ކުންފުނިތައް ނުވިއްކާ ގައުމު ނުހިންގޭނަމަ އެއްފަރާތްވޭ: ޔާމީން

ކުންފުނިތައް ނުވިއްކާ ގައުމު ނުހިންގޭނަމަ އެއްފަރާތަށް ޖެހިލަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފި އެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމްގެ ކެމްޕޭނަށް މިއަދު ކޮމަންޑޫ އަށް ވަޑައިގެން ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ސަރުކާރުގެ ތެރެއިން އުފެދޭ ވަޒީފާތަކަށް ވުރެ ގިނަ ވަޒީފާތައް އުފައްދަނީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ކަމަށާއި ނަމަވެސް މި ސަރުކާރުން މިހާރުވެސް 13 ކުންފުނި ވިއްކާލަން ނިންމާފައިވާ ކަމަށެވެ.
މި 13 ކުންފުނި ހިންގަން ޔޫރަޕަކުން ނާންނާނެ ކަމަށާއި މި ކުންފުނިތައް ހިންގަން އަންނާނީ އިންޑިއާ އިން ކަމަށް ޔާމީން ވިދާޅުވި އެވެ. އެގޮތުން އެންމެ ފުރަތަމަ ވިއްކާލާނެ ކުންފުންޏަކަށް ވާނީ އައިލޭންޑް އޭވިއޭޝަން ކަމަށާއި އެ ކުންފުނި ބަނގުރޫޓުކޮށްލީ ވެސް ވިއްކާލުމުގެ ބޭނުމުގައި ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ސަރުކާރުގައި އޮތީ "މަންމަގެ އުނގުގައި އޮތް ފައްޓަރުބައި" ވިއްކާލުމުގެ ފަލްސަފާ ކަމަށާއި މިއަށް ވުރެ މަގާމުން އެއްފަރާތަށް ޖެހުނަސް މާ ރަނގަޅުވާނެ ކަމަށެވެ.
"ކީއްކުރަންތޯ އެހެން މީހުންގެ މަސައްކަތުން ބިނާކޮށްފައި ހުންނަ ތަންތަން މި މީހުންގެ ނުކުޅެދުންތެރިކަމާއި ހެދި ފައިސާ ހޯދަން ވިއްކަން ޖެހިގެން މި އުޅެނީ؟ އެއަށް ވުރެ ރަނގަޅު ނޫންތޯ ވިއްކައިގެން ނޫން ގޮތަކަށް ގައުމު ނުހިންގޭ ކަމަށް ވާނަމަ މުޅި ރައްޔިތުންގެ ހައްގުގައި އެއްފަރާތަށް ޖެހިލަންވީ ނޫންތޯ. އެއީ ނޫންތޯ ރައްޔިތުން ބޭނުންވާނެ ގޮތަކީ" ޔާމީން ވިދާޅުވި އެވެ.
13 ކުންފުނި ވިއްކާލުމުން އެތައް ހާސް ވަޒީފާއެއް އުފެއްދުމުގެ ފުރުސަތު ގެއްލިގެންދިޔައީ ކަމަށާއި ކުންފުނިތަކުގެ ހިއްސާ ބޭރުގެ ކުންފުނިތަކަށް ވިއްކާލާފައި އޮތުމުން ދަތިވާ އެތައް ކަމެއް އެބައޮތް ކަމަށް ޔާމީން ވިދާޅުވި އެވެ. އެގޮތުން ފެން ކުންފުނީގައި ބޭރުގެ ކުންފުންޏެއްގެ ހިއްސާ އޮންނާތީ ފެނުގެ އަގު ކުޑަކުރެވެން ވެސް ނެތް ކަމަށާއި އެކަމަށް ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
މީގެއިތުރުން ފާއިތުވި ފަސް އަހަރަކީ މުޅި ރާއްޖޭގެ ތާރީހުގައި ވެސް މިހާތަނަށް ސަރުކާރުގެ ކުންފުނިތަކުން ފައިދާގެ ނިސްބަތް ބަޖެޓަށް އެންމެ ބޮޑަށް ދިން ފަސް އަހަރު ކަމަށްވެސް ޔާމީން ވިދާޅުވި އެވެ. ނަމަވެސް އެމްޑީޕީން ވެރިކަމަށް އައުމަށްފަހު އަބަދުވެސް ރާއްޖެ އަށް ހިތްދަތި ދަތުރެއް ޖައްސާ ކަމަށާއި އެކަންކަން ރަނގަޅު ކުރުން އޮންނަނީ އެހެން ބައެއްގެ ޒިންމާއަކަށް ވެފައި ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ