ނަން އިއްވެވުމުން އާރިފް ޖަލްސާއިން ނުކުމެވަޑައިނުގަތުމުން ވައިކަރަދޫ ކައުންސިލުން އެކަން ކުށްވެރިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަން އިއްވެވި ވައިކަރަދޫ ދާއިރާގެ މެންބަރު އަލީ އާރިފު ޖަލްސާ ދޫނުކުރައްވައި އިންނެވުމަކީ "ހަޑިމުޑުދާރު އަމަލެއް" ކަމަށް ބުނެ، އޭނާގެ ސަބަބުން މިއަދުގެ ޖަލްސާ ނިންމާލަން ޖެހުމުން ވައިކަރަދޫ ކައުންސިލުން އެކަން ކުށްވެރިކޮށްފި އެވެ.
ހދ. އަތޮޅު ވައިކަރަދޫ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގެ އަމުރަށް އާރިފް ކިޔަމަންވެވަޑައި ނުގެން އެކުރެއްވި ހަޑިމުޑުދާރު އަމަލްތައް އެ ކައުންސިލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.
"މަޖިލީހުގައި 5000 މީހުން ފަރާތުން އެދާއިރާއެއް ތަމްސީލްކުރައްވާ ވައިކަރަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަލީ އާރިފް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ހުއްޓުވާ އެމަޖިލީހުގެ ތަޅުމުގައި އެކުރެއްވި ހަޑިމުޑުދާރު އަމަލުތައް މިކައުންސިލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ،" އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވައި، ވައިކަރަދޫ ކައުންސިލްގެ ރައީސް އަހުމަދު ވަހީދު ސޮއިކުރައްވައި ނެރުނު ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
ޒެޑް ޑީއާރްޕީއަށް ނިސްބަތްވާ މެންބަރުން މަޖިލިސް ކުރިއަށް ނުގެންދެވުމަށް ކުރައްވާ މަސައްކަތަށް އިޝާރާތް ކުރައްވާ ނޫސްބަޔާނުގައި ބުނެފައި ވަނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް އަމަލު ނުކުރެއްވުމަކީ އެބޭފުޅުން މެންބަރު ކަމަށް ކުފޫ ހަމަނުވާކަން ދޭހަކޮށްދޭ ހެއްކެއް ކަމަށެވެ.
"މި ކައުންސިލުން ދެކޭ ގޮތުގައި ގާނޫނު ހެދުމުގެ ބުރަ މަސްއޫލިއްޔަތު ކޮނޑުއަޅުއްވައިގެންނާއި، ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށް ވައުދުވެވަޑައިގެން، މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރައްވާ، ރައްޔިތުންގެ ވިންދާ އެއްގޮތަށް އަމަލް ނުކުރެއްވުމަކީ އެބޭފުޅުން މެންބަރު ކަމަށް ކުފޫ ހަމަނުވާކަން ދޭހަކޮށްދޭ ހެއްކެކެވެ،" އެނޫސްބަޔާނުގައިވެ އެވެ.
އާރިފްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ