ޖީއެސްޓީ ބޮޑުކުރަން ވޯޓަށް އެހީ ރައީސް ނަޝީދު މަގާމުން ވަކިކޮށްފާނެކަމުގެ ބިރަށް: އިދިކޮޅު

މުދަލާ ޚިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލަށް ވޯޓަށް އެއްސެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައިފާނެ ކަމުގެ ބިރަށް ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ. ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރާ ބިލް ފާސްކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އިދިކޮޅު ކޯލިޝަންގެ ޕީޖީ ގްރޫޕްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މެމްބަރު އާދަމް ޝަރީފް ވިދާޅުވީ މި ބިލް ފާސްކުރުމަށް ސަރުކާރުން ވަރަށް ބޮޑަށް ނުފޫޒު ފޯރުވާފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި މަޖިލީހުގެ ރިޔާސަތުން ވޯޓަށް އެއްސެވުމުގެ ކުރިންނާއި، ބިލް ފާސްވުމަށް ފަހު ވެސް ނުތަނަވަސްކަން ފާޅުކުރެއްވި ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. "އަޅުގަނޑު ދަންނަވާނީ މަޖިލީހުގައި މިއަދު ވޯޓު ނެގިގެން އެދިޔައީ މަޖިލީސްގެ ރިޔާސަތަށްވެސް އޭގެ ޒާތުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވުމުން ކަމަށް. މި ބިލް ފާސްކުރަން ހުށަހެޅުމާ ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތްކަން ވަރަށް ބޮޑަށް ފާހަގަކުރެވިގެން ދިޔަ. ނިމިގެން ދިޔަ ދެ ދުވަހުވެސް ފާހަގަކުރެވިގެން ދިޔަ މަޖިލިސް ކައިރިގައިވެސް ރައްޔިތުން ނުކުމެ އިހުތިޖާޖު ކުރި." މެމްބަރު ވިދާޅުވިއެވެ. މީގެއިތުރުން، ބިލާ ދެކޮޅަށް ބަހުސް ކުރި ބައެއް މެމްބަރުން ބިލާ އެއްކޮޅަށް ވޯޓު ދިންކަން ފާހަގަކުރައްވައި މެމްބަރު ވިދާޅުވީ، ސަރުކާރު ތަމްސީލް ކުރާ އެމްޑީޕީގެ ބައެއް މެމްބަރުންނަށް ގޮންޖެހުންތަކަކާއި ކުރިމަތިވެ، މާލީ މަންފާ ނުވަތަ އެ ނޫން ވެސް ގޮތްތަކުން ނަފާ ލިބޭނެ އިމްތިޔާޒްތަކެއް އޮތްކަން ސާބިތުވާ ކަމަށެވެ. އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން 5.4 އިންސައްތަ މައްޗަށް ދާނެ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން ވެސް ލަފާކޮށްފައިވާއިރު، މެމްބަރު ވިދާޅުވީ މިކަމުގެ އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހޭނީ އާންމު ރައްޔިތުންނަށް ކަމަށެވެ. އެގޮތުން، ތަކެތީގެ އަގު ބޮޑުވެ ދިވެހި ފައިސާގެ އަގު ދަށަށް ގޮސް، ކަޅު ބާޒާރުގައި މިހާރަށް ވުރެ ބޮޑަށް ޑޮލަރުގެ އަގު އުފުލުމާއެކު އާންމުންގެ ދިރިއުޅުމުގެ ފެންވަރު ދަށަށް ދާނެ ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ. މިއަދުގެ ޖަލްސާގައި 88 މެމްބަރުން ބައިވެރިވިއިރު، ޓެކްސް ބޮޑުކުރަން ފެންނަކަމަށް 55 މެމްބަރުން ވަނީ ވޯޓުދެއްވާފައެވެ. ނުފެންނަ ކަމަށް 26 މެމްބަރުން ވޯޓު ދެއްވިއެވެ. ޝަރީފް ވިދާޅުވީ 26 މެމްބަރުން ބިލާ ދެކޮޅަށް ވޯޓު ދެއްވުމުން ދޭހަވަނީ ސަރުކާރުގެ ނުފޫޒު އޮތް ނަމަވެސް، މިމައްސަލައިގައި ރައްޔިތުންގެ ހުރި ކަންބޮޑުވުން އިސްކުރެއްވި މެމްބަރުން ތިއްބެވިކަން ކަމަށެވެ. އިދިކޮޅުން ވަނީ ބިލް ތަސްދީގުކުރުމުގެ ކުރިން ރިއާޔަތްކުރަން ހުރި މުހިންމު ކަން ކަމަށް ރިއާޔަތް ކުރުމަށް ފަހު ބިލް އަލުން މަޖިލީހަށް ފޮނުވުމަށް ސަރުކާރަށް ގޮވާލާފައެވެ. މި ބިލް ފާސްކޮށްފައި މިވަނީ މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވައިލި ރިޕޯޓް ފާސްކުރުމާ މެދު ގޮތެއް ނިންމުމަށް ދެ ދުވަހެއްގެ މަތިން ތާވަލް ކުރުމަށް ފަހު އެކަން ނުކުރުމުން އެމްޑީޕީގެ ބައެއް މެމްބަރުން އެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ގެ ސަމާލުކަމަށް ވެސް ގެނެސްފައިވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ