އުޑުން ރަޙްމަތަށް އެދޭ މީހާގެ ކިބައިގައި މިސިފަތައް ހުންނަން ޖެހޭނެއިރު ތިބާގެ ޙާލަކީ ކޮބައިހެއްޔެވެ؟: މުފްތީ މެންކް

އިންސާނާގެ މުޅި ޙަޔާތުގައިވެސް އެންމެ ބޮޑު ސަމާލުކަމެއްދޭ އެއްކަމަކީ މީސްތަކުންނަށް ރަޙްމްކުރުން ކަމުގައި ހަދާށެވެ. އެހެނީ "އެހެން މީހުންނަށް ރަޙުމް ނުކުރާ މީހަކަށް ﷲ ތަޢާލާ ރަޙުމް ނުކުރައްވަވާނެތެވެ! ބިންމަތީގައިވާ މީހުންނަށް ތިއަބައިމީހުން ރަޙުމްކުރާށެވެ! އެއިރުން އުޑުތަކުގައިވާ (ﷲ އާއި މަލާއިކަތުން) ތިއަބައިމީހުންނަށް ރަޙުމް ކުރައްވަވާނެތެވެ!" މިއީ ރަސޫލް (ޞޢވ)ގެ ޙަދީޘްފުޅުން އެނގެން އޮތް ކަމެކެވެ.
މީސްތަކުންނަށް އަނިޔާވެރި ނުވެ ރަޙުމްކުރަންވީ މިންވަރާއިމެދު ނިކަން ވިސްނައިބަލާށެވެ!
"ރަޙްމާން ވަންތަ ރަސްކަލާނގެ އަޅުންނީ، މަޑުމައިތިރިކަމާއެކު ބިމުގައި ހިނގާ އުޅޭމީހުންނެވެ. އަދި އެއުރެންނާ ޖާހިލުން މުޚާޠަބް ކޮށް ވާހަކަދައްކައިފި ހިނދަކު، އެއުރެން ސަލާމްއޭޭ ބުނެތެވެ." (ފުރްޤާން: 63) މިއާޔަތުގައި ބަޔާންކުރައްވަވާފައި މިވަނީ ﷲ ތަޢާލާގެ ޙަޟްރަތުން ރަޙްމަތަށް އެދޭ މީހާގެ ހުންނަންޖެހޭ ސިފަތަކެވެ. 
މިއާޔަތުން އެނގިގެން މިދަނީ މީހަކު ހަޑިހުތުރު ބަހުރުވައިން މުޚާޠަބްކުރި ނަމަވެސް އެމީހަކަށްވެސް ރައްދުދިނުމެއް ނެތްކަމެވެ. އޮތީ އެމީހަކަށް ހެޔޮދުޢާކުރުން ކަމެވެ. އެހެނީ ނުބައި ބަސްތައް ބުނުމަކީ ޖާހިލުންގެ ކަމެކެވެ. ޖާހިލުންތެރޭގައި ވެގެން އަހަރެމެންނަށް ﷲ ތަޢާލާގެ ރުއްސެވުމެއް ނުލިބޭނެއެވެ. 
ހަމައެއާއިއެކު ބިންމަތީގައި ހިނގައި އުޅެންވީވެސް މަޑުމައިތރިކަމާއިއެކުގައިކަމެވެ. އެއިގެ މާނައަކީ ކިބުރުވެރިނުވެ، ބޮޑާކަން ނުދައްކައި އަދި ﷲ ތަޢާލާއަށް ކިޔަމަންތެރިކަމާއިއެކުގައި ކަމެވެ. 
މީސްތަކުންނޭވެ! އެހެން މީހުންނަށް ބޮޑާކަން ދައްކައި ކިބުރުވެރިވެ އަނިޔާވެރިވެވޭނީ ކިހިނަކުން ހެއްޔެވެ؟ އެމީހުންނަކީވެސް ﷲ ތަޢާލާ އުފެއްދެވި އަޅުންނެވެ! ތިބާއަކީ ވެސް ހަމަ ﷲ ތަޢާލާ އުފެއްދެވި އެކަލާނގެ އަޅެކެވެ. 
މިކަންކަން ބަޔާން ކުރެއްވެވުމަށްފަހު ދެން ވަޙީކުރައްވަވާފައި އެވަނީ ﷲ ތަޢާލާގެ ރަޙްމަތަށް އެދޭ މީހާގެ ކުރަންޖެހޭނެ ކަންކަމެވެ. "އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއަށް އަޅުކަން ކުޅައުމަށް، ސަޖިދަކުރުމުގައްޔާއި، ޤިޔާމަށްތިބުމުގައި، ރޭގަނޑުގެ ވަގުތު ހޭދަކުރާ މީހުންނެވެ." (ފުރްޤާން: 64) 
ވީމާ ރޭއަޅުކަންކުރުމުގެ ކުރިއަށްވެސް ﷲ ތަޢާލާ ބަޔާން ކުރައްވަވާފައި އެވަނީ އެހެން މީހުންނަށް ހެޔޮކޮށް ހިތުމުގެވާހަކައެވެ. އެއީ އެކަމުގެ މުހިންމުކަން ބަޔާންކުރެއްވެވުމަށެވެ. ވިސްނާށެވެ! ﷲ ތަޢާލާ ވަޙީކުރައްވަވާފައި އެވަނީ ﷲ ތަޢާލާގެ ރަޙްމަތަށް އެދޭ މީހާއަކީ ރޭއަޅުކަންކުރުމުގައި ވަގުތުހޭދަކުރާ މީހަކަށްވުމަށެވެ. އަހަރެމެންގެ ޙާލަކީ ކޮބައިހެއްޔެވެ؟ ރޭއަޅުކަން ކުރެވޭ ހެއްޔެވެ؟ 
އަހަރެމެންނަށް މިއުޅެނީ ފަރުޟު 5 ނަމާދުވެސް ނުކުރެވިގެންނެވެ. ވީއިރު އަހަރެމެންނަށް ﷲ ތަޢާލާގެ ރަޙްމަތަށް އެދޭ މީހުންނަށް ވެވޭނީ ކިހިނަކުން ހެއްޔެވެ؟ 
އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވަވާފައިވެއެވެ. " އަދި އެއުރެންނީ ދަންނަވާ މީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ނަރަކައިގެ ޢަޛާބް، އަޅަމެންގެކިބައިން ދުރުކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އެތާނގެ ޢަޛާބަކީ، ވަކިނުވެ ދެމިހުންނަ ކަމެކެވެ.(.) ހަމަކަށަވަރުން، ހަމަޖެހިތިބޭ ތަނެއްގެ ގޮތުންނާއި، ޤާއިމް ވެތިބޭ ވަޒަނެއްގެ ގޮތުން އެ ނަރަކަ ހާދަހާ ނުބައިވެގެންވެއެވެ.(.)" (ފުރްޤާން: 65،66) 
ވީމާ ﷲ ތަޢާލާގެ ރަޙްމަތަށް އެދޭމީހާއަކީ އެކަލާނގެ ޢަޛާބުން ސަލާމަތްކޮށްދެއްވެވުން އެދި ގިނަގިނައިން ދުޢާކުރާ މީހަކަށް ވާން އެބަޖެހެއެވެ. 
- މުފްތީ މެންކްގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ