އޭސީސީން ކުރީ ބަޖެޓު ކުޑަ ކަމުގެ ޝަކުވާ!
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ކަނޑައަޅާފައި ވަނީ ގާނޫނީ ޒިންމާ އެންމެ ފުރިހަމަ އަށް އަދާކުރެވޭ ވަރުގެ ބަޖެޓެއް ނޫން ކަމަށް އެ އިދާރާގެ ރައީސް އާދަމް ޝާމިލް މިއަދު ވިދާޅުވެއްޖެ އެވެ.ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ، އޭސީސީގެ ބަޖެޓުގެ ސީލިންއަކީ 49.8 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް މަޖިލީހަށް ފިނޭންސް މިނިސްޓްރީން ބަޖެޓު ހުށަހެޅިއިރު އޭސީސީއަށް ބަޖެޓުކޮށްފައި އޮތީ ދެ މިލިއަނެއްހާ ރުފިޔާ މަދުކުރުމަށްފަހު 47 މިލިއަން ރުފިޔާ ކަމަށް ޝާމިލް ވިދާޅުވި އެވެ.އޭގެ ތެރެއިން 37 މިލިއަން ރުފިޔާ މުސާރައާއި އިނާޔަތްތަކަށް ޚަރަދުވާއިރު، އެއީ 78 ޕަސެންޓު ކަމަށް ވިދާޅުވިއެވެ. އެއަށްފަހު ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކުރަން ބޭނުންކުރެވޭނެ ފައިސާގެ ގޮތުގައި ބާކީ އޮންނާނީ 1.6 މިލިއަން ރުފިޔާ ކަމަށް ވިދާޅުވިއެވެ. އެއީ މުޅި ބަޖެޓުގެ 3.39 ޕަސެންޓު ކަމަށް އޭނާ ވިދާޅުވި އެވެ.މީގެ އިތުރުން ޝާމިލް ވަނީ، އޭސީސީގެ ބަޖެޓުގެ ތެރެއިން 10.1 އިންސައްތަ ކުއްޔަށް ޚަރަދުކުރަން ޖެހޭކަން ފާހަގަކުރައްވައިފަ އެވެ. ޝާމިލް ވިދާޅުވީ އޭސީސީގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށް، އޮޓޮމޭޓު ކުރަން ޖެހޭ ކަމަށާއި އެކަން ކުރެވުމުން މައްސަލަތައް ނިންމޭ އަދަދު ނިސްބަތުން އިތުރުވާނެ ކަމަށެވެ.ޝާމިލް ވިދާޅުވީ "ނިއު ޕޮލިސީ އިނީޝިއޭޓިވް" ގެ ގޮތުގައި ބަޖެޓުގައި ހިމަނާފައި ވަނީ އެ އިދާރާ އިން ހުށަހެޅި ޕްރޮޖެކްޓްތަކުގެ ތެރެއިން އިސްކަންދޭ ތަރުތީބުން ތިންވަނަ އަށް އިސްކަން ދީފައިވާ ކަމެއް ކަމަށާއި އެކަމަށް ހޭދަވަނީ ދެ ލައްކަ ރުފިޔާ ކަމަށެވެ.އޭނާ ވިދާޅުވި ގޮތުގައި، އަންނަ އަހަރަށް ކަނޑައަޅާފައިވަނީ އޭސީސީގެ ގާނޫނުގެ 21 ވަނަ މާއްދާ އިން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ފުދޭވަރުގެ ބަޖެޓެއް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ