ނަޝީދަށް ކުރި ހުކުމާއި ގުޅިގެން ރައްޔިތުން ފަނޑިޔާރުގެއާއި މެދު ޝައްކު ކުރާނެ - އީޔޫ

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ މައްޗަށް ރޭ ކްރިމިނަލް ކޯޓުން ކުރި ހުކުމާއި ގުޅިގެން، ރައްޔިތުން ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަށް ކުރާ އިތުބާރު ގެއްލ، ރައްޔިތުން ފަނޑިޔާރުގެޔާއި މެދު ޝައްކު އުފައްދާނެކަމުގެ ބިރު އެބައޮތް ކަމަށް ބުނެ، ވިލާތުގެ އިއްތިހާދުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޔޫރަޕިއަން ޔޫނިއަނުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދަޢުވާ ސާބިތުވެ، އެމަނިކުފާނުގެ މައްޗަށް ހުކުމް ކުރުމަކީ، ރާއްޖޭގެ ރައްޔިތުން ރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަށް ކުރާ އިތުބާރު ކުޑަކޮށް، އެ ނިޒާމާއި މެދު ޝައްކު އުފެއްދުމަށް ދެވޭ ޖާގައެއް ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ، މަދަނީ އަދި ސިޔާސީ ހައްޤުތަކާއި ބެހޭ ބައިނަލްއަޤްވާމީ މުއާހަދާގައި ސޮއިކޮށްފައިވާ ޤައުމަކަށް ރާއްޖެ ވާ ހިނދު، އެ މުއާހަދާގައި ބަޔާންކޮށްފައިވާ އުންސުރުތަކަށް ރާއްޖެއިން ތަބާ ވާންޖެހޭނެ ކަމަށެވެ.
އަދި، ރައީސް ނަޝީދުގެ މައްޗަށް ކުރެވުނު ހުކުމް އެމަނިކުފާނުގެ ފަރާތުން އިސްތިއުނާފު ކޮށްފި ނަމަ، އިސްތިއުނާފުގެ މަރުހަލާ ދެފުށް ފެންނަ އުސޫލަކުން ކުރިޔަށް ގެންދިއުމަށް ވިލާތުގެ އިއްތިހާދުން ވަނީ ގޮވާލާފައެވެ.
އަދި، އެމަނިކުފާނަށް ލިބެންޖެހޭ ހައްޤުތައް ލިބޭނެ ފަދައިން އިސްތިއުނާފުގެ މަރުހަލާ ކުރިޔަށް ގެންދިއުމަށް ވެސް ވިލާތުގެ އިއްތިހާދުން ވަނީ ގޮވާލައްވާފައެވެ.
ރައީސް ނަޝީދުގެ މައްޗަށް ކުރެވުނު ޓެރަރިޒަމްގެ ދަޢުވާގެ ޝަރީޢަތްތައް ކުރިޔަށް ގެންދިޔައީ ބައެއް ޝަރުއީ އިޖްރާޢަތްތައް ފުރިހަމަ ނުކޮށް ކަމަށް ބައެއް ފަރާތްތަުންނާޢި ޤާނޫނީ ވަކީލުން ބުނަމުން ދާއިރު، ރާއްޖޭގެ ޖަމިއްޔާއެއް ކަމުގައިވާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުން ވަނީ ޝަރީޢަތުގައި ފުރިހަމަ ނުކުރާ އިޖްރާޢަތްތަކާއި ބެހޭ މައްސަލަ އދ އަށް ވެސް ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ