އަފްޣާނިސްތާނުގެ ދެ މިސްކިތަކަށް ހަމަލާދީ 60 މަރު

ކާބުލް (އޮކްޓޯބަރު 21) - އަފްޣާނިސްތާނުގެ ދެ މިސްކިތަކަށް ހަމަލާދީ 60 އަށް ވުރެ ގިނަ މީހުން މަރާލައިފި އެވެ.
ފުރަތަމަ ހަމަލާ އަމާޒުކޮށްފައި ވަނީ ވެރިރަށް ކާބުލްގައި ހުރި ޝިއައީ މިސްކިތަކަށެވެ. އިމާމް ޒަމާން މިސްކިތުގައި ނަމާދު ކުރަން ތިބި މީހުންނަށް އަމާޒުކޮށް ދިން ޖާނުންފިދާވުމުގެ ބޮމުގެ ހަމަލާގައި 30 މީހުން މަރުވެ 45 މީހުން ޒަޚަމްވި ކަމަށް ފުލުހުން ބުންޏެވެ. މި ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވަނީ އުފުލައިފަ އެވެ.
ބޮމުގެ ދެ ވަނަ ހަމަލާދީފައި ވަނީ މެދުތެރޭގެ ޕްރޮވިންސެއް ކަމަށްވާ ގޯރުގެ ސުންނީ މިސްކިތަކަށެވެ. ޕްރޮވިންސް ފުލުހުންގެ ތަރުޖަމާން މުހައްމަދު އިގްބާލް ނިޒާމީ ވިދާޅުވީ އެ ހަމަލާގައި 33 މީހުން މަރުވި ކަމަށެވެ. ބައެއް ފަރާތްތަކުން ބުނި ގޮތުގައި ހަމަލާ އަމާޒުކޮށްފައި ވަނީ ޖާމިއާ ޕާޓީގެ ލީޑަރު އަދި ކުރީގެ ކޮމާންޑަރެއް ކަމަށްވާ އަބްދުލް އާހިދަށެވެ. ޖާމިއާ ޕާޓީން ބުނެފައިވާ ގޮތުގައި މިސްކިތަށް ދިން ހަމަލާގައި އާހިދު ވަނީ މަރުވެފަ އެވެ. އަދި އޭނާގެ ހަތް ބޮޑީގާޑުން ވެސް ވަނީ މަރުވެފަ އެވެ.
ދެ މިސްކިތަކަށް ދިން ހަމަލާ ކުށްވެރި ކުރުމަށް އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ނެރުއްވި ބަޔާނުގައި ބުނެފައި ވަނީ ޓެރަރިސްޓުންގެ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށެވެ. އަފްޣާނިސްތާނުގެ ތާލިބާނުން ފަހަކަށް އައިސް ވަނީ ސަލާމަތީ ފަރާތްތަކަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ