ޓީއެމްއޭ ޕައިލެޓުންގެ މައްސަލައިގައި ފައްޔާޒު: މިއީ ރައީސް މުއިއްޒުގެ ގޯސް ސިޔާސަތުތަކުގެ ނަތީޖާ!
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ޕައިލެޓުންގެ މުސާރަ ދޫކުރުމުގެ އޮނިގަނޑަށް ގެނައި ބަދަލާ ގުޅިގެން އެ ކުންފުނީގެ ޕައިލެޓުން ދަތުރުތައް ކުރުން މެދުކަނޑާލަން އުޅޭ މައްސަލައަކީ އަނެއްކާވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގޯސް ސިޔާސަތުތަކުގެ ސަބަބުން ފެންމަތިވި މައްސަލައެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ. ޓީއެމްއޭގެ ޕައިލެޓުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލާއެކު ކުރިން ޑޮލަރުން ދެމުން އައި މުސާރައިގެ ބައެއް ދެން ދޭނީ ދިވެހި ރުފިޔާއިންނެވެ. އެގޮތުން މުސާރައިގެ 20 އިންސައްތަ ދިވެހި ރުފިޔާއިން ދޭން ވަނީ ނިންމައިފައެވެ. އެކަމާ ގުޅިގެން 'އެކްސް'ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ، ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މުހިންމު އެއްބައި ކަމަށްވާ ޓީއެމްއޭގެ މުވައްޒަފުން ހަޅުތާލު ކުރަން އުޅޭ ކަމުގެ ޚަބަރު އިއްޔެ ފެންމަތިވިއިރު އެއީ ރައީސް މުއިއްޒުގެ 'ގޯސް ސިޔާސަތުތަކުގެ ސަބަބުން' އިގްތިސާދު އިތުރަށް ހީނަރުވެދާނެ ކަމުގެ އިތުރު މިސާލެއް ކަމަށެވެ. https://x.com/faya_i/status/1946872277892567368 މިހާރު ވެސް ސަރުކާރަށް ފައިސާ ނުލިބުމާއި، މުހިންމު ސިޔާސަތުތަކާ މެދު ގޮތެއް ނުނިންމި، ރާއްޖެއާމެދު އިންވެސްޓަރުންގެ އިތުބާރު ދަށްވެ، ބާޒާރުގައި ޑޮލަރުގެ ދަތިކަން ކުރިމަތިވެފައިވުމަކީ ސަރުކާރުގެ ސިޔާސަތުތައް ދެކޮޅު ނުޖެހުމުގެ ނަތީޖާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެކަމުގެ އުނދަގޫ އުފުލަންޖެހެނީ އާންމު ރައްޔިތުންނަށާއި ވިޔަފާރިތަކުން ކަމަށާއި ވިޔަފާރިތަކަށް މިހާރުވެސް އަސަރުކޮށްފި ކަމަށް ފައްޔާޒު ވިދާޅުވިއެވެ. https://sun.mv/208825 ފައްޔާޒު ވިދާޅުވީ އެމްޑީޕީން މިދިޔަ ސަރުކާރުގައި ގެނައި އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނަކީ މަސައްކަތްތެރިންގެ ކަންބޮޑުވުންތަކަށް ސާފު އަދި ދެފުށް ފެންނަ ހައްލުތައް ގެނެވޭނެ ގާނޫނެއް ކަމަށެވެ. އެހެންކަމުން ޓީއެމްއޭގެ މުވައްޒަފުންނަށް ދިމާވެފައިވާ އެ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށްޓަކައި މަސައްކަތްތެރިންނާއެކު މަޝްވަރާކުރުމަށް ފައްޔާޒު ވަނީ ސަރުކާރަށް ގޮވާލައިފައެވެ. އެ މައްސަލައާ ގުޅިގެން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މަޓާޓޯއިން ބުނީ ޓީއެމްއޭއިން ދަތުރުތައް ހުއްޓާލައިފިނަމަ ރާއްޖޭގެ އިގްތިސޯދުގެ ބިންގާ ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތަށް ފުޅާ ދާއިރާއެއްގައި އަސަރުކުރާނެ ކަމަށެވެ. އަދި ދަތުރުތަކަށް ބުރޫ އަރައިފިނަމަ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ އިތުބާރު ކުރެވޭ އަދި ލަގްޒަރީ ޓްރެވަލް ޑެސްޓިނޭޝަންގެ ގޮތުގައި އޮތް ރާއްޖޭގެ އަގު ވެއްޓިދާނެ ކަމަށް މަޓާޓޯއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ