އަތުލައިގެން ލަންކާގެ 3 މަސް ބޯޓުން ގިނަ އަދަދަކަށް މިޔަރު ބޭނި: އެމްއެންޑީއެފް

ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސްވެރިކަން ކުރަމުން ދަނިކޮށް އަތުލައިގެން ސްރީލަންކާގެ ތިން މަސް ބޯޓުން ގިނަ އަދަދަކަށް މިޔަރު ބާނާފައި ވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ، އެ ބޯޓްތައް ހިފަހައްޓާފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ގާޒީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ޕެޓްރޯލް ކުރުމުގެ ތެރެއިން ކަމަށެވެ. އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް ހިފެހެއްޓި ފުރަތަމަ ދެ ބޯޓު، ކޯސްޓްގާޑް ޝިޕް ގާޒީގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ކަަމަށް އެމްއެންޑީއެފުން ބުނެއެވެ.
މި 2 ބޯޓަކީ "ބަނޫޒަން" ނަމަކަށް ކިޔާ ބޯޓަކާއި "ރަތު 01" ނަމަކަށް ކިޔާ ބޯޓެކެވެ. މި ދެ ބޯޓްގެ ތެރެއިން ކޮންމެ ބޯޓެއްގައި ވެސް ސްރީލަންކާގެ ހަ ފަޅުވެރިން ތިބި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ކޯސްޓްގާޑު ޝިޕް ގާޒީގެ ބެލުމުގެ ދަށަށް ގެނައި ސްރީލަންކާގެ ތިންވަނަ މަސް ބޯޓަކީ "ލަކްޕްވިޔާ ދެނެތު" ނަމަކަށް ކިޔާ މަސް ބޯޓެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ހަތް ފަޅުވެރިންނާއެކު ރާއްޖޭގެ ސަރަހައްދުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ މި ބޯޓް ކޯސްޓްގާޑު ޝިޕް ގާޒީގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ މި މަހުގެ 1 ވަނަ ދުވަހުއެވެ.
އެ ބޯޓްތަކުން ގިނަ އަދަދަކަށް މިޔަރު ބާނާފައި ހުރި އިރު، ބައެއް އެހެން ބާވަތްތަކުގެ މަސް ވެސް ބާނާފައި ހުރި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ކޯސްޓްގާޑު ޝިޕް ގާޒީގެ ބެލުމުގެ ދަށުން އެ ބޯޓްތައް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާ އިރު، އެ ބޯޓްތަކަށް ދޫނިދޫއާ ހަމައަށް އާދެވޭނެ ކަމަށް ލަފާކުރެވެނީ މިރޭ ދަންވަރު 1:00 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ