ގެމަނަފުށީގައި އައު އައިސް ޕްލާންޓު ހުޅުވައި، މަސްވެރިންނަށް ޚިދުމަތް ދޭން ފަށައިފި

ގއ. ގެމަނަފުށީގައި އިންޑިއާ ސަރުކާރުގެ އެހީގައި ތަރައްޤީކޮށްފައިވާ 50 ޓަނުގެ އައު އައިސް ޕްލާންޓުގެ މަސައްކަތް ނިންމައި، މަސްވެރިންނަށް އައިސް ދޫކުރަން ފަށައިފިއެވެ. 
އިންޑިއާގެ ރައިނެކް ކުންފުނިން މަސައްކަތް ކޮށްފައިވާ މި އައިސް ޕްލާންޓަކީ ދުވާލެއްގެ މައްޗަށް 50 ޓަނުގެ އައިސް އުފެއްދޭ އަދި 100 ޓަނުގެ އައިސް ރައްކާކުރެވޭ ޤާބިލުކަން ލިބިފައިވާ ވަސީލަތެކެވެ. މި އައިސް ޕްލާންޓު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު، އަޙްމަދު ޝިޔާމެވެ.
އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ތަރައްޤީކޮށްފައިވާ މި އައިސް ޕްލާންޓު އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން އާއި މިފްކޯގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އައިސް ޕްލާންޓު އިފްތިތާޙްކޮށްދެއްވީ މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް އަދި މިފްކޯގެ ސީއީއޯ ޑރ. ވިތާލީ ލުބިމޯފްއެވެ.
އައިސް ޕްލާންޓުގެ އޮޕަރޭޝަން ފައްޓަވައިދެއްވީ އިންޑިއާގެ ސަފީރު ބާލަސުބްރަމާނިއަންއެވެ. މި އައިސް ޕްލާންޓު ޤާއިމުކުރެވުމާއެކު، އެ ސަރަޙައްދުގެ މަސްވެރިންނަށް އައިސް ލިބުމުގެ ދަތިކަން ޙައްލުވެ، މަސްވެރިކަމުގެ ސިނާޢަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ