އެއްބަސްވި ރޭޓަށްވުރެ އިތުރަށް ރިސޯޓަކަށް ފައިސާ ދެއްކި މައްސަލައެއް!

އެއްބަސްވެފައިވާ ރޭޓަށް ވުރެ އިތުރަށް ކޮވިޑް-19 ގެ އެކަމަޑޭޝަންގެ ގޮތުގައި ރިސޯޓަކަށް ފައިސާ ދައްކާފައިވާ މައްސަލައެއް ކޮވިޑާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީން ކުރި ހަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުން ހާމަވެއްޖެއެވެ.
އެ އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ބަލިމީހުންނާ އެކަހެރި ކުރާ މީހުން ބޭތިއްބުމަށް ކަރަންޓީން ފެސިލިޓީު/އައިސޮލޭޝަން ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކުރުމަށް ދައުލަތަށް ބައެއް ރިސޯޓްތައް ގިނަވެގެން ތިން މަހުގެ މުއްދަތަށް، ނެގުމަށް ދައުލަތާއި އެ ރިސޯޓް ތަކާއި ދެމެދުު އެއްބަސްވުން ތައްޔާރުކޮށްފައިވާ ކަމަށެވެ.
މިގޮތުން އެއްބަސްވެފައި ވަނީ ބޭނުންކުރާ ކޮންމެ ކޮޓަރިއަކަށް ދުވާލަކަށް 750 ގެ ރޭޓުން އިތުރު އެއްވެސް ކަމަކަށް ދައުލަތުން ޚަރަދުކުރަން ނުޖެހޭ ގޮތަށް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ. ނަމަވެސް އޭގެ ތެރެއިން އެއް ރިސޯޓަކުން ޓީޖީއެސްޓީ އަށްވާ 12 ޕަސެންޓު ހިމެނޭ ގޮތަށް، ދުވާލަކަށް 840 ރުފިޔާގެ ރޭޓުން ބިލުކޮށްފައިވާއިރު އެ ރޭޓުން އެ ފަރާތްތަކަށް ފައިސާ ދައްކާފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
"އެހެންކަމުން އެއްބަސްވެފައިވާ ރޭޓަށްވުރެ އިތުރަށް، 206،280 ރުފިޔާ ޚަރަދުުކޮށްފައިވާކަން ފާހަގަކުރަމެވެ" އެ ރިޕޯޓުގައި ބުނެފައިވެއެވެ.
ދައުލަތުގެ މާލީ ކަންކަމާ ޙަވާލުވެގެން ތިބޭ ފަރާތްތަކުން، ދައުލަތުގެ މުދަލާއި ފައިސާ ރައްކާތެރި ކުރުމާއި އެ ފައިސާއިން ކުރެވޭ ޚަރަދުތައް ކުރެވެނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށްތޯ ބަލައި، ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށްކަން ކަން ހިންގައި ބެލެހެއްޓުމަކީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން އެ ފަރާތްތަކުގެ ޒިންމާއެއްކަން ވަނީ ފާހަގަކޮށްފައެވެ.
"ނަމަވެސް، ފްރަންޓްލައިންގައި މަސައްކަތް ކުރި ފަރާތްތަކަށް އެކަމަޑޭޝަން ހަމަޖައްސާފައިވާ ގެސްޓް ހައުސްތަކާއި އެކު އެއްބަސްވުން ހަދާފައި ނުވުމުންނާއި، އެ ބިލުތަކަށް ފައިސާ ދެއްކުމުގެ ކުރިން ފައިސާ ދެއްކެނީ ލިބިފައިވާ ޚިދުމަތަށްކަން ކަށަވަރު ކޮށްފައި ނުވުމުން އެކަމުގައި މާލީ ޒިންމާދާރުވެރިޔާއާއި ފައިސާ ޚަރަދުކުރަން ހުއްދަ ދޭ ފަރާތްތަކުން އެ ފަރާތްތަކުގެ މަސްއޫލިއްޔަތުު އެންމެ އެކަށީގެންވާ ގޮތެއްގައި އަދާކޮށްފައިވާ ކަމަށް ނުދެކެން" ރިޕޯޓުގައި ބުނެފައިވެއެވެ.
އޮޑިޓް ރިޕޯޓުގައި ވަނީ އެއްބަސްވުމުގައިވާ ރޭޓަށްވުރެ އިތުރަށް ދީފައިވާ ފައިސާ އެފަރާތުން އަނބުރާ ހޯދައި ދައުލަތުގެ މާލިއްޔާއަށް ޖަމާކުރުމަށް އަންގާފައިވާ ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި، ބިލްތަކަށް ފައިސާ ދައްކާއިރުު މިކަމަށް ސަމާލުކަން ދިނުމަށްވެސް ވަނީ އަންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ