ފައިތިލައަށް އެކަށީގެންވާ ފަރުވާ ދިނުން

އަހަރެމެންގެ ހަންގަނޑު ޕޮލިޝްކޮށް އެ އަށް ބޭނުންވާ އުޖާލާކަމާއި ޒުވާންކަން ގެނެވޭތޯ އަބަދުހެން މަސައްކަތްކުރެ އެވެ. ސިއްހަތަށް ފައިދާ ހުރި ކާނާ ކައި، ކަސްރަތުކޮށްގެން ހަށިގަނޑު ފިޓުކޮށް ބެހެއްޓޭތޯ ވެސް މަސައްކަތްކުރެވެ އެވެ. އަދި ދުޅަހެޔޮ ދިރިއުޅުމެއްގެ ބޭނުމުގައި ވީހާ ވެސް ހަރަކާތްތެރި ދިރިއުޅުމެއް އުޅެވޭތޯ ވެސް ބެލެ އެވެ. މި ހުރިހާ ކަމަކަށް ފަރުވާ ބަހައްޓާއިރު ވެސް ގިނަ މީހުންނަށް ފަރުވާކުޑަކޮށް އަޅާނުލެވޭ ބައެއް ވެސް ހަށިގަނޑުގައި އެބަ ހިމެނެ އެވެ. އެއީ އަހަރެމެންގެ ދެ ފަޔެވެ. މިއީ އަހަރުމެން ކުރާ ހުރިހާ ކަމެއްގައި އެންމެ ބުރަކޮށް ބައިވެރިވާ އަހަރެމެންގެ ހަށިގަނޑުގެ މުހިއްމު ގުނަވަނަކަށް ވިޔަސް ދެ ފައިތިލައާ މެދު ފަރުވާ ކުޑަކުރެވޭ ގޮތް ގިނަ ފަހަރަށް ދިމާވެ އެވެ. މުޅި ދުވާލު ބުރަކޮށް ވަރުބަލިކޮށް އުޅުމަށް ފަހު އަރާމުކުރަން ޖައްސާލާ ވަގުތު ފަޔަށް އެކަށީގެންވާ އަރާމެއް ލިބޭ ކަހަލަ ފަރުވާއެއް ގޭގައި ތައްޔާރުކޮށްލެވިއްޖެ ނަމަ އެއީ ހަމަ ގައިމުވެސް ވަރަށް ބޮޑުހިތްހަމަޖެހުމެއް ލިބޭނެ ކަމަކަށްވާނެ އެވެ. މި ޒަމާނުގައި ގިނަ ބަޔަކު ހޭބޯނާރާ މަސައްކަތުގައި އުޅެން ޖެހިފައިވުމާ އެކު ދެފަޔަށް ފަރުވާއެއް ދިނުމުގެ ގޮތުން މާ ގިނަ ވަގުތު ހޭދަކުރެވޭކަށް އެއްވެސް މީހަކަށް ނޯވެ އެވެ. އަދި ބިއުޓީ ޕާލާއަކަށް ގޮސް އެތައް ބައިވަރު ވަގުތަކާއި ފައިސާއެއް ޚަރަދުކުރެވޭކަށް ވެސް ނޯންނާނެ އެވެ. ނަމަވެސް ހަފުތާއަކު އެއް ފަހަރު ނުވަތަ އެންމެ މަދުވެގެން ވެސް މަހަކު އެއްފަހަރު ފުޓް ސްޕާ ޓްރީމަންޓެއް ދިނުން ނުވަތަ ޕެޑިކުއާ އެއް ހަދާލުމަކީ ހަމަ ގައިމުވެސް ކޮންމެ މީހަކަށް ވެސް މުހިއްމު ކަމަކަށް ވާނެ އެވެ. އޭރުން ފައިތިލައިގެ ޒުވާންކަމާއި ރީތިކަން އިތުރުވެފައި ފަޔަށް އަރާމު ލިބޭނެ އެވެ. ތަނަކަށް ނުދިޔަސް ގޭގައި ވެސް ބަންދު ދުވަސް ދުވަހު މިފަދަ ހޯމް ފުޓް ސްޕާގެ ފަރުވާއެއް ހޯދިދާނެ އެވެ. މިފަދަ ހޯމް ފުޓް ސްޕާ ޓްރީޓްމަންޓެއް ތައްޔާރުކޮށްލާކަށް މާ ގިނަ ވަގުތެއް ބޭނުމެއް ނުވާނެ އެވެ. މިފަދަ ކަމަކަށް ފަށައިގަންނައިރު ތިރީގައި މިވާ ކަންތައްތަކަށް ސަމާލުކަން ދޭށެވެ. ު * އިނގިލިތަކުގައި ނެއިލް ޕޮލިޝް ހާކާފައި ހުރި ނަމަ ރީއްޗަށް ފިލުވާލުން * އެއަށްފަހު ސައިބޯނި ލައިގެން ދެ ފައި ރީއްޗަށް ދޮވުމަށްފަހު ސާފު ފެނުން ދޮވެލުން. ދެން އޮތީ އެންމެ މުހިއްމު ބައެވެ. ދެ ފައި ފެނަށް ލައިގެން ފޯކޮށްލުމެވެ. * ފައި ވާޅުވެ ވަރުބަލިވެފައިވާ ނަމަ - ދެ ފައި ރީއްޗަށް ލެވޭ ވަރުގެ ތައްޓަކަށް ދެ ލީޓަރު ހޫނުފެން އަޅާށެވެ. މި ފެނުގެ ތެރެއަށް ލެވެންޑަ އެސެންޝިއަލް އޮއިލް 3 ތިކި ވައްޓާލާށެވެ. އަދި ރޯޒްމޭރީ އެސެންޝިއަލް އޮއިލްގެ ވެސް ތިން ތިކި ވައްޓާލާށެވެ. ލުނބޯ ހުތް ދެ ތިން ތިކި ވައްޓާލާށެވެ. * ފައި ސާފުކޮށް އަރާމު ހޯދަން ފައި ފެނަށް ލާނަމަ - ދެ ލީޓަރު ފެނުގެ ތެރެއަށް ލޮނުކޮޅެއް އަޅާށެވެ. ދެން އޭގެ ތެރެއަށް ޒައިތޫނިތެޔޮ ތިން ތިކި، ލެވެންޑާ ފަތްކޮޅެއް ޗަސްކޮށްލާފައި އަޅާށެވެ. އަދި ތާޒާ މިންޓް ފަތްކޮޅެއް ވެސް ޗަސްކޮށްފައި އަޅާފައި އެއަށް ފައި ލައިގެން އިރުކޮޅަކު އިންނާށެވެ. * ފައިގެ މަޑުކަމާއި ރީތިކަން ދެމެހެއްޓުމަށް ފައި ފެނަށް ލާނަމަ: - ޖޯޑެއްގެ ހަތަރުބައި ކުޅަ އެއްބައި ހުންނަހާ ކިރު ހޫނުކޮށްފައި ދެ ފައި ލެވޭ ވަރުގެ ތައްޓަކަށް އަޅާށެވެ. ދެން ޖޯޑެއްގެ ހަތަރުބައިކުޅަ އެއްބައިހާ ލުނބޯ ހުތް ވެސް އަޅާށެވެ. އަދި ހަމަ މިހާވަރަށް ހޫނު ފެން ވެސް އަޅާށެވެ. ދެން ކުޑަ ފޮނިތޮށިކޮޅެއް ވައްޓާލާފައި ޒައިތޫނިތެޔޮ ދެ ތިއްކެއް ވަރު ޖަހާފައި އެއަށް ފައިލައިގެން 15 ވަރަކަށް މިނިޓް އިންނާށެވެ. * ހަނީ ފުޓް ބާތެއް ނަގަން ބޭނުންވާނަމަ - ދެ ލީޓަރު ހޫނު ފެނަށް އެއް ސަމުސާ މާމުއި އަޅާށެވެ. ދެން ދިޔާ ސައިބޯނި އެއް ސަމުސާ އަޅާށެވެ. އެއް މޭޒުމަތީ ސަމުސާ ވެނީލާ އެކްސްޓްރެކްޓް އަޅާށެވެ. އަދި މޭޒުމަތީ ސަމުސަލުގެ ދެ ސަމުސާ ހުންނަހާ ސްވީޓް އާމަންޑް އޮއިލް ވެސް އަޅާފައި މި ފެންގަނޑަށް ފައި ލައިގެން އިންނާށެވެ. * ދެފައި މާބޮޑަށް ޑްރައި ވާނަމަ؛ - ތިން ޖޯޑު އޯގަނިކް އަލަނާސި ޖޫހާއި ބައި ޖޯޑު އޯގަނިކް ކާށިކިރު ހޫނުފެނަށް އަޅާފައި އެއަށް ފައި ލައިގެން އިންނާށެވެ. މަތީގައި ދެންނެވުނު ކޮންމެ ގޮތަކީ ވެސް ގޭގައި ސްޕާއަކުން ލިބޭ ކަހަލަ ރަނގަޅު ފަރުވާއެއް އަމިއްލައަށް ތައްޔާރުކޮށްލެވޭނެ ފަރުވާއެވެ. ފުޓް ސްކްރަބް އުނގުޅުން ފައި ސްކްރަބްކުރަން ބޭނުންނަމަ ސްޓްރޯބެރީ ފުޓް ސްކްރަބް ފަދަ ފިހާރަތަކުން ލިބެން ހުންނަ ފުޓް ސްކްރަބެއް ހޯދައި އެއިން އެތިކޮޅެއްގެ ތެރެއަށް ދެތިން ތިކި ލުނބޯ ހުތް ޖަހާފައި ފައިގައި އުނގުޅާފައި ރަނގަޅަށް މަސާޖުކޮށްލާށެވެ. ސްޓްރޯބެރީ ފުޓް ސްކްރަބް ވެސް ގޭގައި ތައްޔާރުކޮށްލަން ބޭނުންނަމަ 8- 10 ވަރަކަށް ސްޓްރޯބެރީ ރަނގަޅަށް ޗިސްޗިސްކޮށްލުމަށް ފަހު ދެ މޭޒުމަތީ ސަމުސާ ޒައިތޫނި ތެލާއި އެއް މޭޒުމަތީ ސަމުސާ ލޮނު އެއްކޮށްލުމުން އެފަދަ ސްކްރަބެއް ތައްޔާރުކުރެވުނީ އެވެ. ފަޔަށް މިފަދަ ފަރުވާއެއް ދިނުމަށް ފަހު ސާފު ފެން ފޮދަކުން ފައި ރީއްޗަށް ދޮވެލާފައި ތުވާއްޔަކުން ރީއްޗަށް ފޮހުމަށްފަހު ފުޓް މޮއިސްޗަރައިޒިން ކްރީމެއް އުނގުޅާލުން މުހިއްމުވާނެ އެވެ. ވެސްލީން ބަޓާ ލޯޝަން ފަދަ އެއްޗެއް ރަނގަޅު ވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ