ލުބުނާންގައި އާންމުން ބޭންކުތަށް ވަދެ ފޭރެނީ، ނަގަނީ އަމިއްލަ އެކައުންޓްގައި ހުންނަ ފައިސާ!

މިއީ ނެޓްފްލިކްސް އިން ދައްކާ މަނީ ހައިސްޓްގެ އެޕިސޯޑެއް ނޫނެވެ. އިގުތިސޯދީ ގޮތުން މީންޒަމާނަކު ނުވެއްޓޭ ހާ ފުން އަނދަވަޅަށް ވެއްޓިފައި ވާ ލުބުނާންގައި އާންމު "ޓްރެންޑަކަށް" ވެފައި ވާ ކަމެކެވެ.
ބޭންކް ތަކުގައި އެކައުންޓް ހުޅުވާ، ފައިސާ ޖަމާ ކޮށްގެން ތިބި މީހުން، ބައެއް ފަހަރު ހަތިޔާރަކާ އެކު އަނެއްބައި ފަހަރު ހުސް އަތާ ވަދެ، ފޭރެނީއެވެ. ނަމަވެސް މިކަމުގައި ބޭންކުގައި އޮންނަ އެހެން އެއްވެސް އެކައުންޓެއްގައި ހުންނަ ފައިސާއެއް މިހެން ވަންނަ މީހުން ނުފޭރެއެވެ. އެމީހުން ބޭނުންވަނީ އެމީހުންގެ އެކައުންޓްތަކުގައި ހުންނަ ލާރިއެވެ.
މިކަން ލުބުނާންގައި އާންމުވެ، މިހެން ބޭންކްތަކަށް ވަންނަ މީހުންނަށް ދައުވާއެއްވެސް މިހާރު ނުކުރެއެވެ.
ދުވާލަކަށް 2.15 ޑޮލަރު ނުޖެހޭ 80 ޕަސެންޓް އާބާދީ ލުބުނާނުގައި އޮތް އިރު، ސަރުކާރުން ވަނީ ބޭންކުތަކުން ފައިސާ ނެގޭ މިންވަރު ދަށްކޮށްފައެވެ. އެއާއެކު، އަސާސީ ކަންކަން ނުފުއްދި އާންމުންގެ ރުޅިވެރިކަން ބޮޑުވެފައި ވާ މި ދަނޑިވަޅުގައި ބޭންކަން ވަން އަންހެނަކު ބުނީ، އޭނާ ބޭންކަށް ވަނީ ކުޅޭ ކުޅޭ ފިސްތޯލައެއް ހިފައިގެން ކަމަށާއި، ކެންސަރަށް ފަރުވާ ހޯދާ އޭނާގެ ދައްތައަށް ބޭނުންވާ އަސާސީ ކަންކަން ހަމަޖެއްސޭނެ ފައިސާ އަތުގައި ނެތުމުން ފައިސާ ހޯދަން ކަމަށެވެ.
ބޭންކްތަކަށް އާންމުން ވަންނަ ވީޑިއޯތައް އާންމުވެފައި ވާއިރު، ބައެއް މީހުން ވަދެފައި ވަނީ ބޭންކްގެ ބިއްލޫރިތައްވެސް ތަޅާލާފައެވެ.
އދ ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، ލުބުނާނުގެ އާބާދީގެ ބޮޑުބައެއް ދިރިއުޅެނީ ފަގީރުން ކަމަށް ކަނޑައަޅާ އަސާސީ މިންގަނޑަށް ވުރެ ދަށުގައެވެ. ދުވާލަކަށް 2.15 ޑޮލަރު ބޮލަކަށް ނުޖެހޭނަމަ އެއީ ފަގީރު ކަމުގެ އިންތިހާ ކަމަށް އެ މިންގަނޑުގައި ބުނެއެވެ. މިއާއެކު ވަޒީފާތަކުގައި އުޅޭ މެދުމިނުގެ އާމްދަނީއެއް ލިބޭ މީހުންނަށްވެސް ބޮޑެތި އަސަރުތައް ކޮށްފައި ވާކަމަށް ބުނެއެވެ. އޭގެ އިތުރުން ބޭންކުތުގައި ފައިސާ ރައްކާ ކޮށްފައި ވާ މީހުންގެ ތެރެއިން ބޭރު ފައިސާ ހުރި މިލިއަނަކަށް ވުރެ ގިނަ އެކައުންޓް ހިފަހައްޓާ، ކޮންމެ މީހަކަށް ދޫކުރާ އަދަދު ވަނީ ބޭންކް ތަކުން ބޮޑުތަނުން މަދުކޮށްފައެވެ.
ހަބަރުތައް ބުނާ ގޮތުން، މީހަކު 700 ޑޮލަރު ނަގަން އެދުނިއްޔާ، ބޭންކުން ދޫކުރަނީ 200 ޑޮލަރެވެ.
ލުބުނާނުގެ ބޭންކްތައް ފެޅުން، ނުވަތަ ފޭރުމުގެ ފުރަތަމަ ހާދިސާ ފެންމަަތިވީ މިއަހަރުގެ ޖެނުއަރީގައި، މީހަކު އޭނާގެ އެކައުންޓުން ފައިސާ ނަގަން ގޮސްގެން ފައިސާ ނުލިބުމުން، އެވަގުތު ބޭންކުގައި ތިބި މީހުން ހިސޯރުކުރި ހިސާބުންނެވެ. ދެވަނަ ހާދިސާއެއްގައި މިދިޔަ އޯގަސްޓްމަހު މީހަކު އޭނާގެ ބަލި ބައްޕަގެ ފަރުވާއަށް 200،000 ޑޮލަރު ނަގަން އުޅުމުން ބޭންކުން ނިދިނުމުން، މުވައްޒަފުންނާއި އެވަގުތު ބޭންކުގައި ތިބި މީހުން ރަހީނުކޮށްފައި ވެއެވެ.
މިދިޔަ ބުދަދުވަހުވެސް ފިރިހެނަކު ވަނީ ހަތިޔާރާއެކު ބޭންކަށް ވަދެ އޭނާގެ ފައިސާ ދޭން އެދިފައެވެ. ހަމަ އެ ދުވަހު އަންހެނަކުވެސް ވަނީ ބޭންކަށް ވަދެގަނެ އޭނާގެ އެކައުންޓުގައި ހުރި ފައިސާ ނުދީފިނަމަ ރޯކޮށްލާނެ ކަމަށް ބުނެ ބިރުދައްކާ އޭނާގެ އެކައުންޓްގައި ހުރި 20،000 ޑޮލަރުގެ ތެރެއިން 13،000 ޑޮލަރު ހޯދާފައެވެ.
ލުބުނާނު ބޭންކްރަޕްޓްވެ، އިގުތިސޯދީ ބޮޑު ކާރިސާއަކަށް ގޮސްފައި މިވަނީ، އެގައުމުގެ ސަރުކާރަށް އިގްތިސޯދު މެނޭޖް ނުކުރެވި، ކޮރަޕްޝަނާއި ފަސާދަ އިންތިހާއަށް ބޮޑުވެގެން ކަމަށް މުރާސިލުން ބުނެއެވެ. އަދި ލުބުނާނަކީ ކާބޯތަކެއްޗާއި ގޭސް ރަޝިއާއިން އެތެރެ ކުރާ ގައުމަކަށް ވާއިރު ޔޫކްރައިން ހަނގުރާމަ އާ ހެދި އެ ފުރުސަތުވެސް ބަންދުވެ އާންމު ހާލަތުވަނީ އިހުނަށް ވުރެ ދަށަށް ވެއްޓިފައެވެ. މިއާއެކު، ލުބުނާން ހަމައަކަށް އެޅުވުމަށް އައިއެމްއެފްއިން ހުށަހަޅާ ކަންކަން ކުރުމަށްވެސް ލުބުނާން ވަނީ ނުކުޅެދިފައެވެ. އައިއެމްއެފްގެ ހުށަހެޅުމަކީ ލުބުނާންގެ މާލީ ނިޒާމު އެއްކޮށް މުރާޖައާކޮށް ހަރަދުތައް ކުޑަކޮށް، އިގުތިސޯދީ އާ ޕްލޭނެއް ނެރުމެވެ. ނަމަވެސް ލުބުނާނުން ބުނަނީ، އެގައުމަށް ދެން އަރައިގަނެވޭނީ ދާދި ފަހުން ލަންކާއަށް ހަމަޖައްސައިދިން ފަދަ "ބެއިލް އައުޓް" އެއް ނުވަތަ ފައިސާގެ ބޮޑު އެހީއެއް ދީގެން ކަމަށެވެ.
ލުބުނާނުގެ ފައިސާގެ އަގެއް ނެތް އިރު، 38،000 ލުބުނާން ޕައުންޑަށް ލިބެނީ 1 ޔޫއެސް ޑޮލަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ