މުޒާހަރާތައް މެދުކަނޑާލަން ރައްޔިތުން ވަނީ ނިންމާފައި: އަދުރޭ

މާލޭގައި މީގެ ހަފްތާއެއް ކުރިން ބޭއްވި ސިލްސިލާ މުޒާހަރާ ތައް މިވަގުތު އިތުރަށް ކުރިއަށް ނުގެންދަން ރައްޔިތުން ނިންމާފައިވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ. މުޒާހަރާތައް ކޮށްފައިވަނީ ޕީޕީއެމް ޕީއެންސީގެ ވެރިން އިސްސަފުގައި ތިބެގެން "އެންމެން އެއް އަޑަކުން" މި ޝިޔާރުގެ ދަށުންނެވެ. އެ މުޒާހަރާތަކަކީ ޕީޕީއެމް ޕީއެންސީއިން އިންތިޒާމުކުރާ މުޒާހަރާތަކެއް ނޫން ކަމަށް އަދުރޭ މިރޭ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއީ ރައްޔިތުން ބާއްވާ މުޒާހަރާތަކެއް ކަމަށެވެ. "ރައްޔިތުން މިހާރު ނިންމާފައި ވަނީ މުޒާހަރާތައް ބޭއްވުން މެދުކަނޑާލަން،" އަދުރޭ ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވީ ރައްޔިތުން އެގޮތަށް ނިންމީ ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ ކަމަށެވެ. އެހެން އަދުރޭ ވިދާޅިވި ނަމަވެސް އެ މުޒާހަރާތަކަށް ރައްޔިތުން ނުކުތުމަށް ގޮވާލާފައިވަނީ ޕީޕީއެމް ޕީއެންސީއިންނެވެ. މުޒާހަރާތައް ފެށުމާއި ނިމުންވެސް ކުރިއަށް ގެންދަނީ ޕީޕީއެމްގެ މައި އޮފީސް ސަރަހައްދުންނެވެ. މީގެ ކުރިން އަދުރޭ ވިދާޅުވެފައި ވަނީ ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވާ ކަމަށް ބުނެ ސަރުކާރުން އުޅެނީ ބިރު ދައްކަން ކަމަށާއި ހައްޖު ދުވަހުގެ ރޭ ފިޔަވައި ކޮންމެ ރެއަކު މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ. ކޮވިޑާ ގުޅިގެން ކުރި ފުރަބަންދަށް ލުއި ދިން ފަހުން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ އެޗްޕީއޭ އިން އަންނަނީ ގައިދުރުކަން ބަހައްޓައި ގިނަ މީހުން ބައިވެރިވާ އެއްވުންތައް ނުބާއްވަން ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ