މިއީ ލީޑަޝިޕްގެ ފެއިލްވުމެއް، އެކަމަކު ދުރަކަށް ނުދާނަން: ރައީސް ނަޝީދު

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލެ ސިޓީ އިން އެމްޑީޕީއަށް ލިބުނު ބޮޑު ނާކާމިޔާބީ އަކީ ޕާޓީގެ ލީޑަޝިޕްގެ ފެއިލްވުމެއް ކަމަށް، އެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ ކައުންސިލް އިންތިހާބަށް އެމްޑީޕީން މާލޭގައި ބޮޑެތި ކެމްޕޭނު ހަރަކާތްތައް ކުރިއަށް ގެންދިޔަ ނަމަވެސް، މާލެއިން ބޮޑު ނާކާމިޔާބީއެއް ލިބުނީ އެމްޑީޕީގެ ލީޑަޝިޕް ފެއިލްވުމުންތޯ ސުވާލުކޮށްފަ އެވެ. "އާދެ،" ނަޝީދު ވިދާޅުވި އެވެ. ނަމަވެސް އިތުރު ވާހަކަފުޅެއް ނުދައްކަވަ އެވެ. އެއީ ލީޑަޝިޕްގެ ފެއިލްވުމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވުމުން، ނޫސްވެރިޔާ ވަނީ އެކަމުގެ ޒިންމާ ނަންގަވާނަންތޯ ސުވާލު ކޮށްފަ އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ މާލެއިން ލިބުނު ނާކާމިޔާބާ މެދު އެމްޑީޕީން ވިސްނާނެ ކަމަށެވެ. އަދި ދެން ކުރަން ޖެހޭ ކަންކަން ވެސް އެމްޑީޕީން ކުރާނެ ކަމަށެވެ. "ދެން އެމްޑީޕީގެ ލީޑާޝިޕް ތިޔަ ވިދާޅުވަނީ އަޅުގަނޑަށްތޯ، ރައީސުލްޖުމްހޫރިއްޔާއަށް ތޯ، ނައިބު ރައީސަށްތޯ، ޗެއާ ޕާސަން އަށް ތޯ. އަޅުގަނޑުމެން އެންމެން ވެސް މިކަމާ ޒިންމާ ވާން ޖެހޭނެ. އަޅުގަނޑުމެން އެންމެންގެ އިހުމާލުން މި ޕާޓީގައި ނާކާމިޔާބީއެއް ވިއްޔާ ވާނީ، ކާމިޔާބެއް ވިއްޔާ ވާނީ އަޅުގަނޑުމެން އެންމެން އެކަމާ އުޅެގެން،" އެމަނިކުފާނު ވިދާޅުވި އެވެ. އިންތިހާބުތަކުން ނާކާމިޔާބުވުމުން، ދުނިޔޭގެ ބައެއް ގައުމުތަކުގައި ޕާޓީތަކުގެ ވެރިން، ޕާޓީން ދުރަށް ޖެހޭކަން ފާހަގަކޮށް، އެމަނިކުފާނުގެ އެފަދަ ވިސްނުންފުޅެއް ހުރިތޯ އެހެން ނޫސްވެރިޔަކު މިއަދު ސުވާލު ކުރި އެވެ. "ގަސްތެއް ނުކުރަން [އިސްތިއުފާ ދޭކަށް] އެއްގޮތަށް ވެސް،" އެމަނިކުފާނު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަކުން ނާކާމިޔާބުވެެގެން ދުނިޔޭގެ ލީޑަރަކު ޕާޓީ ދޫކުރެއްވިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. "މި ލީޑަރުވަތްކެއް ނުވާނެ. ނުވެސް ދާނެ އެއްވެސް ތަނަކަށް،" އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ނަޝީދު ވިދާޅުވީ، އިންތިހާބަކުން ނާކާމިޔާބުވާ ރޭ ވަރަށް ބައިވަރު އިނގިލިތައް އަމާޒުވާނެ ކަމަށެވެ. ނަމަވެސް އުންމީދުކުރި ކާމިޔާބީ ނުލިބުނު ސަބަބާ ގުޅޭ ގޮތުން މަޑުމަތިިރިކަމާ އެކު ވިސްނަން ޖެހޭނެ ކަމަށެވެ. އަދި ނަތީޖާ އެގޮތަށް ނުކުތީ ސަރުކާރުގެ ކޮން ސިޔާސަތެއް ކޮން ގޮތަކަށް އޮތުމުންތޯ، ނުވަތަ ކޮން ކަމެއް ދިމާވެގެންތޯ އަދި ނުބައްލަވާ ކަމަށެވެ. އިންތިހާބަކަށް ފަހު ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ ބަލި ގަބޫލުކުރުން ނުވަތަ ކާމިޔާބީ އިއުލާނުކުރުން ކަމަށް ނަޝީދު ވިދާޅުވި އެވެ. "އެހެންވީމާ އަޅުގަނޑުމެން މިހާރު މި ކުރާ ކަމަކީ މުޅި ރާއްޖޭގެ އިންތިހާބު އަޅުގަނޑުމެންނަށް ކާމިޔާބު ވެއްޖެކަމާއި އެހެން ނަމަވެސް މާލޭގެ އިންތިހާބު އަޅުގަނޑުމެން ބަލިވެއްޖެ ކަމަށް ގަބޫލުކުރުން. އެއަށް ފަހު އަޅުގަނޑުމެންނަށް ދެވޭނީ އޭގެ ސަބަބުތައް އޮޅުންފިލުވަން،" އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވި އެވެ. ނަޝީދު މިއަދު ވިދާޅުވީ އެމްޑީޕީއަށް މާލެ ސިޓީ ކައުންސިލް ގެއްލުނީ އެންޓިކެމްޕެއިން ކޮށްގެން ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. "ރަނގަޅަށް [އެންޓި ކެމްޕޭން] ނުކުރެވުނީމާ ކަމަށް ގަބޫލުކުރަނީ. އެންޓިކެމްޕެއިން،" އެމަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް އެމްޑީޕީއަށް އެންޓި ކެމްޕެއިން ކުރަން ނުކެރޭ ކަމަށާއި ދޭތެރެއަކުން އެއްޗެއް ބުނުމަށް ފަހު ވެސް އޭގެ އަސްލު "ފުންމިނަށް" ނުދެވޭ ކަމަށް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ރަނގަޅަށް އެންޓި ކެމްޕެއިން ކުރެވުނު ނަމަ އޭގެ ނަތީޖާ ފެނުނީސް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ