ކާފިއުގެ ވަގުތުގައި ތަކުރާރުކޮށް ބޭރުގައި އުޅުނު މީހަކު ޖޫރިމަނާކޮށްފި

ކޮވިޑް-19 އިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން މާލެ ސަރަހައްދުގައި މީހުން ގޭގައި ތިބެން އަންގައި، ކާފިއު އިއުލާން ކޮށްފައިވާ ވަގުތުގައި ބޭރުތެރޭގައި އުޅޭ މީހުން ޖޫރިމަނާކުރަން ފަށައިފިއެވެ.
ފުލުހުންގެ އިދާރާއިން ބުނީ، މިއަދު ހަވީރު 5 ކުން މިރޭގެ 8 އަށް ކާފިއު ހިންގި ވަގުތު ބޭރުތެރޭގައި އުޅުނު އެކަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
ކާފިއު ހިންގާފައި އޮންނަ ވަގުތުގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުން ފުރަތަމަ ފަހަރަށް ނަސޭހަތްދިނުމުންވެސް އެކަން ތަކުރާރުކޮށްފިނަމަ 1،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.
މިމަހުގެ 2 ވަނަ ދުވަހުން ފެށިގެން ހިންގަންފެށި ކާފިއުގެ ވަގުތުގައި ބޭރުގައި އުޅެގެން މީހަކު ޖޫރިމަނާކުރި މިއީ ފުރަތަމަ ފަހަރެވެ.
ފުލުހުން ބުނީ، ކާފިއު ވަގުތުގައި ބޭރުތެރޭގައި އުޅެގެން މީހަކު ޖޫރިމަނާ ކުރާނީ، ދެ ފަހަރަށް ނަސޭހަތްދިނުމަށްފަހު އިންޒާރުވެސް ދިނުމަށްފަހުގައި ކަމަށެވެ. އަދި މީހަކު ޖޫރިމަނާ ކުރާނީ އެކަންކަން ފުރިހަމަވެފައިވާކަން ފުލުހުންގެ ރެކޯޑުން ދެއްކުމުން ކަމަށެވެ.
ކާފިއު ހިންގާތާ މިއަދަށް 4 ދުވަސް ވީއިރު، ބޭރުގައި އުޅެގެން 122 ދިވެއްސަކާއި 17 ބިދޭސީ އަކަށް މިއަދު ނަސޭހަތް ދެވުނު ކަމަށް ފުލުހުންބުނެ އެވެ. އަދި މިހާތަނަށް ދެ ފަހަރަށް ނަސޭހަތް ދެވުނު މީހުންގެ އަދަދަކީ 7 ކަމަށެވެ.
ޑިރެކްޓަރު ޖެެނެރަލް އޮފް ޕަބްލިކް ހެލްތު، ވަކި ގޮތެއް އަންގަންދެން ކޮންމެ ދުވަހެއްގެ ހަވީރު 5:00 އިން ރޭގަނޑު 8:00އާ ދެމެދު މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ މަގުތަކުގައި އުޅަނދުފަހަރު ދުއްވުމާއި މީހުން އުޅުން ހުއްޓާލުމަށް ވަނީ އަމުރު ނެރެފައެވެ. އަދި އެ އެންގުމާއި ޚިލާފަށް ހުއްދަނެތި އެގަޑީގައިި ބޭރުގައި އުޅޭ މީހުންނަށް ނަސޭހަތްތެރިވެ، އަދި އެކަން ތަކުރާރުކޮށްފިނަމަ 1000 ރުފިޔާއިން ޖޫރިމަނާ ކުރަން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ