ރިސޯޓްތަކުގައި ބަހައްޓާ ވޯޓު ފޮށީގެ އަދަދު 42 އަށް އިތުރުކޮށްފި

ރިސޯޓްތަކުގައި މަސައްކަތް ކުރާ ދިވެހި މުުވައްޒަފުން ވޯޓުލުމަށް، އަންނަ ރިޔާސީ އިންތިހާބުގައި ބަހައްޓާ ވޯޓު ފޮށީގެ އަދަދު 42 އަކަށް އިތުރުކޮށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާންކޮށްފިއެވެ.
އީސީ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ރިސޯޓްތަކުގައި މަސައްކަތް ކުރާ ދިވެހި މުުވައްޒަފުން ވޯޓުލުމަށް، އަންނަ ރިޔާސީ އިންތިހާބުގައި ބަހައްޓާ ވޯޓު ފޮށީގެ އަދަދު ޖުމްލަ 42 ފޮށްޓަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި އެވޯޓު ފޮށިތަކަށް ވޯޓު ލުމަށް ބޭނުންވާ ފަރާތްތަކަށް އީސީ އިން ވަނީ، ރީ ރެޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. ނަމަވެސް އޭގެ އިތުރުން އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
އަންނަ ސެޕްޓެމްބަރު، 23 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އީސީން އެންމެ ފުރަތަމަ އިއުލާން ކުރީ ޖުމްލަ 452 ވޯޓު ފޮށި ބެހެއްޓުމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އެންމެ ހަތް ރިސޯޓެވެ. ނަމަވެސް އެކަމަށް ބައެއް ގާނޫނީ ފަރާތްތަކުންނާއި ސިޔާސީ ޕާޓީތަގެ ދެކޮޅު ހެދުންތަކާއި އެކު ވަނީ 36 ރިސޯޓުގައި ވޯޓު ފޮށި ބަހައްޓާ ގޮތަށް ނިންމާފައެވެ.
އެހެން ނަމަވެސް އީސީ އިން މިއަދު އެ ގެނައި ބަދަލާއި އެކު ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރުގައި ވޯޓު ލުމަށް ބަހައްޓާ ވޯޓު ފޮށީގެ އަދަދު މިހާރު ވަނީ ޖުމްލަ 478 އަށް އިތުރުވެފައެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައިި 500 އަށް ވުރެ ގިނަ ވޯޓު ފޮށި އެކި ތަންތަނުގައި ބަހެއްޓާފައި ވެއެވެ. އެހެންކަމުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބަހައްޓާ އަދަދު ވަނީ ވަރަށް ބޮޑަށް މަދުކޮށްފައެވެ. މިއީ، އެތައް ބައެއްގެ ވޯޓުލުމުގެ ހައްގު ގެއްލޭނެ ކަމެއް ކަމަށް ބުނެ ރިސޯޓްތަކުގެ މުވައްޒަފުންނާއި އިދިކޮޅު ފަރާތްތަކުން ވެސް ދަނީ ޝަކުވާ ކުރަމުންނެވެ.
އެކަަމާއި ގުޅިގެން އީސީ އިން ބުނަމުން ގެންދަނީ، އެކަމުގެ ސަބަބުން އެއްވެސް މީހެއްގެ ވޯޓު ލުމުގެ ހައްގެއް ނުގެއްލޭނެ ކަމަށެވެ. ނަމަވެސް އެ ހައްގު ނުގެއްލޭ ކަމަށް އީސީ އިން ބުނާ ބުނުމަށް، ގާނޫނީ ގޮތުން ދެއްކޭނެ އެއްވެސް ހުއްޖަތެއް ނެތް ކަމަށް ބުނެ، ބައެއް ގާނޫނީ ވަކީލުން ގެންދަވަނީ ފާޑު ކިޔަމުންނެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާނެކަން މިހާތަނަށް އިއުލާން ކުރައްވާފައި ވަނީ ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނާއި އިދިކޮޅު ކޯލިޝަން ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި މި ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ކުރީގެ ނައިބު ރައީސް ޝުޖާއު ހުސެއިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ