ސްރީލަންކާގެ ރައްޔިތުންނަށް ދިވެހި ސަރުކާރުންދޭ ބައިލައްކަ ޑޮލަރުގެ އެހީ ހަވާލުކޮށްފި

ސްރީލަންކާއަށް މިދިޔަ ހަފުތާގައި އެރި ތޫފާނު 'ދީތުވާ'ގެ ސަބަބުން އެ ގައުމަށް ލިބުނު ގެއްލުންތަކަށް އެހީތެރިކަން ދިނުމުގެ ގޮތުން ދިވެހި ސަރުކާރުން ސްރީލަންކާގެ ސަރުކާރަށްދޭ ބައިލައްކަ އެމެރިކާ ޑޮލަރު ހަވާލުކޮށްފިއެވެ. ސްރީލަންކާގެ ފޮރިން މިނިސްޓްރީގަިއި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން ސްރީލަންކާގެ ސަރުކާރާ މި ބައިލައްކަ ޑޮލަރުގެ އެހީ ހަވާލުކޮށްދެއްވީ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދެވެ. އަދި ސްރީލަންކާ ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގަތީ އެ ގައުމުގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތެވެ. އެ އެހީއާ ހަވާލުވެވަޑައިގެންނެވިކަން ހާމަކުރައްވައި 'އެކްސް'ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ސްރީލަންކާގެ ފޮރިން މިނިސްޓަރު ވަނީ، ތޫފާނުގެ ސަބަބުން ހާލުގައި ޖެހިފައިވާ ސްރީލަންކާގެ ރައްޔިތުންނަށް ދިވެހީން ދިން އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ. https://x.com/HMVijithaHerath/status/1995828713062334550 "އަޅުގަނޑުމެން ޝުކުރު އަދާކުރަން ދިވެހި ރައްޔިތުންނަށް، [މިފަދަ ދަތި ދަނޑިވަޅެއްގައި] ސްރީލަންކާއާ އެކީ ތިބިކަމަށްޓަކައި، އެކަމުން ދައްކައިދެނީ ދެ ގައުމުގެ ދެމެދުގައިވާ ވަރުގަދަ ގުޅުން،" ސްރީލަންކާގެ ފޮރިން މިނިސްޓަރު ލިޔުއްވާފައިވެއެވެ. ފާހަގަކުރެވޭ ގޮތުގައި، ސްރީލަންކާއަށް އެހީވުމުގެ ގޮތުން މިދިޔަ އާދީއްތަ ދުވަހުގެ ހެނދުނު ނުވަޔަކުން ފެށިގެން ހޯމަ ދުވަހުގެ މެންދުރު ދޭއް ޖެހުމާ ހަމައަށް ރާއްޖޭގެ 37 މީޑިއާއަކުން ގުޅިގެން ބޭއްވި ޓެލެތޯނަށް ޖުމްލަ 800،352 ޑޮލަރު ލިބިފައިވެއެވެ. އެ ޓެލެތޯނަށް ލިބުނު ފައިސާ ޕީއެސްއެމްގެ ފަރާތުން މިއަދު ވަނީ ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފައެވެ. މި އެހީ މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޔާމީނެވެ. މިނިސްޓްރީގެ ފަރާތުން ފައިސާއާ ހަވާލުވެވަޑައިގަތީ މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލެވެ. އެ ފައިސާއާ ހަވާލުވެވަޑައިގަތުމަށްފަހު މިނިސްޓަރު ވިދާޅުވީ، މިހާތަަނަށް ދިވެހީންގެ ފަރާތުން ލަންކާއަށް ދޭން އެއްކުރި އެހީގެ އަދަދު 2.4 މިލިއަން ޑޮލަރަށްވުރެެ އިތުރުވާނެ ކަމަށެވެ. https://sun.mv/214771 ޚަލީލް ވިދާޅުވީ، މީޑިއާތައް ގުޅިގެން ބޭއްވި ޓެލެތޯނަށް ބޮޑު އަދަދެއްގެ ފައިސާގެ އެހީތެރިކަން ލިބުމުން ލަންކާއާ މެދު ދިވެހީން ގެންގުޅޭ އުޚުއްވަތްތެރިކަން ހާމަވެއްޖެ ކަމަށެވެ. އަދި އަވަށްޓެރި ގައުމުތަކުން ގޮވައިލި ކޮންމެ ފަހަރަކު ދިވެހީންގެ އެހީ ލިބޭނެކަން ސާބިތުވެއްޖެ ކަމަށް ޚަލީލް ވިދާޅުވެ، ތައުރީފުކުރެއްވިއެވެ. މި ޓެލެތޯނަށް މިހާތަނަށް އެންމެ ބޮޑު އަދަދެއްގެ ފައިސާ ހަދިޔާ ކުރީ ދިވެހި ފުލުހުންގެ ފަރާތުން 2.4 މިލިއަން ރުފިޔާއެވެ. ދިވެހި ސިފައިންގެ ފަރާތުން ވެސް އެއް މިލިއަން ރުފިޔާ ހަދިޔާ ކޮށްފައިވެއެވެ. އަދި ސަރުކާރު މައި ޕާޓީ ޕީއެންސީ ޕީޖީން 300،000 ރުފިޔާ އަދި ގައުމީ ބޭންކު ބީއެމްއެލްއިން 25،000 ޑޮލަރު ހަދިޔާކޮށްފައިވެއެވެ. ތޫފާން 'ދީތްވާ' ގެ ސަބަބުން މުޅި ލަންކާއަށް ފެންބޮޑުވެ، މަރުވި މީހުންގެ އަދަދު ވަނީ 400 އާ ގާތްކޮށްފައެވެ. ފެންބޮޑުވުމާ ގުޅިގެން ސްރީ ލަންކާގައި 1.1 މިލިޔަން މީހުން ވަނީ ހާލުގައި ޖެހިފައެވެ. އޭގެ ތެރޭގައި 309,607 އާއިލާއަކަށް ނިސްބަތްވާ މީހުން ހިމެނޭއިރު، 180,000 އަށްވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ