ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ އިސް މަގާމްތަކަށް ދަރިވަރުން ހޮވައިފި

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ އިސް މަގާމްތަކަށް ދަރިވަރުން ހޮވައިފިއެވެ.
ވިލާ ކޮލެޖްގައި ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑެޕިއުޓީ ވައިސް ރެކްޓަރ ރިސާޗް އެންޑް އިނޮވޭޝަން ޑރ މުހައްމަދު އާދިލްއެވެ.
މި ރަސްމިއްޔާތުގައި ދަރިވަރުންނާ މުހާތަބު ކުރައްވަމުން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ޕްރިންސިޕަލް ސައީދު އަހުމަދު ވިދާޅުވީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ކުރިއެރުމަކީ ޓީޗަރުން ދައްކާ މަގުން ހިނގާ، ދަރިވަރުން ހޯދަމުންދާ ކާމިޔާބީ ކަމަށެވެ.
އެގޮތުން އެކި މަގާމުތަކަށް އައްޔަންކުރެވި ހުވާ ކުރި ކުދިންނަކީ ލީޑަޝިޕް ހުރި ގާބިލްކުދިން ކަމަށާއި، އެހެން ކުދިންނަށް ހިތްވަރުދޭ ކުދިންނަށް ވާންޖެހޭ ކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ ހައިސުކޫލްގެ މަގާމުތަކަށް ކުދިން ހޮވާފައިވަނީ ދަރިވަރުންގެ މެދުގައި ވާދަވެރި ވޯޓަކުން ކަމަށާއި ހޮވިފައި ތިބި ކުދިންނަކީ މިއަހަރު ސްކޫލުގައި ބާއްވާ ހުރިހާ ކަމެއް ރާވައި ފުރިހަމައަށް އިންތިޒާމްކުރެވޭނެ ކުދިން ކަމަށެވެ.
މިދިޔަ އަހަރު އެކިދާއިރާތަކުން ވިލާ ހައި ސުކޫލުން ގިނަ ކާމިޔާބީތަކެއް ހޯދާފައިވާކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ މިއަހަރު އިތުރު ކާމިޔާބުތަކެއް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.
" އަޅުގަނޑުމެން ކުދިން ސްކޫލް ނިންމާފައި އަދި ކޯސްތަކަށް ދިއުމުގެ ކުރިން ރާއްޖޭގެ އެކި ހިސާބުތަކުގައި މަސައްކަތް ކުރަމުންދާ ދިއުމުގައި ވެސް މިކުދިންގެ ހުރި މިކަހަލަ ހުނަވެރިކަން ފާހަގަކުރެވޭ ވާހަކަ އަޅުގަނޑުމެންނާ ހިސާބަށް އާދެ. އެކުދިން ފަހަރެއްގައި ވެސް އެންމެ މަތިން އޭ ގްރޭޑްތައް ހިފައިގެން އުޅޭ ވާހަކައެއް ނޫން. އެހެން ނަމަވެސް އެކުދިން ކަންކަމާއި ކެރިގެން ކުރިމަތިލާކަން އެކުދިންނާއި، ކަމެއް ހަވާލުކުރީމަ އެކަން ތަރުތީބުން އިންތިޒާމް ކޮށްގެން އެކަމާ ކުރިމަތިލާކަން އަދި ކާމިޔާބު ކަމާއެކު އެކަންތަންފީޒު ކުރާކަން. މިއީ އަޅުގަނޑުމެންނަށް އެކިއެކި ކުންފުނިތަކުން އެކި އޮފީސްތަކުން އެކިދާއިރާތަކުން އިވޭ ވާހަކަ " ހައި ސްކޫލުގެ ޕްރިންސިޕަލް ސައީދު ވިދާޅުވިއެވެ.
މިރަސްމިއްޔާތުގައި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ކެޕްޓަން ކަމާއި، ޑެޕިއުޓީ ކެޕްޓަން ކަމާއި، ކުޅިވަރު ހަރަކާތްތަކުގެ ކެޕްޓަނުންނާއި ހައުސްތަކުގެ ކެޕްޓަނުންނާއި، ހުރިހާ ކުލަބްތަކެއްގެ ރައީސުންނާއި، ޕްރެފެކްޓުން ވަނީ ހޮވާފައެވެ. އަދި މަގާމުތަކަށް ހޮވުނު ދަރިވަރުންނަށް މިރަސްމިއްޔާތުގައި ވަނީ ސެޓްފިކެޓް ހަވާލުކޮށް މަގާމުގެ ހުވާ ލައިދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ