އައްޑޫ ހޮސްޕިޓަލް ހިންގާކަށް ނޭނގޭ: ޔާމީން

އައްޑޫގެ މިހާރުގެ ޓާޝަރީ ހޮސްޕިޓަލް ކަމަށްވާ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ހިންގަން ނޭނގިގެން އުޅޭ ކަމަށް ކުރީގެ ރައީސް އަަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އެ ހޮސްޕިޓަލް ހަދާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 17 ވަނަ ސާކް ސަމިޓް ބާއްވަން ހެދި އިކްއެޓޯރިއަލް ކޮންވެޝަން ސެންޓަރު (އީސީސީ) ގަ އެވެ. އެތަން ހޮސްޕިޓަލަކަށް ބަދަލުކުރީ ތަނަށް އަޅާނުލެވި، މުޅި ތަން ވީރާނާވާ ދޫކޮށްލާފައި ވަނިކޮށް ރައީސް ޔާމީންގެ ވެރިކަމުގަ އެވެ.
އޭއީއެޗް ނިންމައި އެތަނުގައި ރަސްމީކޮށް ހިދުމަތް ދޭން ފެށި ޖެނުއަރީ 15، 2020 ގަ އެވެ.
އައްޑު އަޑް އިއްޔެ ފެއްޓެވި ދަތުރުގައި ފޭދޫގެ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ އީސީސީގައި ފަނި އަޅައި އެތަނު އެއްކޮށް ހަލާކުވާން ދޫކޮށްލާފައި ހުއްޓައި ހޮސްޕިޓަލަކަށް ބަދަލުކޮށް، ޒަމާނީ އިކްޕްމަންޓް ހަމަކޮށް ދިނުމުން ވެސް އުޅެނީ ހޮސްޕިޓަލް ހިންގަން ނޭނގިގެން ކަމަށެވެ.
"އަޅުގަނޑުމެންނަށް ފެނުނީ އެންމެ ރަނގަޅު ކަމަކަށް ކުރެވޭނީ އެތަން ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމޭ. އެތަނަށް ބޭނުންވާ ހުރިހާ މަރާމާރަތަކާއި ހުރިހާ ކަމެއް ރަނގަޅުކޮށްފައި އަދި ނުވތާކަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ލާ ދީފައި އެތަނަށް ބޭނުންވާ އެންމެ ޒަމާނީ ސާމާނު އަޅުގަނޑުމެން ހަމަކޮށް ދިނުން. ދެން އެތަން ބޭނުން ހިފަން ނޭނގުމަކީ އަޅުގަނޑުގެ މައްސަލައެއް ނޫން ދެއްތޯ؟" ޔާމީން ވިދާޅުވި އެވެ. "ކީއްވެތޯ އެތަން ބޭނުން ހިފަން ނޭނގިގެން އުޅެނީ؟ އެތަން ހިންގަވަން މިއަދު ހުންނެވީ މި އަތޮޅުގެ ދަރިއެއް. ދެން އަޅުގަނޑު ނުދަންނަވަން އޭނަ އަށް ހުރަސްތަކެއް ނެތެކޭ. އެކަމަކު ކިހިނެއް ވެގެންތީ އެތަން ނުހިންގިގެން ނޫނީ ބޭނުން ނުކުރެވިގެން އުޅެނީ؟"
ޔާމީން ވިދާޅުވި ގޮތުގައި ނަޝީދުގެ ވެރިކަމުގައި އީސީސީ އަޅާފައި އެތަން ދޫކޮށްލީ ޓޫރިޒަމަށް މަގުފަހިކޮށް ދީފައި ކަމަށް ބުނެ އެވެ.
"އެ އަޅާ ނިންމާފައި ދިޔަ މީހާ [ނަޝީދު] ވިދާޅުވީ މި އޮތީ ޓޫރިޒަމަށް މަގު ހުޅުވާލައިފައޭ،" ޔާމީން ވިދާޅުވި އެވެ. "މިއީ ގެސްޓުން އަންނަންވީ ތަނެކޭ. އެ ވަރުގެ ފިކުރު ހުންނަ މީހުން މިއީ."
ޔާމީން ވިދާޅުވި ގޮތުގައި އެ މަނިކުފާނުގެ ވެރިކަމުގައި ހީފުޅުކުރެއްވި ގޮތާ ހިލާފަށް ފަސް އަހަރުގެ ތެރޭގައި ތަރައްގީގެ ގިނަ ކަންތައްތަކެއް ކުރެއްވުނެވެ. އޭގެ ތެރޭގައި 68 ސްޕެޝަލިސްޓުން ތައްޔާރުކުރީ އެކި ހޮސްޕިޓަލުތަކަށް ފޮނުވުމަށް ކަމަށް ވިޔަސް އެ ސްޕެޝަލިސްޓުންނަށް ވީ ގޮތެއް ވެސް މިހާރު ނޭނގޭ ކަމަށް ވިދާޅުވި އެވެ.
"މި އޮތް ބޮޑު އިންވެސްޓްމަންޓް ހެދީ މިފަދަ ރަށްރަށުގެ ހޮސްޕިޓަލުތަކަށް ބޭނުންވާ ޑޮކްޓަރުން ތައްޔާރު ކުރުމަށް،" އެ މަނިކުފާނު ވިދާޅުވި އެވެ. "މިހާރު އެ މީހުން ޕްރައިވެޓް ސެކްޓަރަށް ގޮސް ނިމުނީ. ކޮބައިތޯއޭ ސަރުކާރުން މި އުފުލި ބުރަ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ