ޗެލްސީ ބަލިކޮށް ސަންޑަލެންޑް 53 އަހަރަށް ފަހު ޔޫރަޕަށް

ލަންޑަން (މެއި 24) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ 2-1 އިން ޗެލްސީގެ މައްޗަށް ކުރިހޯދައި ސަންޑަލެންޑުން އަންނަ ސީޒަނުގެ ޔުއެފާ ޔޫރޮޕާ ލީގުގެ ޖާގައެއް ހޯދައިފި އެވެ. 
މިއީ، މި ސީޒަނުގައި އެނބުރި ޕްރިމިއާ ލީގަށް އައި، ސަންޑަލެންޑުން 53 އަަހަރު ތެރޭ ޔޫރަޕް މުބާރާތެއްގައި ކުޅޭނެ ފުރަތަމަ ފަަހަރެވެ. އެ ޓީމުން އެ ފަހަރު ކުޅުނީ، 1973/1974 ވަނަ އަހަރުގެ ސީޒަނުގައި ޔުއެފާ ކަޕް ވިނާސް ކަޕްގަ އެވެ. 
އަނެއްކޮޅުން، ސަންޑަލެންޑް މެޗުން ބަލިވެ، ޗެލްސީން ލީގުގެ 10 ވަނައިގައި ނިންމާލިއިރު، އެ ޓީމަށް އަންނަ ސީޒަނުގައި ޔޫރަޕްގެ އެއްވެސް މުބާރާތަކުން ފުރުސަތެއް ނެތެވެ. ޗެލްސީ އަށް އެފްއޭ ކަޕް ފައިނަލުން މޮޅުވެގެން، ޔޫރަޕްގެ މުބާރާތެއްގެ ފުރުސަތު ހޯދެން އޮތް ނަމަވެސް ފައިނަލުގައި މެންޗެސްޓާ ސިޓީ އަތުން ވީ ބައްޔެވެ. 
އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ފަހަކަށް ޗެމްޕިއަންސް ލީގުގެ ޖާގައެއް ވަނީ ލިބިފަ އެވެ. އެއީ، ޗެމްޕިއަން، އާސެނަލާއި މެންޗެސްޓާ ސިޓީ، މެންޗެސްޓާ ޔުނައިޓެޑް، އެސްޓަން ވިލާގެ އިތުރުން، ލިވަޕޫލް އެވެ. އެސްޓަން ވިލާ އިން ވަނީ ފަހު މެޗުގައި ފަހަތުން އަރައި، 2-1 އިން ސިޓީ ބަލިކޮށްފަ އެވެ. 
ލީގުގެ ހަ ވަނައިގައި ނިންމި ބޯންމައުތުން ފަހު މެޗުގައި ނޮޓިންހަމް ފޮރެސްޓާ 1-1 އިން އެއްވަރުވިއިރު، އެ ޓީމުން އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުގައި ކުޅޭއިރު، މިއީ އެ ކްލަބްގެ ތާރީހުގައި ޔޫރަޕްގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. ބޯންމައުތުން ސީޒަން ނިންމާލީ ބަލިނުވެ 18 މެޗު ފުރިހަމަކޮށްގެންނެވެ. 
ލީގުގެ އަށް ވަނަ މަގާމުގައި ނިންމި ބްރައިޓަން އަށް ވަނީ އަންނަ ސީޒަނުގެ ކޮންފަރެންސް ލީގުން ފުރުސަތު ލިބިފަ އެވެ. ބްރައިޓަން ވަނީ ފަހު މެޗުގައި 3-0 އިން އަމިއްލަ ދަނޑުގައި ޔުނައިޓެޑް އަތުން ބަލިވެފަ އެވެ. ނުވަ ވަނަ ލިބުނީ، ލިވަޕޫލާ 1-1 އިން އެއްވަރުވި ބްރެންޓްފޯޑް އަށެވެ. ބްރައިޓަން އަށް ކުރި ލިބުނީ ލަނޑުގެ ތަފާތުންނެވެ. ދިހަ ވަނައިގައި އޮތް ޗެލްސީ އަށް ލިބުނީ، ބްރެންޓްފޯޑާއި ބްރައިޓަން އަށް ވުރެން އެއް ޕޮއިންޓް މަދުންނެވެ. 
އެއް ވަނަ ހޯދި އާސެނަލުން ފަހު މެޗުގައި 2-1 އިން ކްރިސްޓަލް ޕެލަސް ބަލިކޮށް، 85 ޕޮއިންޓް ހޯދި އެވެ. ސިޓީ އަށް ދެ ވަނަ ލިބުނީ 78 ޕޮއިންޓާ އެކު އެވެ. ތިން ވަނަ ހޯދި ޔުނައިޓެޑަށް 71 ޕޮއިންޓް އަދި ހަތަރެއްގައި ނިންމި ވިލާ އަށް 65 ޕޮއިންޓް އަދި ފަސް ވަނަ ހޯދި ލިވަޕޫލަށް ވަނީ 60 ޕޮއިންޓް ލިބިފަ އެވެ. 
ހަ ވަނައިގައި އޮތް ބޯންމައުތަށް 57 ޕޮއިންޓް އަދި ހަތް ވަނަ ހޯދި ސަންޑަލެންޑަށް 54 ޕޮއިންޓް ލިބިފައިވެ އެވެ. އަށް ވަނައިގައި އޮތް ބްރައިޓަން އާއި ނުވަ ވަަނައިގައި އޮތް ބްރެންޓްފޯޑަށް 53 ޕޮއިންޓް ލިބުނުއިރު، ޗެލްސީން 10 ވަނައިގައި ނިންމާލީ 52 ޕޮއިންޓް ހޯދައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ