މިފްކޯއަށް މިއަދު މަސް ގަންނަނީ ކިލޯއެއް 20 ރުފިޔާއަށް ކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ. މިދުވަސްވަރު މަސްވެރިންގެ އަތުން މަސްގަންނަ އަގުތަކަށް ހެޔޮބަދަލެއް އަންނަމުންދާނެކަމަށް މިފްކޯއިންވަނީ ވިދާޅުވެފައެވެ.
މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މަސްވެރިކަން ދަށް ދުވަސްވަރެކެވެ. އެއާއެކު މަސްބާނާ ނިސްބަތް މަދުވުމުގެ ސަބަބުން މަހުގެ ޑިމާންޑުވަނީ އިތުރުވެފައެވެ. ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިންވަނީ މަސް ގަންނަ އަގުތަކަށް ބަދަލު ގެންނަން ފަށާފައެވެ. އެގޮތުން މިހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން މަސް ގަންނަ އަގުތަކަށް އަންނަނީ ބަދަލުތައް ގެންނަމުންނެވެ.
މިބަދަލާ ގުޅިގެން ޕީއެސްއެމްނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަނަސް ވަނީ މަސްވެރިންގެ އަތުން މަސްގަންނަ އަގުތަކަށް މިދުވަސްވަރު ބަދަލު އަންނާނެކަމަށް ވިދާޅުވެފައެވެ. މަސް ގަންނަ އަގު މައިގަނޑުގޮތެއްގައި ބިނާވަނީ ޑިމާންޑު އަދި ސައިޕްލައިއަށެވެ. މިފްކޯއިން މަސައްކަތްކުރަނީ ސަރުކާރުގެ ސިޔާސަތުތަކާއެއްގޮތަށް މަސްވެރިންގެ އަތުން މަސް ގަންނަ އަގު އެންމެ މަތިކުރުމަށްކަމަށް މިފްކޯއިން އޭރުވަނީ ވިދާޅުވެފައެވެ.
މަސްވެރިކަން ދަށްވުމާއެކު މިފްކޯއިން މިހާރު މިވަނީ އެވްރެޖްކޮށް އަމިއްލަ ކުންފުނިތަކުން މަސްގަންނަ އަގުތަކަށްވުރެވެސް އަގުތައް މަތިކޮށްފައެވެ. މިގޮތުން އާދިއްތަ ދުވަހު މިފްކޯއިން މަސް ގަނެފައިވަނީ ކިލޯއެއް 18.50 ރުފިޔާއަށެވެ. މިފްކޯއިން މިއަގުތައް މަތިވާނެކަމަށް އޭރުވެސްވަނީ އަންދާޒާކުރައްވާފައެވެ.
މަސްވެރިކަމުން ލިބޭ ނަފާ އިތުރުކުރުމަށްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަހުން އުފައްދާ ބާވަތްތައް އިތުރުކޮށް، އަގުއެއްކޮށްގެން ވިއްކާ ބާވަތްތައް އުފެއްދުމާއި، މަހުގެ ކޮލިޓީ ހިފަހައްޓާ މަސްބޭރުކުރެވޭ ނިޒާމު ހަރުދަނާކުރުމުގެ އިތުރުން، ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ އިތުރުކޮށް ދުނިޔޭގެ ބާޒާރުގައިވެސް މަސްވެރިކަން ދަށްދުވަސްވަރު ދިވެހި މަހުގެ ބާވަތްތައް ބޭރަށް ވިއްކޭނެ އިންތިޒާމު ހަމަޖެއްސުމަށްދަނީ މަސައްކަތްކުރަމުންނެވެ.
މިފްކޯއިން ވިދާޅުވީ، އެކުންފުނީގެ ފެލިވަރު، ކޫއްޑޫ އަދި އައްޑޫގައި ޤާއިމުކޮށްފައިވާ ކާރުހާނާތަކުގެ އިތުރުން ގދ.ތިނަދޫ، ފަރެސްމާތޮޑާ، ގައްދޫ އަދި އިހަވަންދޫއާއި ފުވައްމުލައް ސިޓީގެ ބަނދަރުން އަންގާރަ ދުވަހު މިއަގުތަކުގައި މަސްގަންނަމުންދާނެކަމަށެވެ.
މިފްކޯއަށް މިއަދު މަސް ގަންނަނީ 20ރ. އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ