އެމްއޭސީއެލްގެ ބޯޑަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ޑިރެކްޓަރުންގެ ބޯޑަށް ދެ ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
އެމްއޭސީއެލްގެ ބޯޑަށް އަލަށް އައްޔަން ކުރެއްވި ދެ ބޭފުޅުންނަކީ އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި މުހައްމަދު މިހާދު އާއި މއ.ބްލޫގްރާސް، ފަރުހާން އަބްދުއްޣަފޫރެވެ. މީގެކުރިން އެ ބޯޑުގައި ހުންނެވި މުހައްމަދު އަބްދުއްސައްތާރު ވަނީ ބޯޑުން ވަކިކޮށްފައެވެ.
އެމްއޭސީއެލްގެ ބޯޑުގައި މިހާރު ތިއްބަވަނީ މިހާދާއި ފަރުހާންގެ އިތުރުން ކުންފުނީގެ ޗެއާމަން މުހައްމަދު އުމަރު މަނިކު، އަދި ޑިރެކްޓަރުންކަމަށްވާ، ފާތިމަތު މުއާޒާ އިބްރާހިމް، ޑރ.އިބްރާހިމް މަހްފޫޒް އަދި އިބްރާހިމް ނޫރައްދީންއެވެ.
އެމްއޭސީއެލްގެ ބޯޑަށް ބަދަލުތަކެއް ގެނައި އިރު، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް އިނގިރޭސިވިލާތުގެ ގޯޑަން އެންޑްރޫ ސްޓީވާޓް ވަނީ ހަމަޖައްސައިފައެވެ. ގޯޑަން ވަނީ އެކި ގައުމުތަކުގައި ވައިގެ ދަތުރުފަތުގެ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވައިފައެވެ.
އޭނާ މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގަތުމާ ހަމައަށް ސީއީއޯގެ ޒިންމާތައް އަދާކުރައްވަމުން ގެންދަވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ބޮޑުބޭފުޅު މޫސާ ސާލިހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ