ޝިޕިން ގަވާއިދު އުވާލީ ނުފޫޒުން ކަމަށް ބުނެ ނަހުލާގެ މައްސަލަ އަމިއްލަ ފަރާތްތަކުން އޭސީސީއަށް

ޝިޕިން އެޖެންޓުން ރަޖިސްޓްރީ ކުރަން ލާޒިމްކޮށް ހެދި ގަވާއިދު ބޯޑަށް ހުށަނާޅައި އުވާލުމާ ގުޅިގެން އަމިއްލަ ފަރާތްތަކުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.
މައްސަލަ ހުށަހަޅާފައިވަނީ ރޭގެ ވަގުތެއްގައެވެ. މިނިސްޓަރު ނަހުލާގެ މައްސަލަ އޭސީސީއަށް ހުށަހަޅާފައިވަނީ 70 މީހުންގެ ސޮޔާއެކު އެވެ.
ރާއްޖޭގައި ހިދުމަތް ދޭ ހުރިހާ ޝިޕިން އެޖެންސީތަކެއް ޓްރާންސްޕޯޓް އޮތޯރިޓީގައި ރަޖިސްޓްރީ ކުރަން ލާޒިމްކޮށް ގަވާއިދެއް އެކުލަވާލީ މިދިޔަ ޖުލައި މަހުގެ 16 ވަނަ ދުވަހު އެވެ. ނަމަވެސް މިމަހުގެ 17 ވަނަ ދުވަހު އެ ގަވާއިދު ވަނީ އުވާލައިފަ އެވެ.
ގަވާއިދު އުވާލަން ނިންމި ސަބަބެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން އޭރު ބުނީ، އެ ގަވާއިދާ ގުޅިގެން ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ގަވާއިދުގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައި ވުމާއި އެ ގަވާއިދުގައި ބައިނަލްއަގްވާމީ މިންގަޑުތަކާއި ތައާރަޒުވާ ޓެކްނިކަލް މައްސަލަތަކެއް ހުރުމުން ގަވާއިދު މުރާޖާކުރުމަށް ޓަކައި ކަމަށެވެ.
އެ ގަވާއިދުގައި ބުނެފައިވާ ގޮތުން މިދިޔަ އޮގަސްޓް މަހުގެ 16ގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީގައި ޝިޕިން އެޖެންސީ ރަޖިސްޓްރީ ކުރަން ޖެހެ އެވެ. އަދި އެ މުއްދަތަށްފަހު ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމަކީ މަނާ ކަމެކެވެ. ގަވާއިދުގައި ބުނެފައި ވަނީ ރާއްޖޭގެ ވިޔަފާރި ބަނދަރުތަކުގައި ޝިޕިން އެޖެންޓުކަން ކުރަން ވާނީ، ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރާ ލައިސަންސް ހޯދުމަށްފަހުގައި ކަމަށާއި ފަސް އަހަރުގެ މުއްތަށް ދޫކުރާ އެ ލައިސަންސް އެހެން އެއްވެސް ފަރާތަކަށް ބަދަލު ނުކުރެވޭނެ ކަމަށެވެ.
އެމައްސަލަ ހުށަހަޅާ ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ ޝިޕިން އެޖެންސީތައް ރެގިޔުލޭޓު ކުުރުމަށްޓަކާ މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީ އިން 16 ޖުލައި 2020 ވަނަ ދުވަހު ގެޒެޓުކުރި ޝިޕިން އެޖެންސީގެ ހިދުމަތް ދިނުމާ ބެހޭ ގަވައިދު ތަންފީޒު ކުރުމަށް މިނިސްޓްރީ އިން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށާއި އަދި އެ ގަވައިދު ތަންފީޒު ނުކުރެވޭ ކަމުގެ ޝަކުވާ ތަކުރާރުކޮށް މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށެވެ.
އެގޮތުން އެ ގަވައިދު ހިންގާނީ ޓްރާންސްޕޯޓު އޮތޯރިޓީ އިން ނުވަތަ ކަނޑު ދަތުރުފަތުރުގެ ކަންތައް ބެލެހެއްޓުމުގެ ކަންތައް ބަލަހައްޓާ މިނިސްޓްރީ އިން ކަން އެނގެން އޮންނަ ކަމަށާއި އެ ގަވައިދު އުވާލާ ޝިޕިިން އެޖެންސީތަކަށް އަލުން ފައިސާ ނެގޭނެ ގޮތް ހަމަޖެއްސުމަށް އިންޓާނަލް މެމޯއަކުން މިނިސްޓަރު ޓްރަންސްޕޯޓު އޮތޯރިޓީގެ ބޯޑަށް އަންގާފައިވާ ކަމަށެވެ.
އަދި ގަވައިދު ތަންފީޒު ނުކުރެވޭތީ، ގަވައިދު ތަންފީޒު ކުރުމުގެ ގޮތުން ބޯޑުން މިނިސްޓްރީ އަށް އެކަން ތަކުރާރުކޮށް އަންގާފައިވާ ކަމުގެ މައުލޫމާތުވެސް ލިބިފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.
އެ ސިޓީގައި ބުނީ ޓްރާންސްޕޯޓު އޮތޯރިޓީގެ ގާނޫނުގެ 14 ވަނަ މާއްދާގައި އެ ގާނޫނު ތަންފީޒުކުރުމުގެ ގޮތުން ކަނޑައަޅަންޖެހޭ އުސޫލުތައް ކަނޑައެޅުމާއި ގަވައިދުތައް ހެދުމަކީ ޓްރާންސްޕޯޓު އޮތޯރިޓީގެ ބޯޑުގެ މަސްއޫލިއްޔަތެއް ނަމަވެސް ޓްރާންސްޕޯޓު އޮތޯރިޓީ ހިންގުމާއި އަދި އެ އޮތޯރިޓީ އިން ހަދަންޖެހޭ ގާނޫނުތަކާއި ގަވައިދުތައް ހެދުމާއި އެ ގާނޫނުތަކާއި ގަވައިދުތައް ބާތިލް ކުރުމަކީ އެ އޮތޯރިޓީގެ ބޯޑުން ކުރަން ޖެހޭ ކަމެއްކަމަށާއި އެއްވެސް ހާލަތެއްގައި ބޯޑުން ފާސްކުރުމެއް ނެތި އެއިރަކު މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކަށް ފެނިވަޑައިގަންނަވާ ގޮތަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެފައިވެއެވެ.
ނަމަވެސް ޝިޕިން އެޖެންޓުންނާ ބެހޭ ގަވައިދު ބާތިލްކޮށްފައިވަނީ އެ އޮތޯރިޓީގެ ބޯޑުން ފާސް ކުރުމެއް ނެތި ކަމަށާއި އެ އޮތޯރިޓީގެ ބަހެއް ނެތި މިނިސްޓަރު އަމިއްލަފުޅަށް ގަވައިދު އުވާލައްވާފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ނާޖައިޒުފައިދާއެއް ހޯދައިދިނުމަށް ކަމަށް ފެންނާތީ އެ މައްސަލަ ބަލައިދިނުމަށް އެދި އޭސީސީ ގައި ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ