އަމާޒަކީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުން އިންޑިއާ ބަލިކުރުން: ރައީސް ޔާމީން

އިދިކޮޅު ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބު ކާމިޔާބު ކަމާއެކު މިއަދު ނިންމާލުމަށް ފަހު، އެންމެ ބޮޑު އަމާޒަކަށް ވާނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓުން އިންޑިއާ ބަލިކުރުން ކަމަށް އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.އިދިކޮޅު ޕީޕީއެމްގެ އެތެރޭ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނުން ފެށިގެން ކުރިޔަށް އެބަދެއެވެ. މިއީ ޕީޕީއެމުން މިހާތަނަށް ބާއްވާ އެންމެ ބޮޑު އެތެރޭގެ އިންތިހާބެވެ.މި އިންތިހާބުގައި ވޯޓު ލެއްވުމަށް ވަޑައިގެން، އެ ސަރަހައްދުގައި ތިބި ނޫސްވެރިންނާއި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ މިއީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގެ ކުރިން މުޅި ރާއްޖޭގައި ވެސް ބޭއްވޭނެ އެންމެ މުހިއްމު އިންތިހާބު ކަމަށެވެ. އަދި، މިއީ ވަރަށް ޑިމަކްރަޓިކްކޮށް ކުރިޔަށް ގެންދާ ސުލްހަވެރި އިންތިހާބެއް ކަމަށެވެ.ޔާމީން ވިދާޅުވީ އިންތިހާބުގައި ކާމިޔާބު ހޯދައި ކެންޑިޑޭޓުން ހަވާލުވަނީ ވަރަށް މުހިއްމު މަސްއޫލިއްޔަތަކާ ކަމަށެވެ. އެއީ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް އިންޑިއާ ބަލިކުރުން ކަމުގައިވެސް ވިދާޅުވި އެވެ."މި ކަމަށް ހުރިހާ ބޭފުޅުން މަސައްކަތް ކޮށްދެއްވާ،" ޔާމީން ވިދާޅުވި އެވެ.އިދިކޮޅުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެކި ކަންކަމަށް އިންޑިއާ އިން ނުފޫޒު ފޯރުވުމެވެ. އެހެންވެ، އިދިކޮޅުން ގަބޫލު ކުރަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މިހާރުގެ ސަރުކާރު ބަލިވުމަކީ އިންޑިއާ ބަލިވުން ކަމަށެވެ.ޔާމީން މިއަދު ވިދާޅުވި ގޮތުގައި، ޕީޕީއެމް ކޯލިޝަންގެ އެތެރޭގެ އިންތިހާބުގެ އިންތިޒާމުތަކާ މެދު ހިތްހަމަޖެހިވަޑއިގަންނަވާ ކަމަށާއި ކެންޑިޑޭޓުންގެ މެދުގައި އޮތް ވާދަވެރިކަމާއި މެމްބަރުން އިންތިހާބާ މެދު އޮތް ޝައުގުވެރިކަން، ވޯޓުލާން ދާ މީހުންގެ އަދަދަށް ބެލުމުން ވަރަށް ބޮޑަށް ސާފުވާ ކަމަށެވެ.އެ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަނީ ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ."ދާއިރާތަކުގައި ހިނގާ ހުރިހާ ސިޔާސީ ހަރަކާތެއް ދެން ހިނގާނީ ދާއިރާތަކަށް ހޮވޭ ދާއިރާގެ ރައީސްގެ ބެލުމުގެ ދަށުން." އެމަނިކުފާނު ވިދާޅުވިއެވެ.ޕީޕީއެމްގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނާއި އެމަނިކުފާނު ވެސް ވަކި ބަޔަކަށް ކެމްޕޭން ކޮށްދެއްވި ކަމަށް ކުރެވޭ ތުހުމަތުތައް ވެސް ރައީސް ޔާމީން މިއަދު ދޮގުކުރެއްވި އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާފައިވަނީ ހުރިހާ ކެންޑިޑޭޓުންގެ ހައްގުތައް ވެސް ހިމާޔަތް ކުރެވޭ ގޮތަށް ކަމަށެވެ.ސިޔާސީ ޕާޓީތަކުން މިހާރު އަންނަނީ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް ކުރަމުންނެވެ.ޕީޕީއެމުން ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ ޓިކެޓު ހަވާލު ކޮށްފައިވާ އިރު އެމްޑީޕީން ވެސް އަންނަނީ ރިޔާސީ ޕްރައިމަރީއެއް ބޭއްވުމުގެ މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ