އެފްޓެކްގެ ހިޔާނާތުގެ މައްސަލައިގައި ޕްރިޕެއިޑް ޝިއުނާ ފުލުހަށް ހާޒިރުކޮށްފި

ބޭހުގެ ސާމާނު އެތެރެކުރުމަށް ހެލްތު މިނިސްޓްރީ އިން އެފްޓެކް ސޮލިއުޝަނާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެތަކެތި އެތެރެ ނުކޮށް އެ ކުންފުނިން 11.8 މިލިއަން ރުފިޔާ ނަގާފައިވާ މައްސަލައިގައި އެމްޑީޕީގެ އިސް އެކްޓިވިސްޓް ފާތިމަތު ޝިއުނާ (ޕްރިޕެއިޑް ޝިއުނާ) މިއަދު ފުލުހަށް ހާޒިރުކޮށް އޭނާއާ ސުވާލުކޮށްފި އެވެ.
އެފްޓެކް ސޮލިއުޝަންގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށީ އެ މައްސަލައިގައި ހިމެނޭ ޖިނާއީ މައްސަލަތައް ބަލައި ޕީޖީއަށް ފޮނުވުމަށް އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހިމް އެ މައްސަލަ މިދިޔަ މަހުގެ ތެރޭ ފުލުހުންނަށް ހުށަހެޅުއްވުމުންނެވެ.
ފުލުހުންގެ މީޑިޔާ ކޯޑިނޭޓާ ހަސަން ހަނީފް މިއަދު ވިދާޅުވީ މިއަދު މެންދުރު 2:30 އެހާކަންހާއިރު ޝިއުނާ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކޮށްފައި ވަނީ އެފްޓެކްގެ 11.8 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައިގައި ކަމަށެވެ.
އެފްޓެކްގެ ވެބްސައިޓުގައި ބުނެފައިވަނީ އެފްޓެކްގެ ޑައިރެކްޓާ ހިއުމަން ރިސޯސަސް އަކީ ޝިއުނާ ކަމަށެވެ. އަދި އެ ވެބްސއިޓުގައި ބުނެފައި ވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ މުހައްމަދު އަބްދުﷲ އާއި ޑައިރެކްޓަ އޮފް އޮޕަރޭޝަންސް އަކީ އަބްދުﷲ ރާޝިދު އާއި ޑައިރެކްޓަ އެޑްމިނިސްޓްރޭޝަންއަކީ އަބްދުﷲ ޝަފީގު އާއި ޑައިރެކްޓާ ސޭލްސް އެންޑް މާކެޓިންއަކީ އަހުޔަދު ހިސާން އަދި ޑައިރެކްޓާ ލޮޖިސްޓިކްސް އަކީ ރިލުވާން ޝަރީފް ކަމަށެވެ. އެނގިފައިވާ ގޮތުގައި ރިލްވާން އަކީވެސް އެމްޑީޕީގެ އިސް އެކްޓިވިސްޓެކެވެ. އެ ވެބްސައިޓު މިހާރު ވަނީ ޑެލިޓްކޮށްފައި ކަންވެސް ވަނީ އެނގިފަ އެވެ.
ޝިއުނާގެ ގާނޫނީ ވަކީލު އަބްދުﷲ ޝާއިރު މިއަދު ވިދާޅުވީ ފުލުހުން ޝިއުނާއާ ސުވާލުކުރީ އެފްޓެކާއި ޝިއުނާ އާއި ދެމެދު އޮންނަ ގުޅުމާއި ޝިއުނާއާ އެ ކުންފުނީގެ އެއްވެސް ލިޔެކިޔުމެއްގައި ސޮއިކޮށްފައިވާނެތޯ ކަމަށެވެ. ޝާއިރު ވިދާޅުވީ ޝިއުނާ އެ ކުންފުނީގެ އެއްވެސް ލިޔެކިޔުމެއްގައި ސޮއި ވެސް ކޮށްފައި ނޯންނާނެ ކަމަށާއި ޝިއުނާއަކީ އެ ކުންފުނީގެ ހިއްސާދާރެއް ވެސް ނޫން ކަމަށެވެ. އަދި އެ ކުންފުނީގެ ބައެއް މީހުންނާއި ޝިއުނާއާ އޮންނަ ގުޅުމާއި މެދުވެސް ސުވާލުކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"ދިހަ ވަރަކަށް މިނެޓް އިރުގެ ސުވާލެއް ކުރީ. މިއީ ޝިއުނާ އާ ގުޅުން އޮތް ކުންފުންޏެއް ވެސް ނޫން. އަނެއްކާ ޝިއުނާ އެބަ ބުނޭ ކުންފުނީގެ އެއްވެސް ލިޔުމެއްގައި އަދި މަސައްކަތެއްގައި ވެސް ކޮށްފައި ނޮއޮންނާނޭ. އަނެއްކާ ކުންފުނީގެ ހިސާދާރެއް މިފަދަ ކަންކަމުގައި ޖަވާބުދާރީވެ ޒިންމާވާން ޖެހޭނީ." ޝާއިރު ވިދާޅުވި އެވެ.
ހިޔާނާތުގެ 11.8 މިލިއަން ރުފިޔާގެ މައްސަލައިގައި އޮޑިޓާ ޖެނެރަލް އެކުލަވާލެއްވި ހާއްސަ އޮޑިޓް ރިޕޯޓްގައި ވިދާޅުވެފައި ވަނީ އެފްޓެކްގެ އިސް ފަރާތްތަކުގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ކުރީގެ އިސްވެރިންތަކަކާއި ކުރީގެ ޓެންޑާ އިވެލުއޭޝަން ބޯޑުގެ މައްޗަށް ވެސް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.
އެފްޓެކްގެ މައްސަލައިގެ އިތުރުން އޮޑިޓާ ޖެނެރަލް ވަނީ ހައުސިން މިނިސްޓްރީ އިން ހިންގާފައިވާ މަޝްރޫއެއްގައި ބިލްތަކެއް ފޯޖްކޮށްގެން އެ މަސައްކަތް ކުރި ކުންފުނިން އިތުރަށް 24 މިލިއަން ރުފިޔާ ނަގާފައިވާ މައްސަލައެއް ތަހުގީގު ކުރަން ވެސް ފުލުހުންނަށް ފޮނުއްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ