ޔާމީން ރަޝީދުގެ މަރު: ހައިޝަމާއި ޒިހާންގެ ފަރާތުން ހުކުމް އިސްތިއުނާފްކޮށްފި

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ސ. ފޭދޫ، ޗަބޭލީގޭ ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުލަތުން އުފުލާފައިވާ ދައުވާ ސާބިތުވި ދެމީހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް އެމީހުންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފިއެވެ.
ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި ޔާމީން ރަޝީދު މަރާލި ކަމުގެ ކުށުގެ ދައުވާ ސާބިތުވެފައިވަނީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލްގެ އިސްމާއީލްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން ވަނީ ޖެނުއަރީ މަހުގެ 19 ވަ ދުވަހު އެދެމީހުންގެ މައްޗަށް ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި، އުމުރަށް ޖަލަށްލައި، 1.3 މިލިއަން ރުފިޔާ ދެއްކުމަށް ހުކުމްކޮށްފައެވެ.
މިމައްސަލާގައި ދައުލަތުން ހަ މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ. އެއީ، ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދެވެ.
އޭގެތެރެއިން ދިފްރާނާއި އިސްމާއީލުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދައުލަތުން ވަނީ މިމަހުގެ 17 ވަނަ ދުވަހު ހައި ކޯޓުގައި އިސްތިއުނާފްކޮށްފައެވެ. މައްސަލައިގައި ހިމެނޭ ހުސައިން ޒިޔާދުއާއި، ހަސަން ޝިފާޒުގެ މައްސަލަ އިސްތިއުނާފް ކޮށްފައިނުވަނީ އިސްތިއުނާފު ކުރާ މިންވަރަށް ހެކި ލިބިފައިނުވާތީ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެއެވެ.
ޔާމީނަށް ބޮޑެތި އަނިޔާތަކެއް ދިނުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުންދިޔަ މ.ސްޕެޓޫލާ، ސިޑި ކައިރިން 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ