ކޮވިޑާހެދި ސައުދީ ރައްޔިތުން 16 ގައުމަކަށް ދަތުރުކުރުން ސަރުކާރުން މަނާކޮށްފި

ކޮވިޑްބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާތީ، ސައުދީ އަރަބިއްޔާގެ ރައްޔިތުން ދުނިޔޭގެ 16 ގައުމަކަށް ދަތުރުކުރުން ސައުދީ ސަރުކާރުން މަނާކޮށްފިއެވެ.
ސައުދީ ރައްޔިތުން ދަތުރުކުރުން މަނާކުރި 16 ގައުމުގެ ތެރޭގައި ހިމެނެނީ، ލުބުނާން، ސޫރިޔާ، ތުރުކީ، އީރާން، އަފްޣާނިސްތާން، އިންޑިއާ، ޔަމަން، ސޯމާލިއާ، އިތިއޮޕިއާ، ޑީއާރް ކޮންގޯ، ލީބިޔާ، ވިއެޓްނާމް، އަރްމީނިއާ، ބެލަރޫސް އަދި ވެނެޒުއެލާއެވެ.
ސައުދީ ސަރުކާރުގެ ޕާސްޕޯޓާބެހޭ އޮފީހުން ޓްވީޓްކުރި ބަޔާނެއްގައި، އަރަބި ނޫން ގައުމަކަށް ސައުދީ ރައްޔިތުން ދަތުރުކުރާނަމަ ފުރިހަމަވާންޖެހޭ ޝަރުތުތަކެއް ބަޔާންކޮށްފައި ވެއެވެ.
އެގޮތުން ގައުމުން ބޭރަށް ދަތުރުކުރެވޭނީ ކޮވިޑް ވެކްސިންގެ ތިން ޑޯޒް ފުރިހަމަކޮށްފައިވާ ނުވަތަ ދެވަނަ ޑޯޒް ޖެހިތާ ތިންމަސްވެފައިވާ މީހުންނަށް ކަމަށް ބުނެފައި ވެއެވެ. އުމުރުން 12 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިން ދެޑޯޒް ޖަހާފައިވާނަމަ ދަތުރު ކުރެވޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
އުމުރުން 12 އަހަރުން ދަށުގެކުދިން ސައުދީ އަރަބިއްޔާއިން ބޭރަށް ދަތުރުކުރާނަމަ ދެވޭނީ ކޮވިޑްބަލީގެ އިންޝުއަރެންސް ޕޮލިސީއެއް ބަހައްޓާފައި ކަމަށްވެސް ޕާސްޕޯޓް އޮފީހުން ބުނެއެވެ.
މިގޮތަށް ހަމަޖެއްސިނަމަވެސް، ސަރުކާރުގެ ތަވައްކަލްނާ އެޕްލިކޭޝަންގައި ކަނޑައަޅާފައިވާ ސިއްހީ އުޒުރަކަށްޓަކައި، އެފަދަ މީހުންނަށް ގައުމުން ބޭރަށް ދަތުރުކުރުމުގެ ހުއްދަ ދެވޭނޭ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.
ކޮވިޑްބަލީގެ ހާލަތު ޗައިނާއައި، ދުނިޔޭގެ ބައެއް ގައުމުތަކުގައި އަލުން ވަރަށް ބާރަށް ފެތުރެމުންދާއިރު، ދުނިޔޭގެ 75 ވަނަ ވޯރލްޑް ހެލްތު އެސެމްބްލީވެސް މިއަދުވަނީ ފަށާފައެވެ. ވޯރލްޑް ހެލްތު އެސެމްބްލީ މި ފަހަރުވެސް މއިގަނޑުގޮތެއްގައި އަމާޒުކޮށްފައިވަނީ ކޮވިޑް ބަލިން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި، ،މިފަދަ އާލަމީ ވަބާތަކުން ރައްކާތެރިވެ ތިބުމަށް ފިޔަވަޅުތައް އެޅުމުގެ މައްޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ