ޖާބިރު ނަޝީދުއަށް: އަވަހަށް ތެދުވެވުނީތީ ﷲ އަށް ހަމްދުކުރިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެއްޓިވައިޑައިގަތުމަށްފަހު އަވަހަށް ތެދުވެވުނީތީ މާތް ﷲގެ ހަޟްރަތަށް ހަމްދު ދެންނެވިކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޓޮއިލެޓް ޕޭޕާ ރޯލެއް ނުވަތަ ޓިޝޫ ރޯލެއް ބޭނުންކޮށްގެން ވީހާވެސް ގިނަ ވަގުތު ޖަގްލްކުރުމުގެ ޗެލެންޖު ފުރިހަމަ ކުރަން އުޅުމުގެ ތެރެއިން ކުރީގެ ރައީސް ނަޝީދު ވެއްޓިވައިޑައިގަތުމުން އަވަހަށް ތެދުވެވުނީތީ ﷲ ގެ ހަޟްރަތަށް ހަމްދު ކުރެއްވިކަމަށް ޖާބިރު ވިދާޅުވީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިންނެވެ.
ޖާބިރު ވިދާޅުވީ، އިއްޔެ ރައީސް ނަޝީދު ވެއްޓިވަޑައިގަތުމަށްފަހު ނުތެދުން ނަމަ ވަރަށް ދެރަވާނެ ކަމަށެވެ. ޖާބިރު އިތުރަށް ވިދާޅުވީ،އެހާ ފަސޭހައިން ރައީސް ނަޝީދަށް ތެދުވެވަޑައިގެންނެވުމުން ﷲ އަށް ޝުކުރު ދެންނެވުމަށްޓަކައި އެބޭފުޅާ ރޭ ހަތަރު ދަމު އިންނެވީ ނަމާދު ކުރައްވަން ކަމަށެވެ.
ރައީސް ނަޝީދު ޓޮއިލެޓް ޕޭޕަރުގައި ޖެހިތަނާ ތަޅުން މައްޗަށް ވެއްޓުނީއެވެ. ރައީސް ނަޝީދަށް ޓޮއިލެޓް ޕޭޕަރ ޗެލެންޖް ފުރިހަމަ ނުކުރެވުނު ނަމަވެސް ތަޅުން މައްޗަށް ވެއްޓުމުން ތަދުވާނެކަން ޔަގީނެވެ.
ޓޮއިލެޓް ޕޭޕަރ އިން ޖަގްލްކުރުމުގެ ޗެލެންޖް ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމުގެ އިތުރުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދާއި، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިތުރުން ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފު ވެސް ވަނީ ފުރިހަމަ ކުރައްވާފައެވެ. މީގެ އިތުރުން، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް މި ޗެލެންޖް ފުރިހަމަ ކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ