ކޮވިޑް19: އިންޑިޔާގެ ބޮޑު ވަޒީރު ތެޔޮ ބައްތި ދިއްލުމުގައި

ކޮވިޑް19 އާއި ދެކޮޅަށް ކުރާ ހަނގުރާމައާއި ދެކޮޅަށް އިންޑިއާގެ ރައްޔިތުންގެ އެއްބައިވަންތަކަން ދައްކާލުމަށާއި ސިއްހީ ހިދުމަތްތެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އިސްނަގައިގެން ފުޅި ބައްތި ރޯކުރުމުގެ ކެމްޕެއިނެއް ބާއްވައިފިއެވެ.
މޯދީގެ އިސްނަގައިގެން ބޭއްވި މި ކެމްޕެއިންގައި އޭނާ ވަނީ އޭޕްރިލް 5 ވަނަ ދުވަހުގެ ރޭ 9 ޖަހާއިރު 9 މިނެޓަށް ހުރިހާ ކަރަންޓު ބޮކިތަކެއް ނިއްވައި ތެޔޮ ބައްތި އާއި އުއްބައްތި ދިއްލުމަށް އެދިފައެވެ.
މި ކެމްޕެއިނަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. ނަމަވެސް ސިއްހީ ހިދުމަތްތެރިންގެ އަގު ވަޒަން ކުރުމަށްޓަކައި ބޭއްވިގެން ދިޔަ މި ކެމްޕެއިން ވެގެން ގޮސްފައިވަނީ ބޮޑު އުފާފާޅުކުރުމަކަށް ކަމުގައި ގިނަ ބަޔަަކު ވަނީ ފާޑުކިޔާފައެވެ. އެގޮތުން މި ހަރަކާތް ބޮޑަށް ވައްތަރު ވެގެން ގޮސްފައިވަނީ އިންޑިއާގެ ހިންދޫން ފާހަގަކުރާ ދިވާލީ އާއި ކަމަށް ވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
މޯދީ މިގޮތަށް ލައިޓުތައް ނިވާ ތެޔޮ ބައްތި ރޯކުރުމަށް އެދުމާއެކު މޯދީގެ ނަމުގައި ފުރަތަމަ ވަނީ ފޭކު މެސެޖުތަކެއް ވެސް ވަޓްސްއެޕާއި ޓްވިޓާގައި ދައުރުވެފައެވެ. އެގޮތުން ތެޔޮ ބައްތި ދިއްލަނީ ކޮރޯނާ ވައިރަސް މަރަން ކަމަށާއި ހުރިހާ ގެއެއްގައި ތެޔޮ ބައްތި ދިއްލުމުން އޭގެ ހޫނުން ވައިރަސް މަރުވާނެކަމަށް ބުނެ ވަނީ ދޮގު މައުލޫމާތު ފަތުރާފައެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ޖުމްލަ 3,588 ކޭސްވަނީ އިންޑިއާއިން ރިޕޯޓުކޮށްފައެވެ. އަދި އިންޑިއާގައި 99 މީހަކުވަނީ ބަލިޖެހިގެން މަރުވެފައެވެ.
ކޮރޯނާ ވައިރަސް ދުނިޔޭގެ 180 އަށް ވުރެ ގިނަ ގައުމަށް ފެތުރިފައިވާއިރު ބަލި ޖެހުނު މީހުންގެ އަދަދުވަނީ 1,258,092 އަށް އަރާފައެވެ. އަދި ބަލީގައި މަރުވި މީހުންގެ އަދަދުވަނީ 68,287 އަށް އަރާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ