ހުވަދޫ މަސްވެރިންގެ އިހުސާސްތައް އަޑުއަހަން ރައީސް ސާލިހް ބޭނުންވޭ: ސައުދުﷲ

މިއަހަރުގެ މަސްވެރިންގެ ދުވަސް ގދ. އަތޮޅުގައި ފާހަގަކުރަން ސަރުކާރުން ނިންމި ނިންމުމަކީ ހުވަދޫ މަސްވެރިންގެ އިހުސާސްތައް އަޑުއަހަން ރައީސް ސާލިހް ބޭނުންވާ ކަމުގެ ހެއްކެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސައުދުﷲ އަޙްމަދު ވިދާޅުވެއްޖެއެވެ.
ސައުދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސްވެރިންގެ ދުވަސް ގދ. އަތޮޅުގައި ފާހަގަކުރަން ސަރުކާރު ނިންމި ނިންމުމަކީ ހުވަދޫ މަސްވެރިންގެ އިހުސާސްތައް އަޑުއަހަން ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ކަމުގެ ހެއްކެއް ކަމަށާއި މަސްވެރިންގެ އަޑު އެހުމަށް ފަހު މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އަދި ހައްލު ކުރަންޖެހޭ ކަންތައްތައް ރައީސް ސާިލް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ސައުދު ވިދާޅުވިއެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލުތައް ބާއްވާނެ ރަށަކީ ގދ. ފަރެސްމާތޮޑާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙް ހަމަޖެއްސެވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން މިކަމާ ގުޅޭގޮތުން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުގައެވެ.
މިއަހަރު މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ކުރިޔަށް ގެންދާނެގޮތާ ބެހޭގޮތުން ފިޝަރީޒްް މިނިސްޓަރ ޑރ.ހުސެއިން ހަސަން ފަރެސްމާތޮޑާގެ މަސްވެރިންނާ ބައްދަލުކޮށް މަޝްވަރާކުރެއްވުމާ ގުޅިގެން ވީނިއުސްއާ ވާހަކަ ދައްކަވަމުން ގދ.ފަރެސްމާތޮޑާ ކައުންސިލްގެ ނައިބު ރައީސް ނަސްރުﷲ މުހައްމަދު ވިދާޅުވީ މަސްވެރިންގެ ދުވަހު ރަށުގައި ކުރިއަށްގެންދަން ބޭނުންވާ 35 ކަމެއް މިނިސްޓަރާ ހިއްސާކުރެއްވި ކަމަށާއި އޭގެ ތެރެއިން ސީދާ ވަކިކަމެއް ކުރަން އަދި ނިންމާފައިނުވާ ކަމަށެވެ.
ކައުންސިލުން ހުށަހެޅި ކަންކަމަށް ރިޢާޔަތް ކުރުމަށް ފަހު ވަކި ގޮތެއް އަންގާނެ ކަމަށް މިނިސްޓަރު ވިދާޅުވި ކަމަށްވެސް ނަސްރުﷲ ވިދާޅުވިއެވެ.
އަދި ކުރެވުނު މަޝްވަރާގެ ތެރޭގައި ފަރެސްމާތޮޑާގައި މަސްވެރިންގެ ދުވަހެއް ކުލަގަދަކޮށް ފާހަގަކުރެވޭނެ ގޮތްތަކާއި، ރަށުގެ ތަރައްގީއާ ގުޅުން ހުރި މުހިންމު ކަންކަން ހިމެނޭ ކަމަށް ނަސްރުﷲ ވިދާޅުވިއެވެ.
1989 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 10 ވަނަ ދުވަސް، މަސްވެރިންގެ ދުވަހުގެ ގޮތުގައި ރަސްމީކޮށް ސަރުކާރުން ގެންދަނީ ފާހަގަކުރައްވަމުންނެވެ. އެންމެފަހުން 2021 ވަނަ އަހަރު މަސްވެރިންގެ ދުވަސް ފާހަގަކޮށްފައި ވަނީ ކ.ގާފަރުގައި ކަމުގައިވާތީ މި ހިނގާ 2022 ވަނަ އަހަރު ފާހަގަކުރާ 42 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހުޅުވައިލީ ދެކުނުގެ ރަށްތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ