މިހާރަށް ވުރެ އިތުރު ޕްރެޝަރު ސަރުކާރަށް ކުރާނަން، ރައީސް ޔާމީން ދޫކޮށްލަން މަޖުބޫރުވާނެ: ޝިޔާމް

މަނީ ލޯންޑްރިންގް މައްސަލައެއް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދޫކޮށްލަންދެން ސަރުކާރަށް މަޖުބޫރު ވާނެ ކަމަށާއި މިހާރަށް ވުރެ އިތުރަށް ސަރުކާރަށް ޕްރެޝަރު ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. މަސްވެރިކަމުގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައި އިސްލާހުގެ ބަހުސް މަރުހަލާގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ ސަރުކާރުން ހިންގާ ކަންކަމަށް ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނެފައިވާ ކަމަށެވެ. އިތުރު ތިލަފަޅުގެ އެގްރިމެންޓް އާންމު ނުކުރުމާއި ވައްކަން ކުރާ މީހުންނާއި ޖިންސީ ގޯނާ ކުރާ މީހުން ދޫކުރުމަކީ ވެސް ރައްޔިތުން ނޫނެކޭ ބުނި ސަބަބުތައް ކަމަށް ޝިޔާމް ވިދާޅުވި އެވެ. ނުހައްގުން ނާއިންސާފުން ރައީސް ޔާމީން ޖަލުގައި ހުރުމުން އެމަނިކުފާނު މިނިވަން ކުރުމަށް ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއިން ރައްޔިތުން ބުނެދީފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. "ރައީސް ޔާމީން ބަދަލުކުރަން އެބަޖެހޭ ގެއަށް. ރައީސް ޔާމީން މިނިވަން ކުރަން އެބަޖެހޭ. ރައްޔިތުންގެ ހުރި މައްސަލަތައް ހައްލުވާ ކަމަށް އެބަފެނޭ ރައީސް ޔާމީން އަޅުގަނޑުމެންނާ އެކީގައި ބައިވެރިވެވޭ ކަމަށް ވަނީ ނަމަ. މި މައްސަލަތައް ހައްލު ކުރުމަށްޓަކައި މިޙާރު އަޅުގަނޑުމެން ސަރުކާރަށް މިކުރާ ޕްރެޝަރަށްވުރެ އިތުރު ޕްރެޝަރު ކުރެވިގެން ސަރުކާރަށް މަޖުބޫރުވާ ހާލަތަށް ދާނެ ރައްޔިތުންގެ ކަންތައްތައް ކޮށްދެން." ޝިޔާމް ވިދާޅުވި އެވެ. މި ވެރިކަމަކީ އެމްޑީޕީގެ ވެރިކަމެއް ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި ވަކި ކަމެއް ނުވަނީ މަޖިލީހުގެ ރައީސްގެ ސަބަބުން ކަމަށް ނުވަތަ އެހެން މީހަކާ ހެދި ކަމަށް ބުނެ ނިންމާލެވެން ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. "އެމްޑީޕީގެ ވެރިކަމެއްގައި އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުވާން ޖެހޭނެ ކަމަށް ރައްޔިތުން އެބަ ގަބޫލުކުރޭ. އެހެން ނަމަވެސް ހިސާބަށްވުރެއް ކަންނެއް ވެރިޔަކު ދިވެހިރާއްޖޭގެ ވެރިކަމުގައި ހުރެގެން ކަންތައްތައް ވާނެ ގޮތްތައް އަޅުގަނޑުމެންނަށް ފެނިގެން މިދަނީ." ޝިޔާމް ވިދާޅުވި އެވެ. ޝިޔާމް ވިދާޅުވީ މިއީ ދވެހި ތާރީހު ދުއް އެންމެ ނާގާބިލް ސަރުކާރު ކަމަށެވެ. ސަލްމާން މިސްކިތުގައި ނަމާދު ކޮށްލެވޭނެ ކަމުގެ ފޮނި އުންމީދުގައި ތިބި މާލޭ ރައްޔިތުން މާޔޫސްވެފައިވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. ނިމިފައި ހުރި މިސްކިތެއް ހުޅުވާލަން ނުކެރިގެން އުޅޭތަން ފެންނަ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ