އެސްޑީއެފްސީ ބީއެމްއެލްއަށް ވިއްކާލަން ނިންމައިފި

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދަވާފައިވާ އެސްއެމްއީ ޑިވޮލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އަށް ވިއްކާލަން ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް އޮފީހުން މިރޭ ބުނީ ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ، އެސްޑީއެފްސީގެ ހިއްސާ ގަތުމުގެ ޝައުގުވެރިކަން ފާޅުކޮށް ބީއެމްއެލްއިން ހުށަހަޅާފައިވާ ޕްރޮޕޯސަލަކާ ގުޅިގެން، މިކަމުގެ ސަބަބުން އަންނާނެ ހެޔޮ ބަދަލުތަކާ މެދު ފިނޭންސް މިނިސްޓްރީން ހަށަަހަޅާފައިވާ ދިރާސާ ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހު ކަމަށެވެ.
ތަފްސީލް - ބީއެމްއެލްއިން ދީފައިވާ ޕްރޮޕޯސަލްގެ ތަފްސީލް ދެމުން ރައީސް އޮފީހުން ބުނީ:
އެސްޑީއެފްސީ ގަތުމަށްފަހު، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރަތަމަ އަހަރު 500 މިލިއަން ރުފިޔާގެ ލޯން ދޫކުރަން ބީއެމްއެލްއިން ހުށަހަޅާފައިވޭ
އަދި 5 އަހަރުގެ ތެރޭގައި 1.9 ބިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ވެސް ބީއެމްއެލް އިން ހުށަަހަޅާފައިވޭ 
ބިޒްނަސް ސްޓާޓްއަޕްސް ނުވަތަ ވިޔަފާރި ފަށަން އަމާޒުކޮށްގެން ކުރިއަށް އޮތް ތިން އަހަރުދުވަހުގެ ތެރޭގައި 300 މިލިއަން ރުފިޔާ ދޫކުރުމަށް ވެސް ނިންމާފައިވޭ
ބީއެމްއެލްއިން އެސްޑީއެފްސީ ގަތުމަށްފަހު، އެސްޑީއެފްސީ ހިންގާނީ ޝަރީއާގެ އުސޫލުން މާލީ މުއާމަލާތްތައް ކުރާ އިސްލާމިކް ފައިނޭންސް އިންސްޓިޓިއުޓެއްގެ ގޮތުގައި
އޭރުން އެސްޑީއެފްސީ ހިންގާނީ ދުނިޔޭގައި މިހާރު އެންމެ ކުރިއަރަމުން އަންނަ ޑިޖިޓަލް ބޭންކިންގެ ނިޒާމުގެ ތެރެއިން
ބީއެމްއެލްގެ ދަށުން ހިނގަމުންދާއިރު ވެސް، އެސްޑީއެފްސީއިން ކުދި އަދި މެދުފަންތީގެ ލޯންތައް ދޫކުރަމުން ދާނީ މިހާރުގެ އިންޓަރެސްޓް ރޭޓްތަކަށް ވުރެ ބޮޑުނުވާ ގޮތަށް
މާލީ މުއާމަލާތްތައް ބައްޓަން ކުރަމުންދާނީ، ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދީ، ވިޔަފާރިތަކުގެ މާލީ ގާބިލުކަމާއި ތިޔާގިކަން އިތުރުކުރެވޭނެ ގޮތަށް
ރައީސް އޮފީހުން ބުނި ގޮތުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނުދޫކުރުމަކީ ހުއްޓުމެއްނެތި އަބަދުވެސް ކުރިއަށް ގެންދިއުމަށް ސަރުކާރުން ބޭނުންވާ ކަމެއް ކަމަށެވެ. އެސްޑީއެފްސީގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލުމުން، އެ ބޭންކުގެ މާލީ ގާބިލުކަމުގެ ތެރެއިން، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހުއްޓުމެއްނެތި އަބަދުވެސް ލޯނު ލިބެމުން ދާނެކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، ވަޒީރުންގެ މަޖިލީހުގެ މިއަދުގެ މި ނިންމެވުމާ އެއްގޮތަށް ކަންކަން ހަމަޖެހިގެން ދިއުމުން، ބީއެމްއެލްގެ ނެޓްވޯކް މެދުވެރިކޮށް މުޅި ރާއްޖެއަށް އެސްއެމްއީ ޑިޖިޓަލް ފައިނޭންސިންގެ ހިދުމަތް ފުޅާވެގެން ދާނެ އެވެ.  އަދި، އެސްޑީއެފްސީގެ ސިސްޓަމްތައް ޑިޖިޓަލައިޒްކޮށް އޮޓޮމޭޓްކުރުމުން، މެނުއަލް މަސައްކަތްތައް މަދުވެ، ލޯންތައް ޕްރޮސެސްކުރުން އަވަސްވެ، މުޅި އެސްޑީއެފްސީގެ ހިދުމަތް ރަނގަޅުވާނެ ކަމަށް ވެސް ބުންޏެވެ. 
މީގެ އިތުރުން، ބީއެމްއެލް އަކީ ޕަބްލިކް ކުންފުންޏަކަށް ވާތީ، އެ ކުންފުނީގެ ބެލެނިވެރިކަމާއެކު އެސްޑީއެފްސީގެ ގަވަނަންސް ވެސް ހަރުދަނާވެ، ރޭވުމާއި، ހިންގުމާއި، ހިދުމަތް ދިނުމުގައި ގެންގުޅޭ އުސޫލުތައް ވެސް ހަރުދަނާ ވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ