ރ. އިންނަމާދޫގައި އަލަށް ގާއިމުކުރި ފުލުހުންގެ މަރުކަޒު ރޭ ރަސްމީކޮށް ހުޅުވައިފި އެވެ.
މިއާއެކު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު ވަނީ ފުލުހުންގެ ހިދުމަތް ގާއިމުކުރެވިފަ އެވެ. މި މަރުކަޒަކީ މި އަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ބިންގާ އެޅި ތަނެކެވެ.
އިންނަމާދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ފުލުހުންގެ މަރުކަޒު ހުޅުއްވައިދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން އެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވީ، މިއީ ރައްޔިތުންނާ ގާތުން ފުލުހުންނަށް ހިދުމަތް ދޭން ފަސޭހަ ވާނެ ކަމެއް ކަމަށެވެ. "މިއީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް،" ސީޕީ ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގެ ތެރެއިން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކުރެވިފައިވާ ގޮތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޚާއްސަ ފޮތެއް ވަނީ ލޯންޗުކޮށްފައެވެ. މި ފޮތް ލޯންޗުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. މީގެ އިތުރުން، މި މަސައްކަތުގައި އެހީތެރިވި ފުލުހުންގެ ޚިދުމަތުގެ ބަހާތަކުގެ މުވައްޒަފުންގެ ތެރެއިން ޖުމްލަ 13 ފަރާތަަކަށް ވަޒީރު ޢަލީ އިޙްސާން ވަނީ ހަނދާނީ ލިޔުން އަރުވާފައެވެ.
ފުލުހުންގެ ޚިދުމަތް ހުރިހާ ރަށެއްގައި ޤާއިމްކޮށްދެއްވުމަށް ވަޒީރު ކުރެއްވި މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން، މި ރަސްމިއްޔާތުގައި ވަޒީރަށް ޚާއްސަ ޕްލާކެއްވެސް ވަނީ އަރުވާފައެވެ. އިންނަމާދޫގައި ފުލުހުންގެ މަރުކަޒު ހުޅުވުމަކީ ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތްތައް އިތުރަށް ގާތްކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އިންނަމާދޫގައި އަލަށް ގާއިމުކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ