ޕެރިހުގެ ދާރުލްއާސާރުން ވައްކަން ކުރި މައްސަލާގައި އިތުރު 2 މީހެއްގެ މައްޗަށް ދައުވާ އުފުލައިފި

މިދިޔަ މަހު ޕެރިހުގެ ލޫވްރޭ ދާރުލްއާސާރުން ގަހަނާ ވަގަށް ލޫޓުވުމުގެ މައްސަލާގައި އިތުރު ދެ މީހެއްގެ މައްޗަށް ޕެރިހުގެ ޕްރޮސެކިއުޓަރުން ދައުވާ އުފުލައިފި އެވެ.
އުމުރުން 38 އަހަރުގެ އަންހެނެއްގެ މައްޗަށް ތުހުމަތު ކުރެވެނީ ލޫޓުވާން އެހީތެރިވުމާއި ކުށެއް ކުރަން ރޭވުމުގައި ބައިވެރިވި ކަމުގެ ތުހުމަތެވެ. އޭގެ އިތުރުން 37 އަހަރުގެ ފިރިހެނެއްގެ މައްޗަށް ވެސް ވަނީ ވައްކަން ކުރުމުގެ ދައުވާ ކޮށްފަ އެވެ. ނަމަވެސް އެ ދެ މީހުން ވެސް ވަނީ އެ ތުހުމަތަށް އިންކާރުކޮށްފަ އެވެ. 
އެ މައްސަލާގައި ކުރިން ހައްޔަރު ކުރި ދެ މީހެއްގެ މައްޗަށް ވަނީ ވައްކަމުގެ ދައުވާ އުފުލައިފަ އެވެ. އަދި އެ ބޮޑު ފޭރުން ރޭވުމުގައި އެމީހުންގެ ދައުރެއް އޮތް ކަމަށް އެ މީހުން އިއުތިރާފުވެފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ. 
ދުނިޔޭގެ އެންމެ ގިނަ މީހުން ޒިޔާރަތްކުރާ މިއުޒިއަމުން 88 މިލިއަން ޔޫރޯގެ އަގުހުރި ގަހަނާ ވަގަށް ނަގާފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ.
ހަތަރު މީހަކު ވެގެން ދުވާލުގެ އަލިކަމުގައި އެ ވައްކަން ކުރީ ވަރަށް ކުއްލިއަކަށް އަދި މަދު ވަގުތުކޮޅެއްގެ ތެރޭގަ އެވެ.
ފަރަންސޭސި ރައްޔިތުން މި ތަހުގީގުގެ ހަލުވި ކުރިއެރުމަށް އުފާ ކުރި ނަމަވެސް، ގިނަ ބަޔަކު ދެކޭ ގޮތުގައި އެ މުޅި ހާދިސާ އަކީ ގައުމަށް ލިބުނު ލަދުވެތި ކަމެވެ.
އެ ވައްކަމުގެ ތުހުމަތު ކުރެވޭޭ އަންހެންމީހާ އިއްޔެ މެޖިސްޓްރޭޓަކަށް ހާޒިރު ކުރި އިރު ހުރީ ރޮވިފަ އެވެ. އަދި އޭނާ އޭއެފްޕީ ނިއުސް އެޖެންސީއަށް ބުނި ގޮތުގައި އޭނާ ދިރިއުޅެނީ ޕެރިހުގަ އެވެ.
ފަނޑިޔާރު ވަނީ އެ އަންހެން މީހާ ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ. ނަމަވެސް ނަމެއް އާންމެއް ނުކުރެ އެވެ.
އެ 37 އަހަރުގެ އެ ފިރިހެން މީހާ ވެސް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފަ އެވެ. އޭނާ އަކީ މީގެ ކުރިން ވައްކަމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެކެވެ. 
ފަރަންސޭސި ގާނޫނީ ނިޒާމުގައި އާންމު ގޮތެއްގައި "ތަހުގީގު ކުރަމުންދާ" މީހެއްގެ މައްޗަށް ޝަރީއަތް ކުރިއަށް ގެންދެ އެވެ.
އެ މައްސަލާގައި ތުހުމަތު ކުރެވޭ 37 އަހަރުގެ ފިރިހެން މީހާގެ ސީދާ ބައިވެރިވުމެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް ބުދަ ދުވަހު އެ ފަސް މީހުން ހައްޔަރު ކުރުމުން ޕްރޮސެކިއުޓަރުން ބުނީ އެ ފަސް މީހުންގެ ތެރެއިން އެކަކީ ކްރައިމް ސީންއާ ޑީއެންއޭ ގުޅުވާފައިވާ މީހެއް ކަމަށެވެ.
އެހެންވީމާ އޭނާއަކީ ފޭރުމުގެ ހާދިސާ ހިނގި ވަގުތު މަގުމަތީގައި ތިބި ދެ މީހުންގެ ތެރެއިން އެކަކެވެ.
އެ ސަރަހައްދުގައި ހުރި ހަތަރު ވަނަ މީހާ އަދި ހައްޔަރު ކޮށްފައެއް ނުވެ އެވެ.
މިދިޔަ ހަފުތާގެ ކުރީކޮޅު ހައްޔަރު ކުރި ތިން މީހަކު ވަނީ ދައުވާ ކުރުމެއް ނެތި ދޫކޮށްލައިފަ އެވެ.
ވައްކަން ކުރި ދުވަހު ދާރުލްއާސާރު ހުޅުވިތާ ކުޑައިރުކޮޅެއް ފަހުން އެ ދުވަހުގެ ހެނދުނު 9:30ގައި ވައްކަން ކުރި މީހުން ދާރުލްއާސާރަށް ގޮސްފައިވާ ކަމަށް ޕްރޮސެކިއުޓަރުން މިދިޔަ ހަފުތާގައި ވަނީ ބުނެފަ އެވެ.
އެ މީހުން ގެލަރީ ސަރަހައްދަަށް އެތެރެވީ ވަގަށް ނެގި މެކޭނިކަލް ލިފްޓެއްގަ އެވެ. އަދި ގެލަރީއަށް ވަނީ ކޯރާވީ ފަރާތުގެ ބެލްކަނީއެއްގެ ތެރެއިންނެވެ. އަދި ގަހަނާ ހުރި ތަން ފަޅާލީ ޑިސް ކަޓަރެއް ބޭނުންކޮށްގެނެވެ.
ޕްރޮސެކިއުޓަރުން ބުނި ގޮތުގައި ވައްކަން ކުރި މީހުން އެތެރޭގައި ހޭދަ ކުރީ ހަތަރު މިނިޓް ވަންދެކަށެވެ. އެ މީހުން ފިލައިގެން ދިޔައީ 9:38ގައި ބޭރުގައި މަޑުކޮށްލައިގެން ތިބި ދެ ސްކޫޓަރެއްގަ އެވެ. އޭގެ ފަހުން ވަނީ ކާރުތަކަށް ބަދަލުވެފަ އެވެ.
އެ މީހުން ފިލައިގެން ދިޔަ މަގުމަތީ ވަގަށް ނެގި ތަކެތީގެ ތެރެއިން ތާޖު ވަނީ ވެއްޓިފަ އެވެ. ބާކީ ހުރި ހަތް ގަހަނާ އަދި ހޯދިފައެއް ނުވެ އެވެ.
ލޫވްގެ ރައީސް ލޯރެންސް ޑެސް ކާސް ވަނީ އެ ދާރުލްއާސާރުގެ ޒިންމާ އަދާ ނުކުރެވުނު ކަމަށް އެއްބަސްވެފަ އެވެ. ނަމަވެސް ސެކިއުރިޓީ އަށް އިހުމާލުވެފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ. އެގޮތުން 2021 ވަނަ އަހަރު ދާރުލްއާސާރު ހިންގަން ހަވާލުވެވަޑައިގަތް ފަހުން އަބަދު ވެސް އިންވެސްޓްމަންޓް އިތުރުކުރަން ޖެހޭ ކަމުގެ އިންޒާރު ދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ފާހަ ކުރެއްވި ގޮތުގައި ގެލެރީ ޑި އެޕޮލޯންގެ ސެކިއުރިޓީ ސެޓަޕްގައި ހުރި އެންމެ ބޮޑު މައްސަލައަކީ ލޫވްގެ ވަށައިގެންވާ ސަރަހައްދުގައި ސެކިއުރިޓީ ކެމެރާތައް ނެތުމެވެ. ނަމަވެސް އެއީ ލޫވްގެ ޒިންމާއެއް ނޫން ކަމަށާއި އެއީ ޕެރިސް ސިޓީގެ ޒިންމާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މި ހާދިސާއާ ގުޅިގެން ފްރާންސްގެ ސަގާފީ ތަންތަނުގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ