ތިނަދޫ ކައުންސިލަށް ބިމު ކުލިން 30 މިލިއަން ނުލިބި، ލިސްޓުގައި ސައުދުﷲގެ ނަން ވެސް

ތިނަދޫ ސިޓީ ކައުންސިލަށް ބިމު ކުލީގެ ގޮތުގައި އެކިއެކި ފަރާތްތަކުން 30 މިލިއަނެއްހާ ރުފިޔާ ނުދައްކާ އޮތްއިރު، އޭގެތެރޭގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީގެ ކުންފުނި ވެސް ހިމެނޭކަން ހާމަވެއްޖެއެވެ. ތިނަދޫ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ސިނާއީ އެކިއެކި މަސައްކަތްތައް ކުރުމަށް ތިނަދޫ ސިޓީން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ބިމު ކުއްޔާއި، ޖޫރިމަނާގެ ގޮތުގައި އެ ކައުންސިލަށް ނުލިބި 29،954،660.46 ދިވެހި ރުފިޔާ އެބަހުރި ކަމަށެވެ. އެ ކައުންސިލުން ބުނި ގޮތުގައި ފައިސާ ދެއްކުމަށް އެދި އެސްއެމްއެސް ސިސްޓަމް މެދުވެރިކޮށް ބިން ކުއްޔަށް ހިފާފައިވާ ފަރާތްތަކަށް ކޮންމެ މަހެއްގެ އެއްވަނަ އަދި 10 ވަނަ ދުވަހު މެސެޖު ފޮނުވައެވެ. އޭގެ އިތުރުން ފައިސާ ނުދައްކާ ފަރާތްތަކަށް ސިޓީ ފޮނުވާ ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ. ނަމަވެސް ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ދަށުން ހަތް ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް ދެ ފަހަރު އެންގުމަށްފަހު ވެސް ދައްކާފައި ނުވުމުގެ ސަބަބުން އެ މައްސަލަ ޝަރީއަތަށް ހުށަހެޅުމުގެ މަސައްކަތް އެ ކައުންސިލުން ކުރަމުންދާ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ. ކައުންސިލުން ވަނީ އެ އިއުލާނާއެކު، ބިމު ކުލި ނުދައްކާ 50 ފާރާތެއްގެ ނަން ހާމަކޮށްފައެވެ. އޭގެ ތެރޭގައި މެންބަރު ސައުދުﷲ ހިލްމީގެ ވިޔަފާރި ކުންފުނި، ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި، އޭނާގެ ހަރުގެއަކާއި، މޯލްޑިވްސް ގޭސް ކުންފުނި ހިމެނެއެވެ. ސައުދުﷲގެ ކުންފުނިން 89،695.89 ރުފިޔާ ދައްކަން ޖެހޭއިރު، އޭނާއަށް ނިސްބަތްވާ ހަރުގެއަކުން 433،155.10 ރުފިޔާ ދައްކަންޖެހެއެވެ. އެ ލިސްޓުގައި ހިމެނޭ މޯލްޑިވްސް ގޭސް ވެސް ހިމެނޭއިރު އެ ކުންފުނިން ދައްކަންޖެހެނީ 3،779،494.28 ރުފިޔާއެވެ. މީގެ އިތުރުން ރިއަލް އެސްޓޭޓް ވިޔަފާރިކުރާ ކުންފުންޏެއް ކަމަށްވާ އެޕޯލޯ ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 305،453.65 ރުފިޔާ އަދި ދިރާގުން 55،341 ރުފިޔާ ދައްކަންޖެހެއެވެ. މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ މުހައްމަދު ---- ފޮޓޯ/ މޯލްޑިވް ގޭސް ލިސްޓުގައި ހިމެނޭ ކުންފުނިތަކާއި މީހުންގެ ތެރެއިން އެންމެ ބޮޑު އެއްޗެއް ދައްކަން ޖެހިފައި އޮތީ މޯލްޑިވްސް ގޭސް އަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި މޯލްޑިވް ގޭސްގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލައެއް ފުލުހުން ވަނީ މިއަހަރުގެ އޭޕްރީލް މަހު ތަހުގީގުކުރަން ފަށައިފައެވެ. އެ މައްސަލަ ބަލަމުން ދަނިކޮށް މޯލްޑިވް ގޭސްއިން ގޭހުގެ ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާއަށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް ބުނާ މައްސަލައެއް ވެސް ފެންމަތިވިއެވެ. އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ ތަހުގީގުކުރަން ފަށައިފައެވެ. ހަމައެއާއެކު ލޯކަލް ގަވަމެންޓް އޮތޯރެޓީ (އެލްޖީއޭ)އަށް ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީއާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ސަސްޕެންޑުކުރީ މިދިޔަ މަހުގެ 25ގައެވެ. ދެ ބޭފުޅުން ސަސްޕެންޑުކުރި ދުވަހުން ފެށިގެން ވެސް ސައުދު ގެންދަވަނީ އެ ފިޔަވަޅު އަޅައިފައިވަނީ ސިޔާސީ ސަބަބުތަކާ ހެދި ކަމަށް ތުހުމަތު ކުރައްވަމުންނެވެ. އޭނާ ވިދާޅުވީ އެ ތުހުމަތުތަކަށް ބާރުދޭ ހެކިތައް ލިބިފައިވާ ކަމަށާއި އެގޮތުން، މެންބަރު ސައުދުﷲ ހިލްމީ، ސައުދާއި ނަސްރުﷲ ސަސްޕެންޑުކުރުވަން އެލްޖީއޭއަށް މައްސަލަތައް ހުށަހަޅާތާ މަސްތަކެއް ވެއްޖެ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. ތިނަދޫގެ މޭޔަރު ސައުދު: އޭނާއާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ވަނީ އޭސީސީއަށް ހުށަހަޅާފައި -- ފޮޓޯ/ ތިނަދޫ ކައުންސިލް އެލްޖީއޭއިން ފާހަގަކުރި މައްސަލަތައް: ދައުލަތުގެ އިދާރާތަކުން ތިނަދޫ ސިޓީ ކައުންސިލަށް ފޮނުވާ ސިޓީތަކަށް ޖަވާބުދާރީނުވެ ފޮނުވާލާ މައްސަލަ. ރަށްވެހިކަން ބަދަލު ކުރުމަށް ހުށަހެޅުމުން 5،000 ރުފިޔާގެ ފީއެއް ނެގުމާއި އެފީ ނުނެގުމަށް އެލްޖީއޭއިން އެންގި އެންގުމަށް އަމަލުނުކުރުން. އަތޮޅު ކައުންސިލުންނާއި ސަރުކާރުގެ އެހެން އިދާރާތަކުން އެދޭ މައުލޫމާތު ނުފޮނުވާ މައްސަލަ. ފިނޭންސް މިނިސްޓްރީގެ ހުއްދަނެތި ކައުންސިލުގެ ބިޑް ކޮމިޓީއާއި ބިޑް އިވެލުއޭޝަން ކޮމިޓީއަށް އެލަވަންސް ދިނުން. އޭސީސީގެ ތަހުގީގަށް އެއްބާރުލުން ނުދިނުން. ކައުންސިލްގެ އޮފިޝަލް ސޯޝަލް މީޑިއާ އެކައުންޓުތަކުން ކައުންސިލާއި ލާމަރުކަޒީ ނިޒާމުގެ އަގުވެއްޓޭގޮތަށް ޕޯސްޓް ކުރުން. ތިނަދޫގައި އަޅާ 200 ހައުސިން ޔުނިޓަށް ކުރިމަތިލުމަށް ހައުސިން މިނިސްޓްރީގެ މަޝްވަރާއެއް ނެތި ހުޅުވާލައި އެކަން ނުކުރުމަށް މިނިސްޓްރީއިން އެންގި އެންގުމަށް އަމަލުކޮށްފައި ނުވުން. ތިނަދޫގައި ދޫކޮށްފައިވާ ފުލެޓްތަކަށް ވަޅުފެން ނުލިބޭތީ އެކަމާ ގުޅޭގޮތުން ރައްޔިތުންގެ ތެރެއިން ބަޔަކު ކައުންސިލުގެ މޭޔަރާ ބައްދަލު ކުރުމަށް އެދުމުން ބައްދަލު ކޮށްފައިނުވުން. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަދީ ސިޓީ ކައުންސިލެއް އުފައްދާފައި ނުވަނީސް ސިޓީ ކައުންސިލެއްގެ މޭޔަރާއި މެމްބަރުންގެ މުސާރައާއި ތިނަދޫ ސިޓީ ކައުންސިލްގެ މެޔަރާއި މެމްބަރުން ނަގާފައިވާ މައްސަލަ. މީގެ އިތުރުން ތިނަދޫ ސިޓީގެ ބަނދަރުމަތީގައި ހަރުކޮށްފައިވާ މޮނިއުމަންޓެއް ހެދުމުގައި އެ ސިޓީގެ މޭޔަރު ސައުދު ކޮރަޕްޝަނުގެ އަމަލެއް ހިންގި ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ބަލައިދޭން ވެސް އޭސީސީއަށް ހުށަހަޅާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ