ނަޝީދު ނުރުހޭތީ ޒަމީރު ސޮއި ގެންދަވައިފި

ރާއްޖެއިން އިންޑިއާ ސިފައިން ފައިބަން ގޮވާލައި އިދިކޮޅު ކޯލިޝަނުން ތައްޔާރު ކޮށްފައިވާ ޕެޓިޝަންގައި ސޮއި ކުރެއްވުމަށް ފަހު އެމްޑީޕީއަށް ނިސްބަތްވާ މައްޗަށްގޮޅި މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ޒަމީރު އަނބުރާ ސޮއި ގެންދަވައިފި އެވެ.
ޕެޓިޝަންގައި އިއްޔެ ވަގުތެއްގައި ޒަމީރު ސޮއި ކުރެއްވުމާ ގުޅިގެން އެމްޑީޕީގެ މައްޗަންގޮޅި މެދު ދާއިރާ އިން ނެރުނު ބަޔާނެއްގައި އެކަން ކުށްވެރިކޮށް ސޮއި ނެގުމަށް ގޮވާލާފައިވެ އެވެ. އެމްޑީޕީގެ ޓިކެޓެއްގައި އިންތިހާބުވި ބޭފުޅަކު އެގޮތަށް އަމަލު ކުރެއްވުމަކީ އިދިކޮޅު ފަރާތްތަކަށް ވާގިވެރިވުން ކަމަށް ދެކޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނެފައި ވަނީ އެމްޑީޕީގެ ހާރިޖީ ސިޔާސަތަކީ ގައުމުތަކާއެކު އޮންނަ ހާރިޖީ ގުޅުން ވަރުގަދަކޮށް ދެމެހެއްޓުން ކަމަށެވެ. ރާއްޖެ އާއި އިންޑިއާގެ ގުޅުމަކީ ޒަމާންވީ ހަރުދަނާ ގުޅުމެއް ކަމަށް ފާހަގަކޮށް ބަޔާނުގައި ބުނެފައި ވަނީ ޒަމީރުގެ އަމަލަކީ އެމްޑީޕީގެ އަސާސީ ގަވާއިދާ ހިލާފު އަމަލެއް ކަމަށެވެ.
ޒަމީރު މިއަދު ވިދާޅުވީ "އިންޑިއާ މިލިޓަރީ އައުޓް" ގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ތައްޔާރު ކޮށްފައިވާ ޕެޓިޝަންގައި އޭނާ ސޮއި ކުރެއްވީ ބައެއް ރައްޔިތުންގެ ހިތްތަކުގައިވާ ނުތަނަވަސް ކަމަށް ޖަވާބު ހޯދައިދީ ކިލަނބުކަން ފިލުވައިލުމަށެވެ. އެކަމަކު ޕެޓިޝަންގައި އޭނާ ސޮއި ކުރެއްވުމަކީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރުހިވަޑައި ނުގަންނަވާ ކަމަކަށްވާތީ ސޮއި އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.
އިންޑިއާ އިން ރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރާ ގޮތަށް ސިއްރު އެޖެންޑާއެއްގެ ދަށުން މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުންގެ ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެކަމަކު އެފަދަ ވާހަކަތަކުގެ ދިފާއުގައި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން އަބަދުވެސް ވާހަކަ ދައްކަވަ އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި ނަންނަމުގައި އިންޑިއާ ސިފައިންގެ 200 ވަރަކަށް މީހުން އުޅޭ ކަމަށް އިދިކޮޅު ޕާޓީން ބުނެ އެެވެ. އެކަމަކު ކަމާ ގުޅޭ އިދާރާތަކުން އެ ވާހަކަތައް ޔަގީންކޮށްދީފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ