އަދީބު ގޭގައި ބެހެއްޓުމަށްފަހު ރައީސް ޔާމީން ޖަލުގައި ބަހައްޓަވާތީ ޖަމީލްގެ ނުރުހުން

ވަކި މީހަކަށް ވަކި ގޮތެއް ނުހައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވިއިރު އެމްއެމްޕީއާރްސީ މައްސަލައިގައި އަދީބާއި ޒިޔަތަށް އިއްވާފައިވާ ހުކުމް ގޭގައި ތަންފީޒް ކުރަމުން ނުގެންދޭތޯ ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ނުރުހުން ފާޅުކުރައްވައިފިއެވެ.
ކޮވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި ކުރީގެ ރައީސް ޔާމީން ދޫކޮށްލުމާއި ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިހް ވިދާޅުވީ ޖަލުގައި ހުރި ވަކި މީހަކާއި މެދު ވަކި ގޮތަކަށް ކަންތައްތައް ކުރެއްވުމެއް ވިސްނުންފުޅެއް ނެތް ކަމަށެވެ.
ރައީސްގެ ވާހަކަފުޅަށް ރައްދު ދެއްވާ ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ވަކި މީހަކަށް ވަކި ގޮތެއް ނުހައްދަވާނެ ކަމަށް ރައީސް ވިދާޅުވިއިރު އެމްއެމްޕީއާރްސީ މައްސަލައިގައި އަދީބު އާއި ޒިޔަތަށް އިއްވާފައިވާ ހުކުމް ގޭގައި ތަންފީޒް ކުރަމުން ނުގެންދޭތޯ؟ ރައީސް ހެއްދެވީ ކަނޑައެޅިގެން އިތުރުފުޅެއް. އަދީބު ފިލަންދިޔައީވެސް ގޭގައި ހުއްޓާ." ކަމަށެވެ.
އެމްއެމްޕީއާރްސީގެ މައްސަލައިގައި އަދީބުގެ މައްޗަށް އިއްވި ހުރިހާ ޙުކުމެއް މިހާރު ވަނީ ބާތިލް ކޮށްފައެވެ. ނަމަވެސް އޭނާގެ މައްޗަށް ދައުލަތުން ވަނީ ފަހުން ދައުވާތަކެއް އުފުލާފައެވެ. އެދައުވާތައް އުފުލިތާ މިހާރު މަސްތަކެއް ފާއިތުވެގެން ގޮސްފައި ވާއިރު އަދިވެސް މައްސަލައިގެ ޝަރީޢަތް ކުރިއަކަށް ނުގެންދެއެވެ. ޒިޔަތުގެ މައްޗަށް ވެސް ދައުވާތަކެއް އުފުލާފައި ވާއިރު އެމައްސަލައިގެ ޝަރީޢަތްތައް ވެސް ކުރިއަކަށް ނުދެއެވެ.
އަދީބާއި ޒިޔަތަކީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ބައިވެރިން ކަމަށް އެބޭފުޅުން ވަނީ އަމިއްލަފުޅަށް އިއުތިރާފް ވެސް ވެފައެވެ. ނަމަވެސް 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އެބޭފުޅުން ތިއްބަވަނީ ގޭ ބަންދުގައެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތައް ލިބެން ޖެހުނު އެއްމިލިއަން ޑޮލަރެއް ރައީސް ޔާމީން އެކައުންޓަށް ޖަމާކޮށް އެއިން މަންފާ ހޯދިކަމަށް ބުނެ އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލާފައި ވާއިރު، އެމްއެމްޕީއާރްސީގެ އެހެން ހުރިހާ މައްސަލައެއްގައި ވެސް ރައީސް ޔާމީންގެ ބައިވެރިވުން އޮތް ކަމަށް ބުނެ ފުލުހުން މިހާރު ތަޙްޤީޤެއް ކުރިއަށް އެބަގެންދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ