ފައިސާ ޗާޕް ކުރަން ބަހުސް ނުކުރާތީ އިދިކޮޅުގެ ފާޑުކިޔުން

ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރަން މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނެގި 4.4 ބިލިއަން ރުފިޔާގެ އޯވަޑްރާފްޓު ނުވަަތަ އޯވަޑްރޯ ފެސިލިޓީގެ މުއްދަތު އިތުރު ކޮށްދޭން މަޖީލީހުގައި އެދިފައި އޮތަސް އެކަމާ ގުޅޭ ގޮތުން އެމްޑީޕީގެ މެމްބަރުން ބަހުސް ކުރަން ބޭނުން ނުވާ ކަމަށް ބުނެ އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ފާޑުކިޔުން އަމާޒު ކޮށްފި އެވެ.
އޯވާ ޑްރާފްޓްގެ މުއްދަތު އިތުރު ކުރަން ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅުމުން އެކަމާ ގުޅޭ ބަހުސްތައް ފެށީ އިއްޔެ އެވެ. އަދި މިއަދު ވެސް އޭގެ ބަހުސްތައް މަޖިލީހުގެ ތަޅުމުގައި ކުރިއަށް ގެންދިޔަ އެވެ.
އެ ބަހުސްގައި އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ ސަރުކާރުން ހުށަހެޅި ގޮތަށް ތާއިދުކުރައްވައިފަ އެވެ. ނަމަވެސް ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެ ހުށަހެޅުމަށް ތާއިދު ނުކުރައްވަ އެވެ.
އަފީފް އެދިވަޑައިގެންނެވީ ފިނޭންސްގެ ހުށަހެޅުން އިތުރަށް ދިރާސާކުރުމަށް މިހާރު އަަމަލުކުރަމުންދާ އުސޫލުގެ ދަށުން މާލިއްޔަތު ކޮމެޓީއަށް ފޮނުވައިގެން އެކަން ކުރުމުގެ ބަދަލުގައި ވަކި ކޮމެޓީއެއް ހަދައިގެން އެކަން ދިރާސާކުރުމަށް ފަހު ނޫނީ އޯވާޑްރާފްޓަށް ހުއްދަ ނުދިނުމަށެވެ. ނަމަވެސް މަރަދޫ ދާއިރާގެ އެމްްޑީޕީ މެމްބަރު އިބްރާހީމް ޝަރީފް ބޭނުންވެލެއްވީ ކޮމެޓީއަކަށް ނުގެންގޮސް ސަރުކާރުން ބޭނުންވާ ގޮތަށް ފާސްކޮށްދިނުމަށެވެ. ވިދާޅުވީ ކޮވިޑްގެ މި ހާލަތުގައި އިގްތިސާދު އަލުން ކޮޅަށް ޖަހައި ރައްޔިތުންގެ ބަނޑުފުރާނަ މުއްތިކުރަން ކޮންމެހެންވެސް އޯވާޑްރާފްޓަށް ޖާގަ ދޭން ޖެހޭ ކަމަށެވެ.
ބަހުސްގައި ބައިވެރިވެލެއްވި ޕީޕީއެމްއަށް ނިސްބަވްތާ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ ވިލުފުށީ ދާއިރާގެ މެމްބަރު އަފީފްގެ ހުށަހެޅުމަށް ތާއިދު ކުރައްވައި އޯވާޑްރާފްޓްގެ ކަންކަން ދިރާސާކުރަން ހާއްސަ ކޮމެޓީއެއް ހަދައިގެން އެކަން ކުރިއަށް ގެންދިއުމަށް ގޮވާލައްވައިފަ އެވެ.
އޯވާ ޑްރާފްޓްކުރަން ނިންމި ނިންމުމަށް ފާޑު ވިދާޅުވެ ސައީދު ވަނީ އެކަން ކުރުމަށް ފަހު އަނބުރާ ފައިސާ ދައްކާނެ ގޮތެއް އޮތްތޯ ސުވާލު އުފައްދަވައިފަ އެވެ. އަދި އެ ފައިސާ ދައްކަން ޖެހޭނީ ލޯން ނަގައިގެން ކަމަށް ވިދާޅުވި އެވެ. އެހެންކަމުން މިހާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް އިތުބާރުނެތް ކަން ފާހަގަކުރައްވައި މިހާރަށް ވުރެ ގާބިލް ވަޒީރެއް އައްޔަނުކުރަން ސައީދު ގޮވާލެއްވި އެވެ.
"65 މެމްބަރުން ތިބެ ކީއްވެގެންތޯ މި މައުލޫއަށް ޑިބޭޓް ނުކުރެވިގެން މިއުޅެނީ. ވާރަށް ސާފުކޮށް އެބަ އެނގޭ ގިނަ މެމްބަރުން މިއާ ދެކޮޅުކަން. އެހެން ނަމަވެސް ސަރުކާރުން މިކަން ކުރަން އަތް އަނބުރާތީ މިކަން ކުރަން އުޅެނީކަން،" ސައީދު ވިދާޅުވި އެވެ.
މީގެ ކުރިން އޯވާޑްރާފްޓްކުރަން ހުއްދަ ދިން އިރުވެސް އެމްޑީޕީގެ ބައެއް ފަރާތައްތައް އެކަމާ ދެކޮޅު ހެއްދެވި އެވެ. ހާއްސަކޮށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ ނަން ފާހަގަ ކުރައްވައި އިއްޔެ ސައީދު ވަނީ އީވާގެ ނިންމުން ފަހުން ބަދަލުކުރުމުން އެކަމަށް ވެސް ފާޑުވިދާޅުވެފަ އެވެ.
މިއަދުގެ ބިލަށް ބަހުސްކުރެެއްވި ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ވަނީ މިދިޔަ އަހަރުވެސް އޯވާ ޑްރާފްޓްކުރުމަށް ހުއްދަ ދިނުމަށް ފަހު އެ ފައިސާ ތައް ހަރަދުކުރި ގޮތުގެ ތަފްސީލް ހާމަކޮށްފައި ނުވާތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އަދި އޯވާޑްރާފްޓް ދެވަނަ ފަހަރަށް ކުރުމުން ރައްޔިތުން ދަރަނިވެރިވެ ފައިސާގެ އަގުވެއްޓިދާނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.
"އަޅުގަނޑު ސާފުކޮށްލަދޭން ބޭނުންވޭ މިއަދު ކީއްވެގެންތޯ އިއްޒަތްތެރި ރައީސް [ނަޝީދު] ހަނު މި ހުންނެވީ. ހަމަ ޔަގީނުންވެސް މީގެ ކުރިން ރައީސް ވިދާޅުވި މިއީ [އޯވާޑްރާފްޓް] ކުރުން މިއީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނޭ. މިއަދު ފައިނޭންސް މިނިސްޓަރަށް އިތުބާރު އޮތީތޯ. އަޅުގަނޑުމެން މި އުޅެނީ މިކަމާ ގުޅޭ ބަހުސްގައި އެމްޑީޕީ މެމްބަރުން ބައިވެރި ނުވެގެން. ކީއްވެގެން ބާއޭ އަޅުގަނޑު ހިތަށް އަރަނީ." ލަތީފް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ