޭދަކުރައްވާފައެވެ.
ސިއްހީ އަދި އިޖްތިމާއީ ކަންކަމަށް ކުރާ ހޭދައިގެ އިތުރުން ދެން ހިމެނެނީ އިކޮނޮމިކް ރެސްޕޮންސް ސްޕެންޑިންއެވެ. މިދިޔަ ހަފްތާއާއި އަޅާބަލާއިރު މިހަފްތާގައި އިކޮނޮމިކް ރެސްޕޯންސް ސްޕެންޑިންއަށް ކުރި ހޭދަ ވަނީ %0.4 އިތުރުވެފައެވެ. ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިކޮނޮމިކް ރެސްޕޮންސް ސްޕެންޑިންއަށް މިހާތަނަށް 1.5 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އިކޮނޮމިކް ރެސްޕޯންސް ސްޕެންޑިންގެ ތެރޭގައި ހަރަދުކުރަނީ ރިކަވަރީ ލޯނު ސްކީމްއާއި، އިންކަމް ސަޕޯޓް އެލަވަންސްއާއި، ކަރަންޓްބިލުންދޭ ޑިސްކައުންޓްތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ