ތުރުކީގެ ކުއްލިހާލަތު އުވާލައިފި

ތުރުކީގައި މީގެ ދެ އަހަރު ކުރިން ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތަށް ފަހު އެ ގައުމުގައި އިއުލާނުކުރި ކުށްލި ނުރައްކަލުގެ ހާލަތު ބުރާސްފަތި ދުވަހު ނިމުމަކަށް ގެނެސްފިއެވެ.
ހާލަތު އުވާލި ނަމަވެސް ސަރުކާރުންދަނީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެޅި ބައެއް ފިޔަވަޅުތައް އެގޮތުގައި ބޭއްވުމަށް ގާނޫނެއް ފާސްކުރުމަށް ބަލަމުންނެވެ.
ތުރުކީގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ ބަޣާވާތް ނާކާމިޔާބު ކޮށްލިތާ ފަސް ދުވަހަށް ފަހު 2016 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ދުވަހުއެވެ. ތުރުކީގެ ސަރުކާރުން ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ ބަޣާވާތްކުރަން އުޅުނު ފަރާތްތަކަށް އަވަހަށް ފިޔަވަޅުއެޅުމަށެވެ.
ތުރުކީއިން ހަތްފަހަރެއްގެ މަތިން ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައިވާއިރު އިދިކޮޅު ފަރާތްތަކާއި އެގައުމާއި އެކުވެރި ހުޅަނގުގެ ގައުމުތަކުގެ ފާޑުކިޔުންވެސް ވަނީ އަމާޒުވެފައެވެ.
ބަޣާވާތާއި ގުޅިގެން، ބަޣާވާތުގެ ބައިވެރިން ނުލައި 250 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. ތުރުކީން ތުހުމަތުކުރާ ގޮތުގައި މި ބަޣާވާތުގެ އަޑީގައި ހުންނެވީ އެމެރިކާއަށް އަރުވާލެއްވިގެން އުޅުއްވާ ތުރުކީގެ ދީނީ އިލްމުވެރިޔާ ފަތުހުﷲ ގޫލެންއެވެ. އެ ތުހުމަތު އޭނާ ދޮގުކުރައްވައެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަކީ މިދިޔަ މަހު ތުރުކީގައި ބޭއްވި ރިޔާސީ އިންތިޚާބާއި ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބުގެ ކުރިން، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އޮރުދޮޣާން ވެވަޑައިގެންނެވި ވައުދެކެވެ.
ޖޫން މަހުގެ 24ވަނަ ދުވަހު ބޭއްވި އިންތިޚާބު ކާމިޔާބު ކުރެއްވި އޮރްދޮޣާނަކީ ރިޔާސީ ފުރިހަމަ ބާރުތަކާއިއެކު ތުރުކީގެ ރައީސްކަމުގެ މަގާމަށް ވަޑައިގެންނެވި ފުރަތަމަ ރައީސްއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ