މޫނުމަތިން އެކަނި ނަލަކަމެއް ނުދެއްކޭނެ

ކޮންމެ ގައުމެއްގެ ވެސް ވެރިރަށަކީ އެ ގައުމެއްގެ މޫނުމައްޗެވެ. އެ ގޮތުން މާލެއަކީ ރާއްޖޭގެ މޫނުމަތިކަމާ މެދު ދެބަސްވާނެ މީހަކު ނުހުންނާނެ އެވެ. އެ ގޮތުން މާލެ ރީތިކޮށް ސާފުކޮށް ބޭއްވުމަކީ އެތައް ގޮތަކުން މުހިންމު ކަމެކެވެ. އެ ކަމުގައި ހުރި އިޖްތިމާއީ، ސިއްހީ އަދި އިގްތިސާދީ ފައިދާތައް ނުހަނު ގިނަ އެވެ. ދިވެހީންނަށާއި މި ރާއްޖެ އަށް ޒިޔާރަތްކުރާ ބިދޭސީންނަށް ވެސް މިއީ ވަރަށް މުހިންމު ކަމެކެވެ. މިއަދު މާލޭ ސިޓީ ކައުންސިލުން ފެށި "ނަލަ ފެހި މާލެ" ޕްރޮގްރާމަކީ، ފެށުން އެތައް އަހަރެއް ލަސްވެފައިވާ އަދި މާލެ އަށް ނުހަނު ބޭނުންވެފައިވާ ވަރަށް މުހިންމު ޕްރޮގްރާމެކެވެ. ފުޅާ ދާއިރާއެއްގައި ހިންގަންޖެހޭ ޕްރޮގްރާމެއްމެ އެވެ. އެ ކަމުގައި މާލޭގެ ހުރިހާ އެންމެން، ހުރިހާ މުއައްސަސާތައް ބައިވެރިވާން ވެސް ޖެހޭ ޕްރޮގްރާމެކެވެ. ނަމަވެސް އެ ޕްރޮގްރާމް ކުރިއަށް ދާނީ ކިހާ ފުޅާމިނެއްގައި ކިހާ މުއްދަތަކަށްތޯ ސުވާލު އުފެދެ އެވެ. މިހާރު ވެސް މާލޭގެ މޫނުމައްޗަށް ވުރެ ބޮޑަށް ސާފުތާހިރުކަން ގެއްލިފައިވަނީ މާލޭގެ ރަށުތެރެ އެވެ. މަގުތަކާއި ގޯޅިތަކުގެ ސާފުތާހިރުކަން ވަނީ ގެއްލިފަ އެވެ. ގިނަ މަގުތަކެއް އަޑިގުޑަންވެފައިވާ އިރު، ދުވާރުތަކުގެ ސާފުތާހިރުކަން ވެސް ވަނީ ގެއްލިފަ އެވެ. ގޭގޭގެ ފާރުބުޑުގައި އެ ގޭގޭގެ ސާމާނުތައް ނެރެ ފުނިޖަހާފައި ހުންނަނީ މަދެއްކޮށް ނޫނެވެ. ވޯކްޝޮޕްތަކާއި ގަރާޖްތަކުގެ ކުރިމަތީ އޮންނަ ސަރަހައްދުތަކަކީ ގޮނޑުކަން އެންމެ ބޮޑު އެއް ސަރަހައްދުތަކެވެ. އެ ހުރިހާ ކަމަކަށް ވުރެ މާލޭގެ މަގުތަކުގެ އާންމު ސާފުތާހިރުކަމުގެ މައްސަލަ ބޮޑެވެ. މި ކަމުގެ ޒިންމާ ހަގީގަތުގައި އުފުލަންޖެހޭ ބަޔަކީ އާންމު ރައްޔިތުންނެވެ. އެ ކަމުގެ ހެއްކަކީ ވާރޭކޮޅެއް ވެހިލުމުން މަގުތަކުން އެ ފެންނަ މަންޒަރެވެ. މަގުގެ ތަޅުންގަނޑު ފޮރުވިފައި އޮންނަނީ، އަޅުގަނޑުމެން އުކާލާ ސުޕާރީ ޕެކެޓްތަކާއި އެކި ވައްތަރުގެ ޕްލާސްޓިކް ކޮތަޅާއި ތަފާތު ބުއިންތަކުގެ ހުސް ޕެކެޓްތަކުންނެވެ. އަޅުގަނޑުމެން އާންމު ރައްޔިތުންގެ ޒިންމާދާރުކަން މިހާ ކުޑައިރު، މާލޭގެ ސާފުތާހިރުކަން ދެމެހެއްޓުމުގެ ޒިންމާއާ ހަވާލުފައިވާ މާލޭ ސިޓީ ކައުންސިލުން ވެސް މި ކަމަށް ދޭ ސަމާލުކަން އިންތިހާ އަށް ކުޑަ އެވެ. މަގުތަކުގެ ކާނުތައް ސާފުނުކުރާތާ އެތައް ދުވަހެއް ވެފައިވާ އިރު، މަގު ކުނިކަހާ މީހުން ވެސް ކާނުތަކުގެ ތެރެއަށް ވެލިތަކާއި ކުނިތައް އަޅާލުމަކީ މި މައްސަލަ ކުރިމަތިވާ މައިގަނޑު އެއް ސަބަބެވެ. މާލޭގެ މޫނުމަތީގައި މާގަސްތައް އިންދައި ގޮނޑިިބަރި ބެހެއްޓުމަކުން މާލެ ނަލަކުރެވުނީ ކަމަކަށް ނުވާނެ އެވެ. އޭގެ އިތުރުން މާލޭގެ ކާނުތައް ސާފުކޮށް، ހަލާކުވެފައިވާ ކާނުތައް މަރާމާތުކޮށް މަގުތައް އެއްވަރުކޮށް އަޑިގުޑަން ފިލުވަންޖެހެ އެވެ. ވަކީން ޚާއްސަކޮށް ބޮއްސުންލާފައިވާ ޕާކްކުރުމުގެ މައްސަލަ އަށް ވެސް އަވަސް ހައްލެއް ބޭނުންވެ އެވެ. ގަވާއިދާ ޚިލާފަށް ޕާކްކުރުން ހުއްޓުވުމަށް ވެސް ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ