ކޮޕަ އެމެރިކާއަށް ނޭމާ ދޫކުރެވެން ނެތް - ބާސެލޯނާ

ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތަށް ނޭމާ، ބްރެޒިލްގެ ގައުމީ ޓީމަށް ދޫކުރެވެން ނެތްކަމަށް، ބާސެލޯނާގެ ރައީސް ޖޯސެޕް ބާޓެމައު ވިދާޅުވެއްޖެއެވެ.
ނޭމާއަކީ ބްރެޒިލްގެ ގައުމީ ޓީމުގައި ހިމެނޭ އެންމެ މުހިއްމު ކުޅުންތެރިއާއަށް ވާއިރު، ކޮޕަ އެމެރިކާ އަދި އޮލިމްޕިކްސްގައި ވެސް، ނޭމާ ބައިވެރިކުރުވަން ބްރެޒިލްގެ ގައުމީ ޓީމުގެ ކޯޗު ޑުންގާ ބޭނުންވެއެވެ.
ނަމަވެސް ބާސެލޯނާގެ ރައީސް ބާޓެމައު ވިދާޅުވީ، ދެ މުބާރާތެއްގައި ނޭމާ ބައިވެރިކުރުމަށް ފުރުސަތު ދެވެން ނެތް ކަމަށެވެ. ކޮޕަ އެމެރިކާގެ މުހިއްމުކަން އެނގޭ ކަމަށާއި، ނަމަވެސް ވަރުގަދަ ސީޒަނަކަށްފަހު ނޭމާއަށް އަރާމުކޮށްލަން ދުވަސްތަކެއް ވެސް ބޭނުންވާނެ ކަމަށް ބާޓެމައު ވިދާޅުވިއެވެ. ނަމަވެސް އޮލިމްޕިކްސްގައި ނޭމާ ބައިވެރިކުރަން ބާސާއިން ފުރިހަމައަށް ތާއީދުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އޮލިމްޕިކްސްގައި ނޭމާ ބައިވެރިވުމުގަ ނެތް މައްސަލައެއް. އެކަމަށް އަހަރުމެން ފުރިހަމައަށް ތާއީދުކުރާނަން" ބާޓެމައު ވިދާޅުވިއެވެ.
މީގެއިތުރުން ބާޓެމައު ވަނީ، ނޭމާ ބާސާއާއެކު ހަދާފައިވާ ކޮންޓްރެކްޓް އަވަސް އަރުވާލައިގެން އާކުރުމުގެ ވިސްނުމެއް ނެތް ކަމަށާއި، މިވަގުތު މުހިއްމީ ބާސާއަށް ރަނގަޅު ކާމިޔާބީއެއް މި ސީޒަނުގައި، ނޭމާ ލައްވާ ހޯދުވުން ކަމަށް ވިދާޅުވެފައެވެ.
"ކޮންޓްރެކްޓާ ގުޅިގެން ނެތް އެއްވެސް ހާސްކަމެއް. ނޭމާ ވެސް ވަނީ ބުނެފަ، ބާސާގަ ދިގު މުއްދަތަކަށް ހުންނަން ބޭނުންވާ ވާހަކަ. އަހަރުމެން ވެސް ބޭނުންވަނީ ނޭމާ މި ކްލަބުގައި ހުރެ ރިޓަޔާކުރުން" ބާޓެމައު ވިދާޅުވިއެވެ.
ސަންޓޯސްއިން ބާސެލޯނާ އަށް 2013 ވަނަ އަހަރު ބަދަލުވި ނޭމާ މިދިޔަ ސީޒަނުގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުން ވަނީ، ދުނިޔޭގެ ތިންވަނައަށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ލިބިފައެވެ.
މިދިޔަ ސީޒަނުގައި ބާސާއިން ހޯދި ކާމިޔާބީތަކުގައި މުހިއްމު ދައުރެއް އަދާކުރި ނޭމާ އަންނަނީ، މި ސީޒަނުގައި ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. ނޭމާ ވަނީ ބާސާއަށް މި ސީޒަނުގައި މިހާތަނަށް ކުޅެދިން 27 މެޗުގައި 21 ގޯލް ކާމިޔާބުކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ