އާލިއާ ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމު ނެޓްފްލިކްސްއަށް؟

ރެޑް ޗިލީސް އެންޓަޓެއިންމަންޓާއި އެޓާނަލް ސަންޝައިން ޕްރޮޑަކްޝަންސްއިން ގެނެސްދިނުމަށް ހަމަޖެހިފައިވާ ފިލްމު "ޑާލިންގްސް" މިއަހަރުތެރޭ ނެޓްފްލިކްސްއިން ޕްރިމިއަކުރުމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ބަތަލާ އާލިއާ ބަޓްގެ ޕްރޮޑަކްޝަން ހައުސް އެޓާނަލް ސަންޝައިންއިން އޭނާ އަލަށް ޕްރޮޑިއުސްކުރާ ފުރަތަމަ ފިލްމު ނެޓްފްލިކްސްއިން ޕްރިމިއަކުރާނެ ކަމަށް ބުނާއިރު މިފިލްމާ ގުޅޭގޮތުން ޕްރޮމޯޝަނަލް ވީޑިއޯއެއްވެސް ސޯޝަލްމީޑިއާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ.
އެހެންނަމަވެސް މިވީޑިއޯގައި ފިލްމު ސީދާ ނެޓްފްލިކްސްއިން ދައްކާނެކަމަށް އެއްވެސް ފިލްމީ ތަރިއަކު ކަށަވަރުކޮށްދީފައެއް ނުވެއެވެ. އޭގެ ބަދަލުގައި ކޮންމެ ފިލްމީ ތަރިއަކުވެސް އެސުވާލު އަނބުރާ ރައްދުކޮށްފައިވަނީ ބެލުންތެރިންނަށެވެ.
ފިލްމާ ބެހޭގޮތުން އާލިއާ ބުނެފައިވަނީ އޭނާގެ ފުރަތަމަ ޕްރޮޑަކްޝަން ފިލްމު ރެޑް ޗިލީސްއާއި ގުޅިގެން ގެނެސްދެވޭތީ ވަރަށް އުފާކުރާ ކަމަށެވެ.
ރެޑް ޗިލީސް އެންޓަޓެއިންމަންޓަކީ އެކްޓަރު ޝާހްރުކް ޚާންއާއި އަންހެނުން ގޯރީ ޚާން ގުޅިގެން ހިންގާ ކުންފުންޏެކެވެ.
މިވަގުތު ހޮލީވުޑްގެ އަލަތު ފިލްމު "ހާޓް އޮފް ސްޓޯން"ގެ މަސައްކަތަށް އިނގިރޭސިވިލާތުގައި ހުރި އާލިއާގެ އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށް ބެލުންތެރިންނާ ހިއްސާކުރި ޕްރޮމޯޝަނަލް ވީޑިއޯގައި ފިލްމާއި ބެހޭގޮތުން އޭނާވަނީ ވާހަކަ ދައްކާފައެވެ.
ފިލްމު "ޑާލިންގްސް" އަކީ ހެއްވާ މަޖާ ކަންތައްތައް އެކުލެވޭ "ޑާކް ކޮމެޑީ" ފިލްމެކެވެ.
ފިލްމުގައި ފެނިގެންދާނީ މަންމައަކާއި ދަރިފުޅަކު އިންޑިއާގެ މުމްބާއީއަށް ދިރިއުޅުން ބަދަލުކުރުމަށް ތައްޔާރުވާއިރު 2 މައިންނަށް ދިމާވާ އެކިކަހަލަ ގޮންޖެހުންތަކެވެ.
ޕްރަތިކްޝާ ރާއޯ ޑައިރެކްޓްކުރާ މިފިލްމުގައި ހިމެނޭ މުހިއްމު ތަރިންގެތެރޭގައި، ބަތަލާ ޝޭފާލީ ޝާހް، އެކްޓަރު ވިޖޭ ވަރުމާ، ރޯޝަން މެތިވް އަދި ޖަސްމީތް ހިމެނެއެވެ.
ގިނަ ބައެއްގެ ލޯތްބާއި އިހްތިރާމް ހޯދާފައިވާ ޝަހްސިއްޔަތު ގުލްޒާރްއާއި ވިޝާލް ދަދްލާނީ މިއުޒިކް ތައްޔާރުކޮށްދީފައިވާ މިފިލްމުގެ ލަވަތައްވެސް ވަރަށް ހިތްގައިމުވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިއަހަރުތެރޭ ބަތަލާ އާލިއާގެ ކާމިޔާބު ފިލްމުތަކެއް ރިލީޒްވެފައިވާއިރު މިފިލްމު ވެގެންދާނީ އޭނާގެ ފަރާތުން ބެލުންތެރިންނަށް ފެންނާނެ 4 ވަނަ ފިލްމަށެވެ.
ދެން އެންމެ އަވަހަށް ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވަނީ އާލިއާ އާއި ފިރިމީހާ ރަންބީރް ކަޕޫރުގެ ފިލްމު "ބްރައްމަސްތުރާ"އެވެ.
މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ