އޯޑިޓް ކޯސްތަކެއް ނެޝަނަލް ޔުނިވަރސިޓީން ފަށަނީ

ދިވެހިރާއްޖޭގައި އޮޑިޓް ކުރުމާއި އެޝުއަރެންސްގެ ޚިދުމަތް ދިނުމުގެ ގަވާއިދުގެ ދަށުން އޯޑިޓް ޕްރެކްޓިސަސް އެންޑް ޕްރޮސީޖާސް ކޯސް ހިންގުމަށް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އާއި ހަވާލުކޮށްފިއެވެ.
މިއަދު މޯލްޑިވްސް ނެޝަނަލް ޔުނިވާރސިޓީގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި އޮޑިޓަރ ޖެނަރަލްގެ އޮފީހުން ޔުނިވަރސިޓީއާއި ހަވާލުކޮށްފައިވަނީ ދިވެހިރާއްޖޭގައި އޯޑިޓް ކުރުމާއި އެޝުއަރެންސްގެ ޚިދުމަތް ދިނުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އޯޑިޓް ޕްރެކްޓިސިންގ ސެޓްފިކެޓްގެ ކެޓަގަރީ ބީ އަދި ކެޓަގަރީ ސީއަށް އެދި ހުށަހަޅާ ފަރާތްތަކަށް ކޯސް ހިންގުމުގެ މަސައްކަތެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އޮޑިޓަރ ޖެނަރަލް ނިޔާޒް އިބްރާހިމް ވިދާޅުވީ ރާއްޖޭގައި ހަތް ހާހެއްހާ ކުންފުނި ހަރަކާތްތެރި ވަމުންދާ ކަމަށާއި އެއިން ކޮންމެ ކުންފުންޏަކީ އޮޑިޓް ކުރަންޖެހޭ ކުންފުންޏެއް ކަމަށެވެ. މިވަގުތު ރާއްޖޭގައި ތިއްބެވީ މަދު އޮޑިޓަރުންތަކެއް ކަމަށާއި، މިކަމަށް އިތުރު އޮޑިޓަރުން ބޭނުންވެފައިވާކަމަށް ނިޔާޒް ވިދާޅުވިއެވެ.
ނިޔާޒް ވިދާޅުވީ މިއަދު ޔުނިވަރސިޓީއާއި ހަވާލުކުރެވުނު ކޯސްތަކުން ބީ ކެޓަގަރީގެ ސެޓްފިކަޓަކީ ނެޝަނަލް ކޮލިފިކޭޝަން ފެންވަރުގެ ލެވެލް ނުވައެއް ފުރިހަމަކޮށް ނުވަތަ ފްރޮފެޝަނަލް އެކައުންޓެންސީ އިންސްޓިޓިއުޝަނެއްގެ ފުލް މެންބަރޝިޕެއް، އެހެން ނަމަވެސް ޕްރެކްޓިސިން ނެތް ފަރާތްތަކަށް ހިންގާ ކޯހެއް ކަމަށާއި އަދި ސީ ކެޓަގަރީއަކީ، އެމްއެންކިޔޫ ކޮލިފިކޭޝަން ލެވެލް ހަތެއްގެ ސްޓޭންޑަރޑްގެ ބޭފުޅުންނަށް އަމާޒްކޮށްގެން ހިންގާ ކޯހެއްކަމަށެވެ.
ބީ ކެޓަގަރީގެ ފަރާތްތަކަށް ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އޮޑިޓް ކުރެވޭނެ ކަމަށާއި، ނަމަވެސް ބޮޑެތި ވިޔަފާރިތަށް އޮޑިޓް ކުރެވޭނީ އޭ ކެޓަގަރީގެ އޮޑިޓަރުންނަށް ކަމަށް އޮޑިޓަރ ޖެނެރަލް ނިޔާޒް ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޔުނިވަރސިޓީގެ ވައިސް ޗާންސެލާރ ޑރ ހަސަން ހަލީމް ވިދާޅުވީ، ދުނިޔޭގެ ކޮރަޕްޝަން ލިސްޓްގެ ފަންސާސް ވަނާގައި އޮތީ ދިވެހި ރާއްޖެ ކަމަށާއި، މިފަށާ ކޯސްތަކުގެ ސަބަބުން އޮޑިޓަރުން އުފެދި އެލިސްޓުން ރާއްޖެ އުނިކުރުމަށް ވަރައްބޮޑަށް މަގުފަހި ވެގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ