ރޮނާލްޑޯގެ މޮޅު ގޯލަށް ބެކަމް ތައުރީފްކޮށްފި

ޑޭވިޑް ބެކަމް ކުޅެމުންއަންނަ އެލްއޭ ގެލެކްސީއާއި ދެކޮޅަށް ސްޕެއިންގެ ރެއާލް މެޑްރިޑް ވޯލްޑް ފުޓްބޯލް ޗެލެންޖްގައި ކުޅުނު މެޗްގައި ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި މޮޅު ގޯލަށް ބެކަމް ތަޢުރީފްކޮށްފި އެވެ.
ރޮނާލްޑޯވަނީ އެލްއޭ ގެލެކްސީގެ ތިން ކުޅުންތެރިއަކު ކައިރީގައި 'ސްޓެޕް އޯވާ' ގެ މޮޅު ހުނަރު ދައްކާލުމަށްފަހު މިދިޔަ ހޮނިހިރު ދުވަހު ކުޅުނު މެޗްގައި ގޯލެއްޖަހައި ބެކަމްގެ ޓީމް ހައިރާންކޮށްލާފަ އެވެ. މިކަހަލަ އިތުރު މޮޅެތި ހުނަރުތަކެއް ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަރާތުން ކުރިއަށްއޮތްތާ ފެނުމަށް އުންމީދުކުރާކަމަށް ބެކަމް ބުންޏެވެ.
"އަހަރެން ހަމަ ހައިރާންވެއްޖެ. ރޮނާލްޑޯއަށް ބޭނުންއިރަކު ބޭނުންގޮތަކަށް ބޯޅަ ގެންގުޅެވިދާނެ. އޭނާއަކީ ހުނަރު ހުރި ކުޅުންތެރިއެއް. އޭނާއަކީ ހުނަރު ބޭނުން ކުރުމުގެ އިތުރުން ވަރަށް މަސައްކަތްކުރާ ކުޅުންތެރިއެއް. ކުޅުންތެރިއެއް އެހިސާބަށް ދާނީވެސް މަސައްކަތްކޮށްގެން،" އިނގިރޭސި ތަރި ޑޭވިޑް ބެކަމް ބުންޏެވެ.
ރޮނާލްޑޯ ފަދަ ދުނިޔޭގެ މޮޅެތި ކުޅުންތެރިންތަކެއް ތިބި ރެއާލް މެޑްރިޑާއި ދެކޮޅަށްކުޅެ އެލްއޭ ގެލެކްސީގެ ކުޅުންތެރިންނަށް ލިބުނު ތަޖުރިބާއާއި ކުޅުންތެރިން ކުރި ހިތްވަރަށް ވެސް ބެކަމްވަނީ ސާބަސްދީފަ އެވެ.
"އަހަރެމެންނަށް މެޗް ނިންމާލިއިރު އެނގޭ ރެއާލް މެޑްރިޑްކަހަލަ ޓީމަކާއި ދެކޮޅަށް ކުޅެ ކާމިޔާބެއް ހޯދުން އެއީ އުނދަގޫ ކަމަކަށް ވެގެންދާނެކަން ވެސް. އަހަރެމެން ޓިމުގައިތިބި ޒުވާން ގިނަ ކުޅުންތެރިންނަށް މިމެޗް ވެގެންދިޔައީ އެކުޅުންތެރިންގެ ކެރިއަރުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ކުޅުނު ފުރަތަމަ މެޗަށް. އެމީހުންނަށް މިމެޗުން ތަޖުރިބާ ލިބިއްޖެ. ގިނަ ސަޕޯޓަރުންތަކެއްގެ ކުރިމަތީ ކުޅުނު ފުރަތަމަ މެޗަށް އެކުޅުންތެރިނަށް ވެގެންދިޔަ. އެމީހުންގެ ހިތްވަރަށް ހަމަ ސާބަސް." ބެކަމް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ