ރައްޔިތުން ހޭލުންތެރިކުރުމަށް ވިލުފުށީގައި ޕްރޮގްރާމެއް ހިންގައިފި

ތ އަތޮޅު ވިލިފުށީގައި ރައްޔިތުން ހޭލުންތެރި ކުރުމުގެ ޕުރޮގްރާމް ކާމިޔާބު ކަމާއެކު ނިމާލައިފިއެވެ.
މި ޕްރޮގްރާމް ކުރިޔައް ގެންގޮސްފައި ވަނީ ނިމިދިޔަ މަހުގެ 27 އިން 29 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ފުލުހުން ބުނެއެވެ.
މި ޕްރޮގްރާމަކީ ވިލިފުށީގެ ގޭބިސީތަކާއި ފިހާރަތަކަށް މައުލޫމާތު ދިނުމުގެ ގޮތުން އެރަށު ޕޮލިސް ސްޓޭޝަނުން ކުރިޔަށް ގެންދިޔަ ޕުރޮގްރާމެކެވެ.
އެގޮތުން، އެކި ނަންނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުމަށް އަންނަ ކޯލުތަކުން ސަލާމަތްވުމާއި ރީލޯޑް އަދި ރާސްޓަސް ހެދުމަށް ކުރާ ކޯލުތަކުން ރައްކާތެރިވުމަށްވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. މީގެ އިތުރުން ސައްހަ ނޫން ސްލިޕް ފޮނުވައިގެން ވިޔަފާރިކުރުން އިތުރުވަމުންދާތީ އެފަދަ ކަންކަމުން ރައްކާތެރިވުމަށާއި އޮންލައިން ޕޭޖުތައް ހަދައިގެން ޕްރީ އޯޑަރަށް ތަކެތި ގެނެސްދޭނެ ކަމަށްބުނެ އޮޅުވާލައިގެން ފައިސާ ހޯދާ މީހުންނާމެދު ސަމާލުވުމަށާއި ރައްކާތެރިވުމުގެ އިތުރުން ޑޮލަރު ހޯދައިދޭނެކަމަށްބުނެ އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތަކުން ރައްކާތެރިވުމަށްވެސް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
ކޭޝް ކާޑުގެ މައުލޫމާތު ހޯދަން މީހަކު އެދުނު ކަމުގައިވިޔަސް އެ މައުލޫމާތު ހިއްސާ ނުކުރުމަށާއި ފައިސާ ގެންގުޅުމުގައި އިތުރަށް ސަމާލުވުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައިވެއެވެ.
އަދި ގޭބިސީތަކާއި ވިޔަފާރިކުރާ ތަންތަނުގެ ސެކިއުރިޓީ ހާލަތު ދެނެގަނެ، އިތުރަށް ސަމާލުކަން ދޭންޖެހޭ ކަންކަން ބުނެދީފައިވެއެވެ. އަދި ވިޔަފާރިކުރާ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަމަށް އެލާމު ސިސްޓަމް ހަރުކުރުމަށާއި ސީސީޓީވީ ކެމެރާ ހަރުކުރުމަށް އިރުޝާދު ދީފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ